އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމު ގޮތުން ކުރިއަށް ގެންދިޔަ ސައިބަރ އެކްސްޕޯ 2024 ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މިމަހުގެ 11 އިން 13 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ ސައިބަރ އެކްސްޕޯ ރަސްމީކޮށް ހުޅުއްވައިދެއްވީ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ދެއްކެވި ވާހަކަފުޅުގައި ސައިބަރ ކްރައިމްގެ ޝިކާރައަކަށްވެ، އަގުބޮޑެތި ގެއްލުންތަކެއްވެ، ޑޭޓާތައް ގެއްލި ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައްވެ، އެކަމުގެ ސަބަބުން ދިރިއުޅުމުގައި ގިނަ ތަކުލީފުތަކެއް އުފުލަންޖެހިފައިވާކަން ފާހަގަކުރައްވައި، މިކަން ހުއްޓުވުމަށްޓަކައި އެންމެ ގުޅިގެން އެކުގައި މަސައްކަތްކުރުމަށް އިހަށްވުރެ ބޮޑަށް މިއަދު މަސައްކަތްކުރަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ވުޒާރާތަކާއި އަމިއްލު ކުންފުނިތަކާއި އެކި ޖަމްޢިއްޔާތަކާއި ތައުލީމާއި ތަރުބިއްޔަތު ދޭ މުއްސަސާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރަންޖެހޭކަމަށާއި މިއަދު ދިވެހި ރައްޔިތުންގެ އަމާޒަކަށް ވާންވީސައިބަރ ސެކިއުރިޓީގެ ދާއިރާއިން އައު ފަންނުވެރިން ތައާރަފްކޮށް، މިދާއިރާއަށް ލޯބިޖެއްސުންކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ސައިބަރ ސެކިއުރިޓީ އާއި ސައިބަރ ކްރައިމްގެ އެންމެހާ ކުށުގެ ބާވަތްތަކުން ރައްކާތެރިވާނެ ގޮތް ރައްޔިތުންނަށް އަންގައިދީ އެކަމަށް ރައްޔިތުން އަހުލުވެރިކުރުވުމާއި ތުއްތު ޅަދަރިންނާއި އިސްރަށްވެހިން ސައިބަރ ކްރައިމްތަކުން ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ސައިބަރ ކްރައިމްގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަކީވެސް ކޮންމެހެން ކުރަންޖެހިފައިވާކަމެއްކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާއި ގާނޫނުތަކަށް ލޯހުޅުވި ރާއްޖޭގެ އެކަށޭނެ ބަދަލުތައް ގެނައުމަށް ފަސޭހަވެގެންދާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މި އެކްސްޕޯގެ ތެރެއިން މިދާއިރާތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިވުމުގެ ނަތީޖާއަކަށް ވެގެންދާނީ ކުދި ވިޔަފާރިތަކުގެ ޑިޖިޓަލް ސެކިއުރިޓީ ވަރުގަދަކުރުމަށް އާ ދޮރުތަކެއް ހުޅިވިގެން ދިއުންކަމަށާއި މި އެކްސްޕޯ ބޭއްވުމުގެ އެންމެ މުހިންމު އެއް އަމާޒަކީ އެއީކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ތަހުޒީބުވަމުން އަންނަ ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާ ފުޅާވެ ފައްކާވެގެން އަންނައިރު ޓެކްނޮލޮޖީއާ އެއް ހަމައެއްގައި ރާއްޖޭގެ ދުވެލި ހިފަހައްޓަން މަސައްކަތްކުރުން ކަމަށާއި މިކަން ކުރެވިގެން ދާނީ މި ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްގެންކަމަށް ވިދާޅުވިއެވެ. އަދި ސައިބަރ އެކްސްޕޯ ބޭއްވުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެލެއްވި އެންމެހާ ފަރާތްތަކަށާއި އެކްސްޕޯ ސްޕޮންސަރ ކޮށްދެއްވި ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޝުކުރު އަދާކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ދެއްކެވި ވާހަކަފުޅުގައި ތަރައްގީވަމުން އަންނަ ބައިނަލް އަގްވާމީ މުޖުތަމައުއެކޭ އެއްފަދައިން ރާއްޖޭގައިވެސް ވިޔަފާރީގެ މުއާމަލާތްތަކާއި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ޓެކްނޮލޮޖީ ޕްލެޓްފޯމްތަކަށް ބަރޯސާވުން މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާއި ދިރިއުޅުމުގެ ކަންތައްތަކަށް ޓެކްނޮލޮޖީގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާކަން ފާހަގަކުރެއްވިއެވެ. މިފަދަ ފަސޭހަތައް ލިބިގެންދާއިރު އަލަށް ތައާރަފްވަމުން ދާ ޓެކްނޮލޮޖީގެ ސަބަބުން ސަލާމަތީ މަޝްރަހަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާކަމުގައި ވިދާޅުވިއެވެ.
