English Edition
Dhivehi Edition
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިމްރާހިމް

މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ން 10 ދާއިރާއަކަށް ވާދަކުރަން ފޯމު ހުށަހަޅައިފިއެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް ވާދަކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް އެންމެ 10 ދާއިރާއަށް ޖޭޕީން ކުރިމަތިލާން ނިންމީ ކީއްވެކަމެއް އެޕާޓީން ހާމައެއް ނުކުރެއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް، ޖޭޕީގެ ލީޑަރު ގާސިމަށް ލިބިވަޑައިގަތީ 5,460 ވޯޓެވެ.

މިހާރު ކުރިއަށް މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލުކުރައްވަނީ އެންމެ ދެ މެންބަރުންނެވެ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ކެންދޫ ދާއިރާގެ މެންނަރު އަލީ ހުސެންއެވެ.

ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމާފައިވާ 10 ދާއިރާއަކީ, މާމިގިލީ ދާއިރާއަށް, ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް, ހުޅުމާލެ ދެކުނު ދާއިރާއަށް ގާސިމްގެ އަނބިކަނބަލުން އަދި ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު, އައިޝަތު ނަހުލާ, ކެންދޫ ދާއިރާއަށް, އަލީ ހުސައިން, ހެންޥޭރު ހުޅަނގު ދާއިރާއަށް, ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް, އުންގޫފާރު ދާއިރާއަށް, ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން, ދުވާފަރު ދާއިރާއަށް, ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު, ތިނަދޫ އުތުރު ދާއިރާއަށް, ކުރީގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު, ނޮޅިވަރަމް ދާއިރާއަށް, ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީ, ދާންދޫ ދާއިރާއަށް, ނިސާމާ މުހައްމަދު އަދި އޭދަފުށީ ދާއިރާއަށް, މުހައްމަދު ނާސިރުއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ޖޭޕީގެ 20،000 އަށްވުރެ ގިނަ މެންބަރުން އެބަތިއްބެވެ.