English Edition
Dhivehi Edition

ކ.ތިލަފުށީގައި ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ތިލަފުށި-1، ތިލަފުށި-2 އަދި ޓީ.އައި.ޒެޑް ގައި ޕަބްލިކް ޓްރާންސްޕޯރޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން އިއުލާންކޮށްފިއެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ތިލަފުށީ ކޯޕަރޭޝަނާއި ގުޅީފަޅު އިންވެސްޓްމަންޓް އެއްކޮށްލައިގެން ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ ކަންތައް ކުރިއަށްދާނީ ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ) ގައެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކަމަށާއި އަދި ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ) ގައެވެ.

ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެއް ކަމަށާއި ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް ކަމަށާއި ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ކަމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.