އެކަނިވެރި ތަނެއް އޮވެއްޖެނަމަ އަހަރެން އެތަނެއްގައި ފައިނުޖައްސާ ތަނެއް ނޯންނާނެއެވެ. އަހަރެންގެ ހަޔާތުގެ ބައިވެރިޔަކީ އެއީ ކަމަށް ދެކިގެންނެވެ. ހިތަށް އުފަލެއް ލިބުން އޮތީ އެގޮތުން ވީމައެވެ.
މާލޭގައި ގޯއްޗެއް އޮތުން އެއީ ޚަޒާނާއެއް ކަމަށް އެންމެންވެސް ދެކެއެވެ. ދިރިއުޅުމަށް އެހެން ކަމެއް ނުކުރިޔަސް މުޅި އުމުރުގައި އުފަލުގައި ދިރިއުޅެވޭނެއެވެ. އަހަރެން ދުނިޔެއަށް އައިއިރަކު އެންމެންނަކު އެހާ ތަނަވަހެއް ނޫނެވެ. އާދައިގެ ދިރިއުޅުމެއްގައި އަހަރެންވެސް އުޅެ ފުރާވަރަށް އެރި ތަނާހެން މައިންބަފައިން ދާދި އެކު އެކީގައި ވަކިވެ ހިނގައްޖެއެވެ. އަހަންނަށް ދިރިއުޅުމާ ކުރިމަތިލާން ޖެހުނީ އެކަނިމާ އެކަންޏެވެ.
އެކަނި ވަޒީފާއަކަށް ނުކުމެ އެކަނި ގޯތިބަހަލައްޓަމުން އުޅެވޭވަރަށް ވުރެން އަހަރެންގެ ސިކުނޑި ކުޑައެވެ. އަހަރެންނަށް އެހާ އަވަހަށް ހަޔާތުގެ ބައިވެރިޔަކަށް ޖަވާ ގެނެވުނީ އެހެން ވީމައެވެ
ޖަވާއަކީ އަހަންނަށް ވުރެން ބޮޑުތަން ދޮށި އަދި ވިސްނުންތެރި މީހެކެވެ. ވިޔަފާރިއެއް ކުރާތީ ތަނަވަސްވެސް މެއެވެ. ޖަވާގެ ހުއްޓުމެއް ނެތް ގަދައެޅުމާއި ވިސްނާ ދިނުމާއި އުކުޅުތަކުގެ ބާރުގެ ދަށަށް އަހަރެންނަށް އެންމެފަހުން ވަދެވިއްޖެއެވެ. އާއިލާގެ ދެންތިބި މީހުންވެސް ވަކި ދެކޮޅެއް ނަހަދާތީ އަހަރެމެންގެ ކާވެނި ވެއްޖެއެވެ.
އަހަރެންގެ ނުވިސްނޭ ސިކުނޑިއަކަށް ޖަވާ މިކުރި ކާވެންޏަކީ ވަކި މަގުސަދެއް އޮވެގެން ކުރި ކާވެންޏެއް ކަމަކަށް އޭރަކު ނުވިސްނެއެވެ. ނިދާ އެނދަކީ އޭނާއަށް އެކަނި އަރާމު ލިއްބައިދޭން ޖެހޭ ތަންމައްޗެއް ނޫން ކަމެއް އަހަންނަކަށް ނޭނގެއެވެ. މާ ގިނަ ދުވަހެއް ނުކޮށް ޖަވާ އަހަރެން ވަޒީފާއިން ވަކި ކުރުވާފައި ގޭގައި ބޭންދިއެވެ. އަހަންނަށް ޖެހެނީ ޖަވާއަށް ގަޑިން ގަޑިއަށް ކާން ތައްޔާރު ކޮށްދިނުމާއި އޭނާގެ ހެދުންތައް ދޮވެ އިސްތިރި ކުރުމެވެ. އޭނާގެ ޚާދިމާއެއް ނުވަތަ ބާނދީއެއްގެ މަގާމު އަދާ ކުރުމަށެވެ. މިކަންތައް ކޮށްފައި އެހެން ކަމެއް ކުރާނެ ވަގުތެއް އަހަންނަކަށް ނުވެއެވެ.
ޖަވާ ކާވެނީގެ ފަހުން އަހަންނާ ދައްކާނެ މާގިނަ ވާހަކަތަކެއް ވެސް ނޯވެއެވެ. ގޭގައި އުޅޭ ވަގުތެއް ނަމަ އޮންނާނީ ގަދަ ގުގުރީގައި ނިދާފައެވެ. ގެޔަށް އަންނާނީ މެންދަމުން އަލިވާ ފަހުން ވެސް މެއެވެ.
