ހޮނިހިރު ދުވަހެއްގެ އެގާރަޖަހާއިރު ދޮރުގެ ބެލް ޖަހާނީ ކާކުހެއްޔެވެ؟
ހުޅުވައި ބަލައިލީ މިހާ ހައިރާން ވާނެ ކަމަކަށް ނޫނެވެ. އެއީ ރީތި ކުއްޖެކޭ ބުނެލައިގެން އަދި ފުއްދޭކަށް ނެތެވެ. އެއީ ރީތީ މުބާރާތަކަށް ވެސް ކަމުދާނެ ކުއްޖެކެވެ. މިހެން މިބުނެވުނީ ހަމަ އެކަނި މޫނަށް ބަލާފައެވެ.
އެކުއްޖާގެ ހެދުމަށް ބަލާލާއިރު އެއީ ތަނަވަސްކަމެއް ނެތް ކުއްޖެކެވެ. ގަހަނާއެއް މޭކަޕެއް ނެތެވެ. ގަޑިއެއް ވޮލެޓެއް ވެސް ނެތެވެ.
“އަހަރެން ކޮށްދޭންވީ ކޮންކަމެއްތަ؟”
“ކުރާނެ ކަމެއް ދައްކާ.” އޭނާ ފަހެއްވެސް ނުޖެހެއެވެ.
އަހަރެން ދައްކާނީ ކޮން ކަމެއްހެއްޔެވެ؟ މިގޭގައި ޖެހޭ ކަންތައް ކުރަން މަސައްކަތު މީހުން އައިސް އުޅެއެވެ. ގެހުންނަނީ ނުލާހިކު ރީއްޗަށް ސާފުކޮށްފައެވެ. އެމީހުން ނާންނާނީ ހުކުރު ހޮނިހިރުގައެވެ. އައިސް އެހެން މީހަކު ސާފު ކުރާނެ އެންމެ ތަންކޮޅެއް ވެސް ނުބާއްވާނެއެވެ. އެމީހުން މަސައްކަތް ނިންމާލާފައި ދާނީ ރޭނގަނޑަށް ކެއުން ވެސް ތައްޔާރުކޮށްފައެވެ. ހެނދުނު އޮފީހަށް ދިއުމުގެ ކުރީގައި ކޮފީ ހަދާނީ އަހަރެން އަމިއްލައަށެވެ. އެއީ ގޭގައި މީހަކު ނިދަން އޮންނަން އަހަރެން ހިތް ނޭދޭތީއެވެ.
“ކައްކަން އެނގޭތަ؟” އަހަރެން މިހެން އަހާލުމުން އޭނާ ފަސްޖެހިލިއެވެ.
“އެތެރެއަށް އާދޭ! “
އަހަރެން އޭނާ ގޮވައިގެން ބަދިގެއަށް ވަދެ ތަރުކާރީއާ ފިޔަޔާ މިރުސް ކޮށަން ހަވާލު ކޮށްފީމެވެ. އޭނާގެ މޫނުމަތީން ހައިރާން ކަން ފެނުނެވެ. އެއީ އޭނާ އުންމީދު ކުރި ކަހަލަ މަސައްކަތެއް ނޫންވީމައެވެ.
އަހަރެން ދިރިއުޅެނީ އެކަނިކަން ނޭނގޭ މީހަކު މިހިސާބުގައިވެސް ނުހުންނާނެއެވެ. ޚުދު އަހަންނަށް ވެސް އަހަރެން އެކަނި އުޅޭ ސަބަބެއް ނޭނގެއެވެ. މިނިވަންކަމަށް އަހަރެން ލޯބި ކުރާތީ ކަމަށް ވެދާނެއެވެ. އަހަރެން ބޭނުން އިރަކު ބޭނުން ކަމެއް ކޮށްލަން ހުރަހެއް ނޯންނާނެތީ ކަމަށް ވެދާނެއެވެ. އަހަރެން ބޭނުން ކަހަލަ މީހަކާ ދިމާ ނުވާތީ ކަމަށް ވެސް ވެދާނެއެވެ.
އަހަރެން ހުސްވަގުތު ހޭދަ ކުރަނީ ޓީވީ ބެލުމުގައި އާއި ކޮމްޕިއުޓަރ ކައިރީގައެވެ. އަދި ވާހަކަ ފޮތް ކިއުމަކީވެސް އަހަރެންގެ އާދައެކެވެ.
އަހަރެން އާންމުކޮށް އޮފީހުން ނިމިގެން ގެޔަށް އަންނާނީ ހަވީރުއެވެ. އަހަރެން ފެންވަރާލައިގެން ކުޑަކޮށް އަރާމުކޮށްލާ ހަދާލުމަށް ފަހު މާ ލަސް ނުވަނީސް ކާނީއެވެ. ދެން ފިލްމެއް ބެލުމަށްފަހު ނިދޭނީ ފޮތެއް ކިޔަން އޮއްވައެވެ. އެހެން ކަމުން އަހަންނަކަށް އިތުރު މީހެއްގެ ބޭނުމެއް ނުޖެހެއެވެ.
އަހަރެން އަލަށް އައި މި ޚާދިމާގެ ނަން އަހާލީމެވެ. އޭނާގެ ނަމަކީ ސާރަތެވެ. އުފަން ރަށަކީ ޏ. މުލަކެވެ. އެކުއްޖާ ރީތި ކުއްޖަކަށް ނުވާންވީ ސަބަބެއް ނެތެވެ. މުލަކަކީ އަންހެން ކުދީން ރީތި ކަމަށް އަޑުއަރާފައި އޮންނަ ރަށެކެވެ.
އަސްލުގައި އަހަރެން ޗުއްޓީ ދުވަހު ކައްކަނީވެސް ކުރާ ހިތުން ކުރާ ކަމެއްގެ ގޮތުގައެވެ. ދާދި ކައިރީގައި ފާސްޓް ފުޑް ތަނެއް ވެސް ހުރެއެވެ. ފޯނު ކޮށްލާއިރަށް ދެމިނިޓެއްހާ އިރު ތެރޭގައި ބޭނުން އެއްޗެއް ގެނެސްދޭނެ ވެސް މެއެވެ.
އަހަންނަށް ކެއްކުމަކީ ބޮޑު ކަމެއް ނޫނެވެ. ބަތް ކައްކާނީ މައިކްރޯ އަވަންގައެވެ. ރިހައެއް ނުކައްކަމެވެ. ޓޫނާ މަސްދަޅާއި ބޭކެޑް ބީންސް ޓޮމާޓޯ ކެޗަޕް އެވެ. މިވަރުން އަހަރެންގެ ސިއްހަތަށް ފުދޭވަރު ވެއެވެ.
ސާރަތު އަކީ ކެއްކުމުގެ މާ ބޮޑު ހުނަރެއް ހުރި ކުއްޖެއްކަމަކަށް އަހަންނަކަށް ނުފެނުނެވެ. އެހެންނަމަވެސް އަހަރެން ދެއްކި ކަންތައް އޭނާ ކޮށްފިއެވެ.
އޭނާ ހުރީ ބަނޑުހައިވެފައިކަން އަހަންނަށް ފާހަގަ ވިއެވެ. އެހެންކަމުން ފުރިޖުން ޖޫސް ޕެކެޓެއް ނަގާފައި އަހަރެން ދީފީމެވެ. ކަންތައްވީ އަހަރެން ހީކުރި ގޮތަށެވެ. ސާރަތު ލަދުން ހުރެމެ ޖޫސް ޕެކެޓް ބޮއިފިއެވެ. އޭނާ އެ ޖޫސް ޕެކެޓް ބުއިގޮތުން އޭނާ ހައިވެފައި ހުރިވަރު އަހަންނަށް ފާހަގަ ކުރެވުނެވެ.
“ކަލޭ ބޭނުންނަމަ މިގޭން މެންދުރު ކައިގެން ދާން މަޑުކޮށްލެވިދާނެ.”
