ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ ދުނިޔެއަށް އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިހާރު ކުރިއަށް ދާ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގެ ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން މުހައްމަދު ރަޝީދު ވިދާޅުވިގޮތުގައި އެބޭފުޅާ ގަބޫލުކުރައްވާ ގޮތުގައި އެމްއެމްޕީއާރްސީ އަކަށް އެކަށީގެންވާ މިންވަރަކަށް ރާއްޖެ އިޝްތިހާރެއް ނުކުރެވެއެވެ.
“ފަތުރުވެރިކަން ކުރިއަރުވާ އިޝްތިހާރުކުރުމަށް އަޅުގަނޑުމެން އެބަޖެހޭ އެމްއެމްޕީއާރްސީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި ރާއްޖެ އެކަށީގެންވާ ގޮތަކަށް މާކެޓެއް ނުކުރެވޭ. އެމްއެމްޕީއާރްސީއަށް ދުނިޔޭގެ ފެންވަރުގެ ރަނގަޅު ސީއީއޯ އެއް ނަމަވެސް ގެނެސްގެން ރާއްޖެ މާކެޓްކުރެވޭނެ ގޮތްތަކެއް ހޯދަން އެބަޖެހޭ.” މުހައްމަދު ރަޝީދު ވިދާޅުވިއެވެ،
މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވިގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީ އަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފައިވާ 154 މިލިއަން ރުފިޔާ އަށްވުރެން އިތުރުވާންޖެހޭ ކަަމަށެވެ. އެގޮތުން ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ކަމަށާއި އެ އެއަރޕޯޓް ތަރައްގީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިިލިއަން ރުފިޔާ ހިމަނައިފައިވާކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން މުހައްމަދު ރަޝީދު ވަނީ މިހާރު ދައުލަތުން ދޭ ސަބްސިޑީތައް ދެމުން އަންނަ ގޮތާއި މެދުވެސް މިރޭގެ ބަހުސްގައި ފާޑު ވިދާޅުވެފައެވެ. އެގޮތުން ދައުލަތުން ދޭ ސަބްސިޑީ ދެވިގެންދަނީ އެންމެ ހައްގުވެރި ފަރާތްތަކަށްތޯ ސަރުކާރުން ކަށަވަރުކުރަންޖެހޭކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. ސަބްސިޑީ ދިނުމުގައި މިހާރާ ހިލާފަށް ވަކި ވަކި ފަރާތްތަކަށް އަމާޒުކޮށް ސަބްސިޑީ ދޭންޖެހޭ ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
“މިހާރު ސަބްސިޑީ މިދެވެނީ އެންމެ މުއްސަނދި މީހާ އާއި އެންމެ ފަގީރު މީހާ އާއިވެސް އެއް ހަމައެއްގައި. ކާޑަށް ދޭ ސަބްސިޑީސް ރިސޯޓުތަކުން މުވައްޒަފުންނަށްވެސް ކާންދެނީ އެ ސަބްސިޑީސްގައި. ތެލަށް ދެވޭ ސަބްސިޑީސް އިން ހުރިހާ އެންމެންނަށް އެއް ހަމައެއްގައި އެ ބޭނުން ކުރެވެނީ. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ ޓާގެޓްކޮށް ސަބްސިޑީ ދޭން، އެހެންނޫނީ ހަރަދު ކުޑައެއް ނުކުރެވޭނެ.” މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މުހައްމަދު ރަޝީދު ވަނީ މިރޭގެ ބަޖެޓު ބަހުސްގައި ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ނާސްތާ ޕްރޮގްރާމުންވެސް ވަރަށް ގިނަ އަދަދަކަށް ފައިސާ ބޭކާރުވާކަމަށާއި މިހާރަށްވުރެން ހަރުދަނާ ގޮތަކަށް ނާސްތާ ޕްރޮގްރާމް ހިންގޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން މުހައްމަދު ރަޝީދު ވިދާޅުވިގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުގެ ކުންފުނިތަކަށްވެސް ބަދަލުތަކެއް ގެންނަންޖެހެއެވެ. އެގޮތުން ހަރަދު ދެކޮޅު ނުޖެހޭ މުހިންމު ނޫން ކުންފުނިތައް އުވާލުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި މުހައްމަދު ރަޝީދު ވިދާޅުވިއެވެ. ދައުލަތުން އިސްރާފުވާ ގޮތަށް އަދި އެއް މަސައްކަތެއް ދެ ކުންފުނިއަކުން ކުރާ ގޮތަށް ރޭވިފައިވާ ކުންފުނިތައް ފާހަގަކުރެވޭ ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
“މިސާލަކަށް 2016 ވަނަ އަހަރު އުފެއްދި ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އައިސް މިއަދާއި ހަމައަށް އާމްދަނީގެ ގޮތުގައި 9 ލައްކަ ރުފިޔާ ލިބިފައިވާއިރު މި މުއްދަތުގައި އެ ކުންފުންޏަށް 31 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވޭ. މިއީ އަމިއްލަ އަށް ހިންގައިގެން އަމިއްލަ އަށް އާމްދަނީ އުފެއްދުމުގެ ނިޔަތުގައި އުފެއްދި ކުންފުނި. އެކަމަކު އެކުންފުނިންވެސް މިއަދާއި ހަމައަށް ގެއްލުންވަމުން މިދަނީ.” މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މިރޭގެ ބަހުސްގައި މުހައްމަދު އަހުމަދު ވަނީ ސްކޫލް ނިންމާލުމަށްފަހު މަތީ ތައުލީމު ހޯދުމަށް ނުދާ ދަރިވަރުންނަށް ވޮކޭޝަނަލް ޓްރެއިނިންގް އަދި އިތުރު ހުނަރުތައް ދަސްކޮށްދިނުމަށް ޕްރޮގްރާމްތައް ހިންގުމުގެ މުހިންމު ކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން ބަޖެޓުގައި ހިމަނައި ތަމްރީނު ނުކުރެވިއްޖެނަމަ ރާއްޖޭގައި މިހާރު ބިދޭސީންނަށް ބަރޯސާވާ މިންވަރު ކުޑަ ނުކުރެވޭނެ ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މިރޭގެ ބަހުސްގައި މުހައްމަދު ރަޝީދު ވަނީ އާސަންދައަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އާސަންދައަކީ ގިނަ އަދަދެއްގެ ފައިސާ އިސްރާފުވާ ކަމެއްކަމުގައި ވިދާޅުވެ އާސަންދަ މެނޭޖު ކުރުމަށް އިތުރު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށްވެސް މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.