ޖަވާ އަހަންނާ ކުރާނަމަ ކުރާ މަޝްވަރާއަކީ ގެ ހެދުމުގެ ވާހަކައެވެ. ގެ ހެދެން އޮތީ ގޯތި އޭނާގެ ނަމަށް ބަދަލު ކޮށްދިނީމައެވެ. އަހަރެންގެ އެހެން ބަނޑެއްގެ ބޭބެއެއް ނޫނު އަތޮޅުން މީހަކާ އިނދެގެން ގޮސް ހުރެއެވެ. އެހެންނަމަވެސް އެއްބަފާ އެއްވެސް ކުއްޖަކު ނުހުރެއެވެ. ގޯއްޗަކީ މަންމައަށް އޮތް ގޯއްޗެއް ކަމުން އަހަންނަށް ދެވެން އޮތީ ބަހާފައި އަހަންނަށް ލިބުނު ބައެވެ. އަހަރެން ޖަވާ ބުނިގޮތަށް އެބައި އޭނާގެ ނަމަށް ބަދަލުކޮށްދީފީމެވެ.
ޖަވާ ގޯތީގައި ދެބުރިޔަށް ގެއެއް އަޅަން ފަށައިފިއެވެ. އަހަންނަށް އޮތީ އެކަންތަކުގައިވެސް ކުރަން ޖެހުނު މަސައްކަތް އެކަންޏެވެ. ގެ ހަދައި ގެޔަށް ވަދެވޭހާ ވަރު ނުވިއެވެ. ޖަވާ އަހަރެން ބާކީ ކޮށްލައިފިއެވެ. އޭނާގެ އެނދު ފަޅުފިލުވުމަށް އެހެން މީހުން ގެންނަން ފަށައިފިއެވެ. ވިޔަސް ގޭގައި ޖެހޭހާ ކަމެއް ކުރަން އަހަންނަށް ޖެހެއެވެ.
ހިތާމަޔާއި ހިތްދަތިކަމުގެ ބަރުދަން އަހަރެންގެ މައްޗަށް ގަދަވެގަތީ ދެނެވެ. އެކަނިވެރިކަން އަހަރެންގެ ހަޔާތުގެ މައްޗަށް ބާރުހިންގަން ފެށިއެވެ. އަހަރެންގެ ދެއަތް އަހަރެންގެ ހަށިގަނޑު އުފުލާ ވަރަށް ވުރެން ބަލިކަށި ވެއްޖެއެވެ. ތެދުވެގެން ހިނގައިގަންނާނެ އެއްވެސް ދިމާއެއް ނެތެވެ. އަހަރެންގެ ވަށައިގެން އަނދރިކަމުގެ ބޯ ފަރުދާއެއް ލެވިއްޖެއެވެ.
ހަގީގަތަކީ މިއަދު އަހަރެންގެ ގެޔެއް އަމިއްލަ ގޯއްޗެއް ބިމެއް ވެސް ނެތްކަމެވެ. ވަޒީފާއެއް ނެތްތާގައި ގޮސް ވަދެލާނެ ތަނެއްވެސް ނެތްކަމެވެ.
ހިތްދަތިކަމާއި ބިރުވެރިކަން އަހަރެންގެ ވަށާލީ ވަގުތު ފަންކާއަށް ބެޑްޝީޓަށް ބެލޭވަރު ގިނަ ވާން ފަށައިފިއެވެ. އެހެންނަމަވެސް އަހަރެންގެ އަމިއްލަ ކަރުގައި ބެޑްޝީޓް އޮޅާލާކަށް ބޭނުމެއް ނުވިއެވެ. މިއަދު ޖަވާ އެންމެ ހިތް އެދޭނެ ގޮތަކީ އެއީކަން އެނގޭ އިރުވެސް މެއެވެ. އަހަރެންގެ ހިތަށް އަރާމެއް ލިބޭތޯ އެކަނިވެރި ތަންތަނަށް ގޮސް އުޅެން ފަށައިފީމެވެ. ކިރިޔާ ވަގުތެއް ވާއިރު އަހަރެން އެކަހެރިވާން ފަށައިފީމެވެ. ކޮންމެވެސް ކިޔާހިތްވާކަހަލަ ފޮތެއް ކިޔައި އެގޮތުން އެ ހިތްދަތިކަމާ ކުރިމަތި ލެވޭތޯއެވެ.