އަހަންނަށް އޮތީ އެއްގޮތެކެވެ. އޭނާއަށް ލާރިކޮޅެއް ދީފައި ފޮނުވާލުމެވެ. ނޫނީ ދާން ބޭނުންވަންދެން ބަހަށްޓާލުމެވެ. މިހެން ހިތަށް އަރަން ފެށީ އޭނާގެ ރީތިކަން ފެނިގެން އެކަންޏެއް ނޫނެވެ. އެއީ ވެސް ސަބަބެކެވެ. މިހާ ރީތި ނޫންނަމަ އަހަރެން އޭނާ ގެޔަށް ނުވެސް ވެއްދީމުހެވެ. ނުވަތަ އޭނާގެ ނިކަމެތިކަމުގެ އިހްސާސް އަހަރެންގެ ހިތަށް ކުރުވި އަސަރަކުން ކަމަށްވެސް ވެދާނެއެވެ.
އަހަންނަށް އޭނާ ފޮނުވާލެވިދާނެއެވެ. އެކަމަކު ފައިސާކޮޅެއް ހޯދަން އޭނާ ގޮސް އަތްދިއްކުރާނީ އެހެން މީހަކަށަވެ. އެންމެނަކު އަހަރެން ކަންތައް މި ކުރިފަދަ ސާފުތާހިރު ގޮތަކަށް ކަމެއް ނުކުރާނެއެވެ. އެކުއްޖާގެ ރީތިކަމާއި ލަތީފު ކަމުން ނަގާނީ އެހެން ކޮންމެވެސް ފައިދާއެކެވެ. އަހަރެންގެ ހިތަށް ސިފަކުރެވުނީ މާބުރެއްގެ ރަހުމު ކުޑަ ތުންގަނޑުގެ ދަށުގައި ދިފާއެއް ނެތް ފިނިފެންމަލެއް ހަފުސްވެގެން ދާނެ މަންޒަރެވެ.
“ސާރަތު މާލޭގައި އުޅެނީ ކޮންތާކު.”
“މިހާރު ތަނެއް ނެތް. “އޭނާ ދެރަވެލާފައި ބުންޏެވެ. “މަސައްކަތެއް ހޯދަން މިއައީވެސް ކުލިދައްކަން ފައިސާ ހޯދުމަށް.”
އަހަރެންގެ ޖަޒްބާތުތަކުގެ ނަރުތަކުގައި އޭނާގެ މި ބަސްތަކުގައި ކުޅެލިއެވެ. އެ ނަރުތަކުން އިވިގެން ދިޔައީ ހިތާމަވެރި ރާގެކެވެ.
އަހަރެންނަށް ނުދަންނަ ކުއްޖަކަށް ކެއުމަށް ދައުވަތު ދެވުނީތީ އަހަރެން ހުރީ ހައިރާންވެފައެވެ. “ކެއުމުގެ ކުރީގައި މިހިރަ ކޮޓަރިއަށް ވަދެ ކުޑަކޮށް ތާޒާވެލާ. “ ޖެހިގެން ހުރި ކޮޓަރި ހުންނަނީ ހުސްކޮށެވެ. އަހަރެން ބަލަނީ އެކޮޓަރިއަށް މީހަކު ނުވައްދާ ވޭތޯއެވެ.
ކިޔަމަންތެރި ޚާދިމާއެއް ފަދައިން އޭނާ އަވަހަށް ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ.
އެއީ އަންހެންކުއްޖަކަށް ބޭނުންވާ ހުރިހާއެއްޗެއް ވެސް ބަހަށްޓާފައި ހުރި ކޮޓަރިއެކެވެ. ކުރީފަހަރެއްގައި އަހަރެންގެ ކޮއްކޮ ރޭޝަމް އަންނަން ވެގެން އެތަނަށް ހުރިހާ ބާވަތެއްގެ ސާމާނެއް ވާނީ ހަމަކޮށްފައެވެ. އަދި ހެދުންތަކާއި ގަހަނާތަކާއި ސެންޓްތަކާ އަދި އަންހެން ކުއްޖަކު ބޭނުންވާނެކަމަށް ހީކުރެވޭ ހުރިހާ އެއްޗެއް ވެސް ވަނީ އެތަނަށްލައި ހަމަކޮށްފައެވެ. އެހެންނަމަވެސް ކޮއްކޮ މާލެ އައުމުގެ ބަދަލުގައި ދިޔައީ އޮސްޓްރޭލިޔާއަށެވެ.
