އަދުގެ ދުނިޔޭގައި ޓެކްނޮލޮޖީ މިވަނީ އިންތިހާއަށް ކުރިއަރައިފައެވެ. އޭގެ ތެރެއިން ކޮންމެދުވަހަކު ދުނިޔެއަށް އައު އީޖާދުތައް އަންނަނީ ތައާރަފް ވަމުންނެވެ. ކާރާއި ސައިކަލާއި، ރޮބޮޓަށްފަހު ދެން އެންމެ އަވަހަށް ފެންނާނީ ވައިގައި ދުއްވާ ކާރެވެ. އެހެންނޫނީ އުދުހޭ ކާރެވެ. މިއީ “އެރޯ މޯބައިލް” އިން ދުނިޔޭގެ ބާޒާރަށް ތައާފަރު ކުރަން ނިންމާފައިވާ އުޅަނދެކެވެ. މި އުޅަނދަކީ ދިގުމިނުގައި 5.9 މީޓަރ، ފުޅާ މިނުގައި 2.2 މީޓަރ އަދި 1.5 މީޓަރ އުސް އެއްޗެކެވެ. ބަރުދަނުގައި 960 ކިލޯ ހުރެއެވެ. 240 ކިލޯގެ ބަރު އެކާރަށް އުފުލޭނެއެވެ. މީގެ އިތުރަށް 90 ލީޓަރުގެ ތެޔޮ އެކާރަށް އެޅޭނެ ކަމަށް އެރޯ މޯބައިލްއިން ބުނެއެވެ. އޭގެ ސްޕީޑެއް ކަމަށް ދީފައިވަނީ ގަޑިއަކު 160 ކިލޯމީޓަރެވެ. އޭގެ ދުވެލި 0-100 ކިލޯމީޓަރަށް ބާރުކޮށްލަން ހޭދަވާނީ އެންމެ 10 ސިކުންތެވެ. މިއުޅަނދުގެ ސަލާމަތީ ފިޔަވަޅުތަކަށް ބަލާއިރު “އެއާ ފްރޭމް ޕެރެޝޫޓް ސިސްޓަމް”، “އެއާ ބޭގް” އަދި ގޮނޑީ ކަމަރު ހިމެނެއެވެ. އެހެން ކަމުން ދިމާވާ ކުއްލި މައްސަލައެއްގައި ރައްކާތެރި ވެވޭނެ ގިނަގޮތްތައް މީގައި ހުރިކަން ފާހަގަ ކޮއްލެވެއެވެ. މިކާރަކީ ހަމަ އެހެންކާރު ތަކެކޭ އެއްފަދައިން މަގުގައި ދުއްވޭނެ ކާރެކެވެ. އަދި ފްލައިޓް މޯޑަށް ބަދަލު ކޮށްލުމުން އެންމެ 3 މިނެޓް ތެރޭގައި މިކާރު ވައިގައި އުދުހޭ ކާރަކަށް ބަދަލުވާނެއެވެ. މިކާރު ދުނިޔޭގެ ބާޒާރަށް ނެރުމަށް އެރޯ މޮބައިލް އިން ހަމަޖައްސާފައިވަނީ 2020 އަހަރުގައެވެ. ކާރުގެ އަގަކީ 1.2 މިލިޔަން އެމެރިކާ ޑޮލަރެވެ.