English Edition
Dhivehi Edition

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކުޅޭނެ ކުޅިވަރެއް ނުވަތަ ކަސްރަތެއްް ހޯދުމުގެ ބޭނުމެއްނެތެވެ. ބޭކާރުގޮތުގައި ވަގުތު ހޭދަކުރުމަށްވުރެ ރަނގަޅު ގޮތުގައި އެވަގުތުކޮޅުވެސް ހޭދަކޮށްލުން މާރަނގަޅެވެ. ‘ފިޓް’ މީހެއްގެ ގޮތުގައި އުމުރު ހޭދަކުރަން ބޭނުންނަމަ މިއޮތީ އޭގެ ހައްލެވެ. އާއެކެވެ. ބާސްކެޓްބޯޅަ ކުޅުމަކީ އެކަމުގެ ހައްލެވެ. ބާސްކެޓްބޯޅަ ކުޅުމަކީ މަޖަލުގެ ތެރެއިން އެމީހަކަށް ނޭނގި އެމީހަކު ދުޅަހެޔޮ ކަންމަތީ ބަހައްޓައިދީ، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ ކަމެކެވެ. އެހެން ކުޅިވަރުތަކާއި ހިލާފަށް ބާސްކެޓްބޯޅައަކީ އެކަނިވެސް ކުޅެވިދަނެ ކުޅިވަރެކެވެ. އެގޮތުން ހަމައެކަނި ބޭނުންވާނީ ބޯޅައެކެވެ. އެހެންނަމަވެސް މުބާރާތަކަށް ނުވަތަ ހުނަރު އިތުރުކުރުމަށް ކުޅޭނަމަ އިތުރު ކުޅުންތެރިން ހޯދުން ރަނގަޅެވެ. ބާސްކެޓްބޯޅަ ކުޅޭކަށް ވަކި ތަނެއް ނެތެވެ. މަގުމަތީގައި، ޕާކުގައި ނުވަތަ ގޭގައި ވެސް ކުޅެވިދާނެއެވެ. މިކުޅިވަރު ކުޅޭއިރު ދުވާކަން އަމިއްލައަށް އިޙްސާސް ނުކުރެވި ދުވެވިދާނެއެވެ. ދުވުމަކީ ލޭގެ ޕްރެޝަރ އެއްވަރެއްގައި ދެމެހެއްޓުމާއި، ފުއްޕާމޭގެ ބަލިތަކުން ދުރުކުރުމަށާއި، ބުންވަރު އިތުރު ކޮށްދޭކަމެކެވެ. އެގޮތުން ހަމައެކަނި ދުވުމަށް ވިސްނައިގެން އެކަންކުރާ ނަމަ ގިނަ ފަހަރަށް އޮންނަނީ އެކަން ނުވެފައެވެ. އެއިގެ ބަދަލުގައި ބާސްކެޓްބޯޅަ ފަދަ ކުޅިވަރެއްގެ ތެރެއިން ދުވާނަމަ އެކަން އިހްސާސް ނުކުރެވި އޭގެ ފައިދާ ލިބިގެންދެއެވެ. އެގޮތުން ބަލާއިރު ބާސްކެޓް މެޗެއް ނިމޭއިރު އާއްމު ގޮތެއްގައި ކުޅުންތެރިއަކަށް ހަތެރެއް ނުވަތަ ފަސް ކިލޯމީޓަރަށް ދުވެވިފައި ހުންނާނެއެވެ. އެހެންކަމުން ދުވުމުން ލިބޭ ފައިދާ އެންމެ ފުރިހަމަ ގޮތުގައި އެކުޅުންތެރިއަކަށް ލިބިފައިވާނެއެވެ. ކަސްރަތު ކުރުމަކީ ގިނަ ބަޔަކު އެކަމަށް ގިނަ ފައިސާ ޙަރަދު ކުރާކަމެކެވެ. އެގޮތުން ކަސްރަތު ކުރުމަށްބޭނުންވާ އާލާތްތައް ގަތުމާއި، ނުވަތަ ޖިމަކަށް ދިޔުމަށް ޙަރަދުވާ ފައިސާ ވެސްމެވެ. ނަމަވެސް އެފަދަ މީހުންނަށް އޮތް ހައްލަކީ ފައިސާ ޙަރަދު ކުރުމުގެ ބަދަލުގައި ފަސޭހައިން ކުޅެވޭ ކުޅިވަރެއް ހިޔާރުކުރުމެވެ. ކޮންމެ ކަސްރަތެއްވެސް ކުރަނީ އެއިން ނަތީޖާ ލިބިގަތުމަށެވެ. ދުރު މުސްތަޤްބަލަށް އެމީހެއްގެ ހަށުގަނޑުގެ ބައްޓަން ރީތިކޮށް ހުންނާނެކަމުގެ ފޮނި އުންމީދުގައެވެ. އެހެންނަމަވެސް ވަގުތުން ނަތީޖާ ބޭނުންނަމަ ބާސްކެޓް ކޯޓް ވަރުގެ ތަނެއް ނެތެވެ. އެހެނީ މިކުޅިވަރުގެ ސަބަބުން ހަށިގަނޑަށް އަވަހަށް ބަދަލުތައް އަންނަތަން ފެނިގެން ދާނެއެވެ. އަދި ބަދަލުތައް އަންނަކަން އަވަސްއަވަހަށް އެނގިގެން ދާނެއެވެ. އެގޮތުން ބާސްކެޓްބޯޅަ ކުޅެން ފަށާތާ މަދު ދުވަސްތަކެއްގެ ތެރޭގައި ބުންވަރު އިތުރު ވެގެން ދާނެކަމުގެ އިޙްސާސް ކުރެވޭނެއެވެ. ކުޅޭ ކޯޓްގެ ދެކޮޅަށް ދުވެފައި އިދިކޮޅު ޓީމް ޑިފެންސްކުރުމަށްފަހު ލިބޭ ބޯޅަ ހިފައިގެން ބާރު ސްޕީޑްގައި ދިޔުމަކީ ނޭނގި އެތައް ފައިދާތަކެއް ކުރުވާނެކަމެކެވެ. ކަސްރަތުގެ ވާހަކަ ދައްކާއިރަށް ގިނަ މީހުންގެ ސިކުނޑިއަށް އަންނާނީ ކެލެރީސް އަންދާ ވާހަކައެވެ. ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އޮތް އެންމެ ބޮޑު ހައްލަކީ ވެސް ކެލެރީސް އަންދާވަރު ގިނަވުމެވެ. އަދި އެކަން ކުރުމަށް އޮތް އެންމެ މޮޅު ގޮތަކީ ހަރަކާތްތެރިވެ އުޅުން ނުވަތަ ކުޅިވަރު ކުޅުމެވެ. އެހެންނަމަވެސް ކޮންމެ ކުޅިވަރަކީ އެކަމަށް ޙާއްސަ ކުޅިވަރެއް ނޫނެނެވެ. ބާސްކެޓްބޯޅަ ކުޅުމުން ހަށިގަނޑު ގެ ބަރުދަން ލުއިވާ ވާހަކަ އަކީ އެންމެން ހައިރާންކުރާ ބޮޑު ސިއްރެކެވެ. އެއީ ޖާދުލެއް ނުވަތަ އެކަމަށް ބޭސް ގުޅައެއް ބޭނުން ކުރަނީ ކަމަށް ބަލާމީހުންނަށް ހީވެދާނެއެވެ. ގަވައިދުން ކަސްރަތު ކުރުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އޮތް ހައްލުކަމަށްވާއިރު، ކޮންމެ ހަފްތާއަކު މަދުން ނަމަވެސް ބާސްކެޓްބޯޅަ ކުޅުމަކީ ހަރަކާތްތެރިކަމާއި އެކު ހުރުމަށް އޮތް އެންމެ ފަސޭހަގޮތެވެ. އަދި މީގެ ފަސޭހަކަމަކީ މިކުޅިވަރު ކުޅުމަށް އިތުރު މީހަކު ނުވަތަ ވަކިތަނެއް ބޭނުން ނުވާތީއެވެ. އެހެންވީއިރު އަވަހަށް ބޯޅައެއް ހޯދައިގެން ބާސްކެޓްބޯޅަ ކުޅެން ފަށަންވީއެވެ. ނަތީޖާ ވަރަށް އަވަހަށް ފެންނާނެއެވެ.