ސިޓިންގ ރޫމުގައި ޓީވީ ހުޅުވާފައި ހުއްޓެވެ. މާ ގަޔާވާ ޗެނެލެއް ނޫނެވެ. ރިމޯޓުން އެއްކޮޅުން އަނެއް ކޮޅަށް ޗެނެލް ބަދަލު ކުރުމަށް ފަހު އެންމެ ފަހުން ކޮމެޑީ ޗެނެލަކަށް އަޅުވާލެވިއްޖެއެވެ. ޗާލީ ޗެޕްލިން އަކީ އަހަރެން ބަލާ ފޫހިވާ ޕްރޮގްރާމެއް ނޫނެވެ. ސާރަތު ފެންވަރާލައިގެން އައިސް އަހަރެންގެ ފުރަގަހުގައި ހުރި ގޮޑިއެއްގައި އިންކަން އަހަންނަށް އެނގުނީ ކޮންމެވެސް ކަމަކާ އޭނައަށް ހެވުނު އަޑު އިވިގެންނެވެ. އަހަރެން ބަލާލި އިރު އޭނާވެސް އިނީ ޓީވީން ދައްކާ ހެއްވާ ކަންތަކާ ގަޔާވެފައެވެ. އަހަރެންގެ އެއް ފަރާތުގައި ހުރި ސޯފާ ސެޓް ދައްކާފައި އެތަނަށް އައުމަށް އަހަރެން އިޝާރާތް ކޮށްލީމެވެ.
ސާރަތު ފެނުމުން އަހަރެންގެ ކޮއްކޮގެ މަތީން ހަނދާންވީ އޭނާ ހުރީ ކޮއްކޮގެ ހެދުމެއް ލައިގެން ކަމުންނެވެ. އަދި ޖަހާފައި ހުރީވެސް ކޮއްކޮއަށް އެންމެ މީރުވަސްދުވާ ޗެނަލް 3ގެ ސެންޓެވެ.
“ކަލެއަށް މިކޮޓަރި ވަރަށް ކަމު ހިނގައްޖެ ދޯ؟” އަހަރެން އެހެން ބުނީ ގަދަރު ކުޑަކުރާކަށް ނޫނެވެ. ރީތި ދިރިއުޅުމެއް އުޅޭނަމަ ކިތަންމެ ދެރަމީހަކަށް ވެސް އަހަރެން ގަދަރު ކުރަމެވެ. އަހަންނަށް ނޭނގެނީ ސާރަތު އުޅެނީ ކޮން ކަހަލަ ދިރިއުޅުމެއް ކަމެވެ. އެކަނި ދިރިއުޅޭ ފިރިހެނަކު އުޅޭ ގެޔަކަށް ރަނގަޅު ކުއްޖަކު އެކަންޏަކު ނުވެސް އަންނާނެއެވެ. މަސައްކަތަކަށް އެދޭ އިރު އޭނާގެ ކިބައިން އެމީހަކު އެދޭނީ ކޮން ކަމެއްކަމެއް ވެސް ނޭނގޭނެއެވެ. އެވާހަކަތައް އަހާނެ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތެވެ.
ކާން ހެދީ އަހަންނެވެ. ދެމީހުންނަށް ތަށި އަތުރާފައި ގޮވާލުމުން ސާރަތު އަތުވެއްޖެއެވެ. ދެމީހުން ކެއީ ހިމޭން ކަމާއެކުގައެވެ. ކައި ނިމުމުން އަހަރެން ސައިތަށްޓެއް ހަދަން ތެދުވުމުން އޭނާ ތަށިތައް ނަގައިގެން ގޮސް ދޮވެ ހިއްކައި ރެކްގައި ރީތިކޮށް ޖަހާލިއެވެ.
