English Edition
Dhivehi Edition

ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އަލްމަރްހޫމް ޑރ.އަބްދުލް މަޖީދު އަބްދުލްބާރީގެ ހަނދާނުގައި މިއަދު އިސްލާމިކް މިނިސްޓްރީގައި ތައުޒިޠާގެ ދަފްތަރެއް ހުޅުވައިފިއެވެ.

މިއަދު މެންދުރު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދަފުތަރު ހުޅުވައިދެއްވައި އޭގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

ދަފުތަރު ހުޅުވިފައި އޮންނާނީ އިސްލާމިކް މިނިސްޓްރީގައި ކަމަށާއި ސޮއި ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވަޑައިގެން ސޮއިކުރެއްވުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލާފައިި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަދު 11:00ގައި މި ދަފްތަރުގައި ސޮއިކުރުން ފެށިގެން ގޮސްފައިވާއިރު، ޑރ. މަޖީދުގެ މައްޗަށް ރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ޣައިބަށް ކަށުނަމާދުކޮށްފައިވެއެވެ. އަދި މަސްޖިދުލް ހަރަމް އާއި މަސްޖިދުލް ނަބަވީގެ އިތުރުން ތާއިފް މިސްކިތުގައްޔާއި އިނގިރޭސިވިލާތުގެ ކެންޓަބަރީ މިސްކިތުގައި ވެސް ޑރ. މަޖީދުގެ މައްޗަށް ޣައިބަށް ކަށުނަމާދުކޮށްފައިވެއެވެ.

ހުލްގުހެޔޮ، މަޑުމައިތިރި، އަހްލާގު ރަނގަޅު އަދި ހަމައާއި އިންސާފަށް އަބަދުވެސް ވާހަކަދައްކަވަމުން ގެންދެވި ޑރ.މަޖީދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ ލަންކާ އަށް މުހިއްމު ބައްދަލުވުމަކަށް ވަޑައިގެން ހުންނަވަނިކޮށް، ސްޓްރޯކެއްޖެހި ސްރީލަންކާގެ ލަންކާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އައިސީޔޫގައި ވެންޓިލޭޓަރގެ ސަޕޯޓުގައި ފަރުވާދެމުން ގެންދަނިކޮށެވެ.

ޑރ. މަޖީދު އަވަހާރަވި އިރު އުމުރުފުޅަކީ 55 އަހަރެވެ.

ޑރ.މަޖީދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވިއިރު އަންބަކާ ފަސް ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

ޑރ.މަޖީދު ފަސްދާނުލެވުނީ، އިއްޔެގެ މެންދުރު ނަމާދަށްފަހު ލަންކާގެ ވެރިރަށް ކޮލަމްބޯގެ ޖާވައްތަ މުސްލިމް ސަހަރާގައެވެ.

ޑރ.މަޖީދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވިއިރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމުގައެވެ. މީގެ އިތުރުން އެމަނިކުފާނަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖްލިހުގެ ރައީސްވެސް މެއެވެ..

.