English Edition
Dhivehi Edition

ކ. ތިލަފުއްޓާއި ކ.ގުޅިފަޅުގައި ހުއްދަނެތި ބަހައްޓާފައި ހުރި ތަކެތި ނައްތާލަން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އިން ނިންމައިފި އެވެ.

އެކުންފުނިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތިލަފުއްޓާއި ގުޅިފަޅުގެ ބިމާއި ފަޅު ހިމެނޭގޮތަށް ޢާންމު ސަރަޙައްދުތަކުގައި އެކުންފުނީގެ ހުއްދަނެތި ބަހައްޓާފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި، މިނޫން ވެސް މުދަލާއި ތަކެތީގެ ސަބަބުން އެކުންފުނީގެ އޮޕަރޭޝަނަށް ދަތިވަމުންދާތީއާއި، ތިލަފުއްޓާއި ގުޅިފަޅުން ބިން ކުއްޔަށް ނަންގަވާފައިވާ ފަރާތްތަކަށް ދަތިވާތީ، އެތަކެތި ނެންގެވުމަށް މިކުންފުނީގެ ފަރާތުން އެކިފަހަރުމަތިން އަންގާ އެތައް ފުރުޞަތެއް ދީފައިވާ ކަމަށެވެ.

ނަމަވެސް އަދިވެސް އެތަކެތި ނަގާފައިނުވާތީ، ފަހު ފުރުޞަތެއްގެ ގޮތުގައި 01 ޑިސެމްބަރ 2019 ގެ ކުރިން މިތަކެތި ކ. ތިލަފުއްޓާއި ކ.ގުޅިފަޅުގެ ޞަރަހައްދުން ނަގާ ސާފުކުރުމަށް އަންގާ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި އެމުއްދަތުގައި އެސަރަހައްދުގައިވާ ތަކެތި ނުނަގައިފިނަމަ، އެތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށާއި، އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ޒިންމާނުވާނެކަމުގައި ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.