އޭނާ ނުކުމެ ދާން ބޭނުން ކަމަށް ބުނުމުން އަހަރެން ވޮލެޓުން ފަސްސަތޭކަ ރުފިޔާ ނަގާފައި ދިއްކޮށްލީމެވެ. އޭނާ އަހަރެންނަށް ބަލަން ހުރީ އަހަރެންގެ ދީލަތި ކަމުން ކަމެއް، އޭނާގެ ކިބައިން އަހަރެން އެހެން ކަމަކު އެދެން ބޭނުންތޯ ބެލުމަށް ކަމެއް އަހަންނަކަށް ނޭނގުނެވެ.
“ދެން އަޅުގަނޑު ދާންވީތޯ؟”
“އާނ. މިވަގުތަކު ދެން އިތުރު ކަމެއް ނެތް.”
އަހަރެން މިހެން ބުނުމުން އޭނާ ހައިރާން ވެފައި ހުރެފައި ގޮސް ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްފިއެވެ. ދަމުން އޭނާ ޝުކުރިއްޔާއޭ ބުނެލިއެވެ.
“ވެލްކަމް.” އަހަރެން ވެސް ބުނެލީމެވެ.
އޭނާ ދިޔަފަހުން އެތައް އިރެއް ވީއިރު ވެސް އޭނާގެ މީރުވަސް އަހަރެންގެ ނޭފަތުގައި ބީހެމުން ދިޔައެވެ. އޭނާ ހީނލާ އަޑާއި ހިނިތުންވެލާއިރަށް އެ ހުންނަ ފަރިކަން އަހަރެންގެ ލޯމަތިން ފެންނަން ހުރެއެވެ.
ހަމަ ކުއްލިއަކަށްހެން ފުރަތަމަ ފަހަރަށް އަހަރެން މީހެއްގެ މަތީން މިސްވާން ފަށައިފިއެވެ. އަދި މީހަކަށްޓަކައި ހިތް ބޭކަރާރުވާން ފަށައިފިއެވެ. އޭނާ ފޮނުވާލެވުނު މޮޔަ ހިތަށް އަރައިފިއެވެ.
ދެރަކަމަކީ އޭނާގެ ފޯންނަމްބަރެއް ގުޅޭނެ ގޮތެއް އަހަރެންނަށް އަހާލެވިފައި ނެތީމައެވެ. އަހަރެންގެ ހިތް ހަމަ ކުއްލިއަކަށް އޭނާއަށްޓަކައި ފިދާވެއްޖެއެވެ.
އެހެން ދުވަސްދުވަހު ހަވީރު ނިދާލާ ފަސޭހަ ކަމާއެކު މިއަދަކު އަހަންނަކަށް ނުނިދުނެވެ. އަހަރެންގެ އަތުން އަހަރެން އެންމެ ބޭނުން ޖަވާހިރު އެއްލާލެވުނީ ކަމުގެ އިހްސާސް ކުރެވި ހިތަށް އެކަންތައް ކެތްނުވާވަރު ކޮށްލިއެވެ. އަހަރެންނަކަށް ސާރަތުއާ ނުލައެއް ހަމަ ޖެހުމެއް ނުލިބޭނެއެވެ.
އަހަރެން ސާރަތު ހެދުން ބަދަލު ކުރަން ވަން ކޮޓަރިއަށް ވަނީވެސް އޭނާ ނުގޮސް ހުރެދާނެ ކަމަށެވެ. އެނދުމަތީގައި އޭނާލައިގެން ހުރި ޓީޝަރޓް ރީއްޗަށް ފަތްޖަހާފައި އޮތެވެ. ދެން ހުރި އެއްޗެހިވެސް އަތުރާފައިވަނީ ޓީ ކިޔޫ ލިޔެވިފައިވާ ގޮތަށެވެ. ތޭންކްޔޫއޭ އޭނާ ހިތުގެ އަޑީން ބުނުމަށްޓަކައެވެ.