އަހަރެން ކިޔާފައިވާ އެކި ފޮތްތަކުން އިބްރަތް ނަގައިގެން އަހަރެން ގަސްތު ކުރީ މަރުވެ ނުގަނެ ދިރިއުޅޭށެވެ. އަމިއްލަ ނަފްސަށްޓަކައި ނޫންނަމަ އެހެން މީހަކަށްޓަކައި ވިޔަސް މެއެވެ. މިކަމަށް އަހަރެން އަޒްމުކޮށް ޖަވާއާ ކުރިމަތިލީމެވެ. ވިޔަސް އޭނާ މިއަދު އެވަނީ އަހަރެންގެ ގޯތި މިލްކު ކުރެވުނީތީ އުފަލުންނެވެ. އަހަންނަށް އެ ގޯތި އަނބުރާ އޭނާގެ އަތުން އަތުލެވޭކަށްވެސް ނެތެވެ. އޭނާގެ ހިޔަޅު ބުއްދީގެ ބޭނުންކޮށްގެން އެވަނީ ނިކަމެތި އަންހެނެއްގެ ދިރިއުޅުން ބަރުބާދުކޮށްލާފައެވެ. އަހަރެން ދުށް ގޮތުގައި ސަރިއަތަކަށް ގޮސްގެން އޭނާއާ ކުރިމަތިލެވޭވަރުގެ ތަނަވަސްކަމެއް ސަޕޯޓެއް އަހަރެންގެ ކިބައިގައި ނެތެވެ. އެހެންވެ އެގޭން އަހަރެން ނުކުމެއްޖެއީމެވެ. ދެން އަވަހަށް އެހެން ދިމާއަކަށް ހަޔާތުގެ މިސްރާބު ބަދަލު ކޮށްލުމަށެވެ.
ޖަވާ ހުރީ އަހަރެން ވަރިކުރަން ތައްޔާރަށް ކަމުން އެކަން ވަރަށް އަވަހަށް އޭނާ ކޮށްދީފިއެވެ. ދެން އަހަރެން އައީ އައްޑުއަށެވެ. ކޮންމެވެސް ވަރެއްގެ އާއިލީ ގާތްކަމެއް އޮންނަ ބައެއްގެ ގާތަށެވެ.
އަހަންނަށް މާ ގިނަ ދުވަހެއް ނުވެ ކުރާނެ މަސައްކަތެއް ފެނި އަމިއްލަ ޚަރަދުތައް ބެލެހެއްޓޭވަރު ވެއްޖެއެވެ. އަހަރެންގެ މާޒީގެ ހިތި ހަނދާންތައް ދުރުކޮށްލުމަށްފަހު އާ ހިތްވަރެއް ހޯދައިގެންފީމެވެ.
އަހަރެން އުޅެމުން ދިޔައީ ހިތަދޫގައެވެ. އަހަރެން އުޅޭ ގެޔާ މާ ދުރު ނޫން ހިސާބެއްގައި ކުޑަކުދީންގެ ޕާކެއް އޮންނާތީ އަހަރެން ހަވީރުގެ ވަގުތުތަކުގައި ވަރަށް ގިނައިން އެތަނަށް ގޮސް ހަދަމެވެ. އެތަނުން އަހަރެންގެ ސަމާލުކަން ކުޑަވަރެއްގެ އަންހެން ކުއްޖަކު އަތުލައިފިއެވެ. އެކުއްޖާ ކޮންމެ ދުވަހަކުވެސް އަހަންނަށް ފެނެއެވެ. އަހަންނަށް އެކުއްޖާ އެތާ އުޅޭގޮތާ އެކުއްޖާގެ އެކަނިވެރިކަން ފާހަގަ ކުރެވުނެވެ. އެއީ އާދަޔާ ޚިލާފަށް ކަޅު ކުއްޖެއް ނަމަވެސް އެއީ ވަރަށް ރީތި ސާފު ދެލޮލެއް ލިބިފައިވާ ކުއްޖެކެވެ. ކަޅު ކުއްޖެއްކަމުން ހީނލީމާ ދަތްޕިލާވެސް މާ ހުދުކަމަށް ދައްކައެވެ. އަހަރެން އިސާހިތަކު އެކުއްޖާއާ ރައްޓެހިވެލީމެވެ. އޭނާވެސް އަހަންނާ ރައްޓެހި ވެވުނީމާ އުފާވީ ކަން އެނގުނެވެ. އެއީ ޝަހީޒާއެވެ.
