ކުރިއަށް އޮތް ރޯދައަށް ސައޫދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ރޯދައިގެ ކުރިން ބަހައި ނިންމާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހަށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެ އެވެ. މި އަހަރުގެ ޝިޕްމަންޓް ވެސް މިހާރު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރޯދައިގެ ކުރިން މާލެ އާއި ރަށްރަށަށް ކަދުރު ބެހުމަށް ތައްޔާރުވަމުންދާ ކަމަށާއި މިފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްތާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ ކަމަށެވެ.
މިދިޔަ ރޯދައަށް ވެސް ސައުދީ އިން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ. ކަދުރު އާންމުކޮށް ބަހަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓްގެ ރޭޓުންނެވެ.