English Edition
Dhivehi Edition

ކ.ތިލަފުށީގައި ވޯކްޝޮޕެއް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މީގެ ކުރިން ކުރި އިއުުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ ދެވަނަ ފަހަރަށް އެމަސައްކަތަށް އަލުން އިއުލާންކޮށްފިއެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ތިލަފުށީ ކޯޕަރޭޝަނާއި ގުޅީފަޅު އިންވެސްޓްމަންޓް އެއްކޮށްލައިގެން ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ވޯކްޝޮޕް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ޖޫން އާ ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ ކަންތައް ކުރިއަށްދާނީ ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ) ގައެވެ.

މި ވޯކްޝޮޕާއި ގުޅޭ މައުލޫމާތު ކަރުދާސް މި މަހުގެ 24ވަނަ ދުވަހުގެ މެންދުރު 13:00 އިން ފެށިގެން ދޫކުރާނެއިރު މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނަނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ) ގައެވެ. އަދި ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް (ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ) ގައެވެ.

ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެއް ކަމަށާއި ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް ކަމަށާއި ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ކަމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާރޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނިން އެދެއެވެ.