އެކުއްޖާ ބުނިގޮތުން އެހެން ކުދީން އެކުއްޖާއާ ގުޅުމެއް ނުބާއްވަނީ އޭނާ ކަޅުވީމައެވެ. އެކުއްޖާގެ ހަޔާތުގައިވެސް ބައްޕައަކު ނެތެވެ. އުޅެނީ ދޮން މަންމައެއްގެ ގާތުގައެވެ. ދޮންމަންމަ ނުބައެކޭ އޭނާއެއް ނުބުނެއެވެ. ހުންނަނީ ކައިގެންނެވެ. އެހެންނަމަވެސް ސްކޫލަކަށް ނުދެވެއެވެ.
އަހަރެންނަށް އެކުއްޖާގެ ވާހަކަތައް އަޑުއިވުމުން އަހަރެންގެ އަމިއްލަ ހިތާމަވެރި ހަޔާތުގެ މަތީން ހަނދުމަ ނެތިގެން ދިޔައެވެ. ހަމްދަރުދީގެ ޖަޒްބާތު އަހަރެންގެ ހިތުގައި އުފެދެން ފެށިއެވެ.
އަހަރެން ކޮންމެ ދުވަހަކުވެސް ޕާކުތެރޭން އެކުއްޖާއާ ބައްދަލު ކުރަމެވެ. އަދި ޝަހީވެސް އަހަންނާ ބައްދަލު ކުރަން އާދެއެވެ. އަހަރެން އެންމެ ހައިރާންވީ އެއްކަމަކީ އެވަރުގެ ކުއްޖަކާ ބަލާފައި އޭނާ އިނގިރޭސިބަހުން ވާހަކަ ދައްކާލެއް މޮޅު ކަމުންނެވެ. އަހަރެން އަހާލުމުން އޭނާ ބުނީ އޭނާ ހިތަދޫ ސްކޫލަށް ގޮސް އުޅުނުކަމަށެވެ. ފަހުން ސްކޫލް ޔުނިފޯމާ ކިޔެވުމަށް ބޭނުންވާ އެހެން ޚަރަދު ނުކުރެވިގެން ނުދެވެން ފެށީ ކަމަށެވެ. ވިޔަސް އޭނާ ކިޔަވަން ބޭނުން ކަމުގައެވެ.
އަހަރެންގެ ހިތުގައި މިކުއްޖާގެ މައްޗަށް ޖެހުނު ކުލުނަ ބޮޑުވެ އޭނާއަށް އެހީތެރިވުމަށް އަހަރެން އަޒުމު ކޮށްފީމެވެ. އަހަރެން ސްކޫލްގެ ޕްރިންސިޕަލްގެ ގާތަށް ގޮސް އަލުން އެކުއްޖާއަށް ސްކޫލަށް ވަދެވޭނެގޮތް ހަމަޖައްސައިފީމެވެ.
ދުވަސް ވަމުން ދިޔަވަރަކަށް އަހަރެންނާ ޝަހީގެ ގާތްކަން އިތުރުވެ އޭނާއަށް އަހަރެންމީ ދެވަނަ މަންމަ ކަމުގައި ވެއްޖެއެވެ. ޅައުމުރުގައި މަންމަ ގެއްލުމަށް ވުރެން ބޮޑު ހިތާމައެއް ދަރިޔަކަށް ނޯންނާނެ ކަން އަހަންނަށް ވެސް ވަނީ ކޮންމެވެސް ވަރަކަށް ތަޖްރިބާ ކުރެވިފައިވެސް މެއެވެ.
ޝަހީ ސްކޫލުން އެއްކާމިޔާބީއަކަށް ފަހު އަނެއް ކާމިޔާބީއަކަށް ދަތުރުކުރީ ބާރަށެވެ. މިކަމުން އަހަންނަށް ލިބެމުން ދިޔަ އުފާ ވަރަށްވެސް މަތިވެރިއެވެ. ފިރިއެއްގެ ލޯތްބެއް ނެތި އުޅެމުން އައި ދިރިއުޅުމަށް ދަރިޔެއްގެ ލޯބި ލިބިއްޖެކަމުގެ އިހްސާސްތައް ވާން ފަށައިފިއެވެ.