އެގޮތުން މުއައްސަސާތަކާއި އޮފީސްތަކުގެ މަސައްކަތްތައް ހުއްޓުވުމަށް މަގުފަހިވެގެންދާކަމަށާއި ރައްޔިތުންގެ ޒާތީ މައުލޫމާތުތަތައް ހޯދައި، އެ މައުލޫމާތުތައް ނުރަނގަޅު ގޮތުގައި ބޭނުންކޮށްގެން ރައްޔިތުންނަށް ގެއްލުން ލިބޭ ފަދަ ހާލަތްތައް ކުރިމަތިކުރުމުގެ ފުރުސަތުތައް ގިނަވެގެންދާކަމަށް ވިދާޅުވިއެވެ. އަދި އެހެން ގައުމެއްގައި ތިބެގެންވެސް މުއައްސަސާތަކުގެ މަސައްކަތްތައް ހުޓުވުމަށް ފުރުސަތު ހުޅުވާލެވިގެންދާކަން ފާހަގަކުރައްވައި، އެ ސަބަބުތަކާ ހުރެ އާންމު މުޖުތަމައު ތެރޭގައި ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ވުޒާރާތަކާއި އާންމު ވިޔަފާރިތަކާއި ރައްޔިތުންގެ ހިމާޔަތްތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް ވަރުގަދަ ކުރުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އެމަސައްކަތްތަކުގެ ދަށުން ނެޝަނަލް ސައިބަރސެކިއުރިޓީ އޭޖެންސީއެއް އުފައްދާފައިވާކަން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު މި ސައިބަރ ސެކިޔުރިޓީ އެކްސްޕޯ ގެ ސަބަބުން ސައިބަރ ޑޮމެއިންގައި ދިމާވެދާނެ ނުރައްކާތެރިކަމާއި ގޮންޖެހުންތައް ފަސޭހައިން ދެނެގަނެވި ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ ފުރުސަތު އިތުރުވެގެންދާކަން ފާހަގަކުރައްވައި، މިފަދަ މަސައްކަތްތަކުގެ ތެރެއިން އައިޓީޔޫ ގްލޯބަލް ސެކިޔުރިޓީ އިން ޓެކްސް އިން ދިވެހިރާއްޖެ މިހާރު ގިންތި ކުރެވިފައިވާ ހަރުފަތުން މައްޗަށް ދިޔުމުގެ ފުރުސަތު އިތުރުވެގެންދާކަމަށާއި މީގެސަބަބުން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ކޮންފިޑެންސް އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި މޯލްޑިވްސް ވިމެން އިންޓެކް އާއި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ގުޅިގެން އެސްކޫލުގެ ފަސް ދަރިވަރަކު ތައްޔާރުކޮށްފައިވާ ރޮބަޓްކަމުގައިވާ “ރިހި ކަކުނި” ދައްކާލާފައެވެ.
މި ޑިސެމްބަރު މަހުގެ 11 އިން 13 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ސައިބަރ އެކްސްޕޯއަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެކްސްޕޯއެކެވެ. މި އެސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމަށް ބޭއްވި އެކްސްޕޯއެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމްކޮށްގެން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ނޭޝަނަލް ސައިބަަރ ސެކިއުރިޓީ އޭޖެންސީ ގުޅިގެންބޭއްވި މި އެކްސްޕޯގެ ކުރިއަށް ގެންދިޔައީ ގިނަ ފަރާތްތަކެއް އެހީތެރިކަމާއެކު އެވެ. އެގޮތުން ބްރޯންޒް ޕާޓްނަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީއެވެ. ބޭންކިންގ ޕާޓްނަރަކީ މޯލްޑިވްސް އިސްލާމިކް ބެންކެވެ. މި އެކްސްޕޯގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ އަދި ޓެލެކޮމިއުނިކޭޝަން ޕާޓްނަރަކީ ދިރާގުއެވެ. މި އެކްސްޕޯގެ ކޭޓަރިންގ ޕާޓްނަރަކީ ޕާކްސައިޑެވެ.