އަހަރެން ކާރުގައި މާލޭގެ ހުރިހާ މަގެއްގައިހެން ދުއްވައިފީމެވެ. މިއޮތް ބޮޑު މާލޭން މީހަކު ހޯދުމެކޭ ހުއިފުންޏެއްގެ ތެރޭން ތިނޯހެއް ހޯދުން ކަހަލަ ކަމެކެވެ.
އެންމެ މީހުންގިނަ ތަނަކަށް އެދުވަހު ފެނުނީ ރަސްފަންނެވެ. މުޅި އެތަން އެއްކޮޅުން އަނެއްކޮޅަށް ބަލާލިއިރުވެސް ސާރަތެއް އެތަނަކުން ނުފެނުނެވެ. އަހަރެން ބަލާނީ ކޮން ތަނެއްހެއްޔެވެ؟ އޭނާ އެދިޔައީ އުޅޭނެ ތަނެއް ފެނޭތޯއެވެ. ގެސްޓް ހައުސްތައް ބައިވަރެވެ. ކުލީ ކޮޓަރިތައް އެހާ ގިނައެވެ. ނާ އުންމީދުވެގެން އެންމެ ފަހުން އަހަރެން އެނބުރި އަތުވެއްޖެއީމެވެ.
އަހަރެން އައިސް ހަވަނަ ބުރިއަށް އަރާ ބަލާލިއިރު އެތާ އެއް ކަނުގައި ކުރުގެޅިގެން އަންހެން ކުއްޖަކު އިންދާ ފެނިއްޖެއެވެ. “ސާރަތު!” އަހަރެންގެ އުފަލުގެ ހައްދެއް ނެތެވެ.
އަހަރެން ގޮސް އޭނާގެ އަތުގައި ހިފާ ތެދުކޮށްފީމެވެ. ވަރުބަލިވެގެން ހާންތިވެފައި އިންކަން އަހަންނަށް އެނގުނެވެ. އޭނާގެ އަތުގައި އޭނާ ގެންގުޅޭ ތަކެތި އަޅާފައި ހުރި ދަބަހެއް އޮތެވެ.
އަހަރެން އޭނާ އަތުލަފިކޮށްގެން ގެންގޮސް ކޮޓަރިއަށް ވެއްދިތަނެއް މީހަކަށް ނުފެންނާނެއެވެ. ވިޔަސް އެއީ އަހަރެން ކުރާކަހަލަ ކަމެއް ނޫންކަން ޚުދު އަހަންނަށް ވެސް އެނގެއެވެ. އެހެންނަމަވެސް ރަސްކަލަކަސް ކިތަންމެ ދެރަ މީހަކާމެދުގައި ހިތުގައި ލޯތްބެއް އުފެދި ދާނެއެވެ. އަދި އެލޯތްބެއްގެ މައްޗަށް ބާރެއް ވެސް ނުފޯރުވޭނެއެވެ. ކިތަންމެ ކުޑަ އަލިފާން ކަންޏަކުން ކިތަންމެ ބޮޑު އަލިފާން ގަނޑެއްވެސް ހުޅުރޯވެދާނެއެވެ. އަހަރެންގެ ހަޔާތުގައި ރޯވީ އެފަދަ އަލިފާނެކެވެ.
އަހަރެމެންގެ ކާވެނީގެ އަހަރުތައް އެކެއް ދޭކުން ގުނަމުން ގެންދިޔައިމެވެ. މިހާވަރުގެ އުފަލެއް އަހަރެންގެ ހަޔާތުގައި ލިބޭނެ ކަމަކަށް ދުވަހަކުވެސް އަހަރެން ހީކޮށްފައެއްނެތެވެ. ސާރަތަށް ވުރެން އަގުބޮޑު ޖަވާހިރެއް މި ބިން މައްޗަކު ނުވާނެކަން ޔަގީނެވެ.
މިއަދު ސާރަތަކީ އަހަރެންގެ ޚާދިމާއެއް ނޫނެވެ. ޚާދިމަކީ އަހަންނެވެ.