ޝަހީގެ ގެވެސް އަހަރެން އުޅޭ ގެޔަކާ މާދުރެއް ނޫނެވެ. އެހެންކަމުން އޭނާ ގިނަފަހަރު ސްކޫލުން ގެޔަށް ދިއުމުގެ ބަދަލުގައި އަންނާނީ އަހަރެން އުޅޭ ގެޔަށެވެ. މިއަދު އެއީ އަހަރެން އުޅޭ ގެޔޭ ބުނަންވެސް ލަދުގަނެއެވެ. އެއީ އަހަރެންގެ އަމިއްލަ ގެ ނޫން ކަމުގެ އެއްވެސް އިހްސާސެއް ނުކުރެވެއެވެ. ގޭގެ ވެރިޔަކީ އައިސައްތަ އެވެ. އަހަރެން މީ އައިސައްތަ ދެކޭ ގޮތުގައި އޭނާގެ ދަރިފުޅެކެވެ. އައިސައްތަގެ ކުދީން އުޅެނީ އެކިތަންތަނުގައެވެ. އެއްކުއްޖަކު ބޭރުގައެވެ. އަނެއް ކުއްޖަކު މާލޭގައެވެ. އަނެއް ކުއްޖަކު ރިސޯޓްގައެވެ. އައިސައްތަ ވަނީ އެ ބޮޑުގޭގައި އެކަނިވެރިވެފައެވެ.
އަހަރެން އެގެޔަށް އައުމަކީ އައިސައްތަ ދެކޭ ގޮތުގައި އޭނާއަށް ހަތަރުވަނަ ދަރިޔަކު ލިބުން ފަދަ ކަމެކެވެ. އެހެނީ އެއްކުއްޖަކުވެސް ގޭގައި އުޅޭކަށް ގަސްތެއް ނުކުރެއެވެ. ކޮންމެ ކުއްޖަކުވެސް އުޅެނީ އަމިއްލަ ދިރިއުޅުމެކެވެ. އައިސައްތައަށް ގޮވާލަން އަންނާނީ މަދު ފަހަރަކުއެވެ.
އައިސައްތަގެ އެންމެ ހަނގަށް ހުރީ ފިރާޝް އެވެ. އޭނާ ސްކޮލަރޝިޕެއްގައި ނިއުޒީލެންޑްގައި އުޅުމަށްފަހު ރަށަށް އަންނާތީ އައިސައްތަ ވަނީ ވަރަށް އުފާވެފައެވެ. “އެ ކޮއްޔާސް މިރަށަކި ނިވޭޑޭހެއް.” އައިސައްތަ ދެރަވެލާފައި ބުންޏެވެ. “ދެން ކަނބުލޯއަސް މީހަކާ އިންނައްވީނު.”
އައިސައްތަ ބޭނުން ވަނީ މުޅިގެ އަބަދު ފުރިފައި އޮންނާށެވެ. ކުޑަ ދަރީން ހޭ އަޑު ނީވޭތީ ފޫހިވާ ވަރުންނެވެ. އަހަރެން ގެންގުޅޭ ޝަހީވެސް އައިސައްތަ ބޭނުންވާ ވަރަށް ވުރެން އުމުރު މަތިވީއެވެ. އައިސައްތަ ބޭނުންވަނީ އަހަރެން ދަރިޔަކު ހޯދާފައި މާމަ ދަރިއެއްގެ ގޮތުގައި އައިސައްތަ ގެންގުޅެން ދިނުމަށެވެ.
އަހަރެން ހުރީ އަލުން މީހަކާ އިނުމުގެ ޚިޔާލު މުޅީން ދޫކޮށްލާފައެވެ. އެހެންނަމަވެސް ފިރާޝް އައިސް އަހަރެންގެ ހިއްސުތަކާ ގުޅެގަތެވެ.
ނޫން، އަހަރެންގެ ހިއްސުތަކާ ކުޅުނީ ފިރާޝެއް ނޫނެވެ. އަހަރެންގެ ހިއްސުތަކާ ކުޅުނީ އޭނާގެ ހިތްގައިމު ކަމެވެ. ޒުވާން ކަމެވެ. ރިވެތި އުޅުމާއި ތަހުޒީބުވެފައިވާ އަޚުލާގެވެ. އަހަރެން އެންމެ އުފާވީ އެފަދަ ޒުވާނުން ވެސް ރާއްޖޭގައި އުޅޭކަން އެނގުމުންނެވެ.
