English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީސް ކުރާ ގޭގެ ގޭޓްތަކުގައި ތަޅު އަޅުވައި މަޖިލިސް ސަރަހައްދުގައި ސިފައިން ފޯރިމަރަން ފަށައިފި އެވެ. ސިފައިން މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަކޮށް، މަޖިލީހުގެ ގޭޓްތައް ތަޅުލީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ޖަލްސާ މިއަދު ބާއްވަން މަޖިލީހަށް މެމްބަރުން ވަންނާނެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފައި ވަނިކޮށެވެ. އަދި އެމނިކުފާނު މަގާމުން ދުރު ކުރާނެ ކަމަށް އިދިކޮޅު އިއްތިހާދުން އަންނަނީ ބުނަމުންނެވެ. މަޖިލީސް ކުރާ ގޭގައި ތަޅުއެޅުވި މައްސަލައިގައި މަހްލޫފު ވަނީ، މަޖިލީސްކުރާ ގޭގައި ތަޅުއެޅުވުމަކީ ގާނޫން އަސާސީއާއި ޚިލާފުކަމެއްކަން ފާހަގަކުރައްވާ ގާނޫން އަސާސީއާއި ޚިލާފުނުވުމަށް ސިފައިންނަށް ގޮވާލައްވާފައެވެ. އިދިކޮޅު މެމްބަރުން މިއަދު މެންދުރު ފަހު މަޖިލީހަށް ވަދެވަޑައިގަތުމަށް ނިންމަވާފައިވާއިރު އިއްތިހާދުން ބުނެފައިވަނީ މަޖިލިހަށް މެމްބަރުން ވަންނަން ސަލާމަތީ ބާރުތަކަށް ހުރަސް ނޭޅޭނެކަމުގައެވެ. މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ބުނެ މަޖިލީހުގެ ނާއިބް ރައީސް މޫސާ މަނިކު ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައެވެ. އަދި މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ކެންސަލްކޮށްފައިވަނީ ޖަލްސާ ބާއްވަން ހަމަވާން ޖެހޭ 41 ވޯޓު މިހާރު ހަމަނުވުމުންކަމަށް މަޖިލީހުގެ އިދާރާއިންވަނީ ބުނެފައެވެ. މަޖިލީޙުގެ ޖަލްސާއެއް ދެން އޮންނާނީ ފެށޭ ހަފްތާގެ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާ އިން އިއްޔެ އިއުލާނުކޮށްފައެވެ.

ޓެގު