މާލޭގެ ސްކޫލްތަކުގެ ކިޔެވުން މެދުނުކަނޑާކަމަށާއި އަދި ސްކޫލްތައް ބަންދު ވެސް ނުކުރާ އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޝެރީނާ އަބްދުލް ސަމަދު މީޑިޔާ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށް ސްކޫލްތައް ބަންދުކޮށްފައިވާކަމަށް މީޑިއާތަކުގައި ދައުރުވަމުން ދާ ވާހަކަ އަކީ ދޮގު ވާހަކަ އެއް ކަމަށެވެ.
އެގޮތުން ސްކޫލްތައް އަދި ބަންދު ނުކުރާ ކަމަށް ޝެރީނާ ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރާ ގޮތުގައި ސްކޫލްތައް ބަންދުވާނީ ސާނަވީ ގްރޭޑްތަކަށް މިހާރު ކުރިޔަށް ދާ އިމްތިހާނަށް ފަހު ކަމަށެވެ. މީގެއިތުރުން އިމްތިހާންތައް ކުރިޔަށް ދާތީ ބައެއް ސްކޫލްތަކުގައި ކިޔަވައިދޭ ގަޑިތަކައް ބަދަލުތަކެއް އައިސްފައިވާކަމަށާއި އަދި ރޯދަ މަހާއި ގުޅިގެން އިމްތިހާންތަކުގެ ގަޑިތަކަށްވެސް ބަދަލުތަކެއް އައިސްފައިވާކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.
މީގެއިތުރުން ދިރާސީ ކަލަންޑަރުގައިވާ ގޮތައް މިއަހަރުގެ މިޑް ޓާމް ބްރޭކް އަންނާނެކަން އެޑިއުކޭޝަން މިނިސްޓްރީއިން ފާހަގަކުރެއެވެ. ދިރާސީ ކަލަންޑަރުގައިވާ ގޮތުން މޭ 13 ވަނަ ދުވަހުން ފެށި އިމްތިހާންތައް ނިމޭނީ މޭ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާރމުގެ ޗުއްޓީ ލިބޭނީ ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ސާދަވަނަ ދުވަހުގެ ނިޔަލަށެވެ.