އަހަރެންގެ އުމުރުން މިހާރު ތިރީސްހަ އަހަރެވެ. އޭނާއަކީ އަހަންނަށް ވުރެން ތިން އަހަރު ހަނގު މީހެކެވެ. ފުރިހަމަކަމުގެ ދެވަނައެއް ނެތެވެ. އަހަރެންގެ ހިތް އޭނާގެ މައްޗަށް ބަންޑުން ވިޔަސް މިއީ ހަގީގަތަކަށް ވާން އޮތް ހުވަފެނެއް ނޫނެވެ. އަމުދުން އަހަރެން މީ ކުރީގައި ކާވެންޏެއް ވެސް ކޮށްފަ ހުރި މީހެކެވެ. އަހަރެން އެޚިޔާލުތައް ހިތަށް ނުވައްދަން އަހަރެން ލައްކަ މަސައްކަތް ކުރަން ޖެހިއްޖެއެވެ.
އަހަރެންގެ ހަޔާތުގައި މީހަކު ދެކެ ލޯބިވީ ފުރަތަމަ ފަހަރަކީ މިއީ އެވެ. މިއަދު އަހަންނަށް ޖެހިފައި މިވަނީ އެ ލޯބި ސިއްރު ކުރާށެވެ. އަހަންނަށް ލެވުނުހާ ބާރެއްލައި އެކަން ހިތުން ފިލުވާލުމަށެވެ. ވިޔަސް އަހަންނަށް ފިރާޝް ފެންނަ ކޮންމެފަހަރަކު އެވާގޮތްތަކަކީ އަހަރެންގެ އިޚްތިޔާރެއްގައި އޮތް ކަމެއް ނޫނެވެ. އަދި ނުފެނިއްޖެއްޔާ އެވާ ގޮތެއް އަމުދުން ބުނެދޭކަށް ނޭނގެއެވެ. އަހަރެންގެ ނޭވާ ހާސްވެ ދުނިޔެ ބެދިއްޖެއެވެ.
އަނެއްކާވެސް އަހަރެން ފަންކާއަށް ބަލަން ޖެހިއްޖެއެވެ. ބެޑްޝީޓް ކަރުން ދުރުކުރަން ހިންމަތް ކުރަން ޖެހުނީއެވެ. އަމިއްލައަށް މަރުވާންވީ ހެއްޔެވެ؟ ނުވަތަ މިރަށް ދޫކޮށް ދާންވީހެއްޔެވެ؟ އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ.
އަހަރެން މާލެ ދިއުމަށް ޓިކެޓް ނަގަން ހިނގައްޖެއީމެވެ. ވިޔަސް ކޮންމެވެސް ގޮތަކަށް ޝަހީގެ ފަރާތުން އައިސައްތައަށް މިޚަބަރު ލިބިއްޖެއެވެ.
އަހަރެން ޓިކެޓިން އޮފީހުގައި ހުއްޓާ ފިރާޝް ހަމަ ކުއްލިއަކަށް އެތަނަށް އަތުވެއްޖެއެވެ. އަދި އަހަންނާ އެއް ފުލައިޓަކުން މާލެ ދިއުމަށް ޓިކެޓް ނަގައިފިއެވެ.
އަހަރެން ގެޔަށް ދިޔައިރު އޮތީ ކާވެނި ޕާޓީއެއް ތައްޔާރު ކުރެވިފައެވެ. ފިރާޝް އަހަންނަށް ހުށަހެޅުމުން ނޫނެކޭ ބުނަން ހިތްވަރުލާފައި ހުއްޓާމެ ބުނެވުނީ އާނއެކޭ އެވެ. ރަންކިއުއްވައި ކާވެނި ކުރެވޭކަށް ގިނަ ވަގުތެއް ނުވެއެވެ. އަހަރެން ގޮވައިގެން ފިރާޝް މާލެއަށް ދިއުމަށް ފުލައިޓަށް އަރައިފިއެވެ. ޝަހީޒާ ބެލެހެއްޓުމަށް އައިސައްތައާ ހަވާލު ކޮށްފައެވެ. އެއީ އަހަރެމެންގެ ފުރަމަ ދަރިފުޅެވެ.
އެއީ އަހަރެންގެ އުފާވެރިކަމުގެ މުންތަހާއާ ދިމާއަށް ކުރަން ފެށި ދަތުރުގެ ފެށުން ކަމުގައި ހިމެނުނެވެ. އެއީ އަހަރެންގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫނެވެ.