English Edition
Dhivehi Edition

މިދިޔަ ސީޒަންގައި އިޓާލިއަން ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އިންޓަ މިލާންގެ މައުރޯ އިކާޑީ ވޯލްޑް ކަޕްގެ ސްކޮޑުން ފުރުސަތު ނުލިބުމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.

ރަނގަޅު ފޯމެއްގައި ހުރި އިންޓަ މިލާންގެ ފޯވާޑް މައުރޯ އިކާޑީ އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އާޖެންޓީނާ ޓީމުން އިކާޑީ ބާކީކޮށް ކޯޗު ޖޯޖް ސަމްޕައޮލީ ނަގާފައިވަނީ މެންޗެސްޓަ ސިޓީގެ ސާޖިއޯ އަގުއޭރޯ،ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަދި އިކާޑީ އާއި އެ ލީގެއްގައި ކުޅޭ ޖުވެންޓަސްގެ ފޯވާޑް ހިގުއައިންނެވެ.

ވޯލްޑް ކަޕް ސްކޮޑުން ބާކީ ކުރުމުން އިކާޑީ އޭނާގެ އޮފިސިއަލް ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ މުޅި ސީޒަންގައި ކުރި މަސައްކަތުގެ އަގުވަޒަން ނުކުރުމުން ދެރަވާ ކަމަށާއި އަދިވެސް ގައުމަށް ހިދުމަތް ކުރަން ލިބިއްޖެއިއާ އެކަމަށް މަރުހަބާ ކިޔާނެކަމަށެވެ.

އިކާޑީ ސްކޮޑުން ބާކީކުރިއިރު މި ސީޒަނުގައި އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އިކާޑީ ވަނީ މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގައި 29 ގޯލު ކާމިޔާބުކޮށްފައެވެ. އިންޓަ މިލާން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިނުމުގައި ވެސް އިކާޑީގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ

އުމުރުން 25 އަހަރުގެ އިކާޑީ އަށް މިހާތަނަށް ބޮޑު މުބާރާތެއްގައި އާޖެންޓީނާ ޓީމަށް ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. އާޖެންޓީނާގެ މީޑިއާތަކުން އަންނަނީ އިކާޑީ އަށް ޓީމުން ފުރުސަތު ނުދޭން މެސީ ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އާޖެންޓީނާއާ އެންމެ ފަހުން ހަވާލުވި ދެ ކޯޗުން ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ

ވޯލްޑް ކަޕްގެ އެންމެފަހުގެ ރަނަރަޕުން ކަމަށްވާ އާޖެންޓީނާ މިފަހަރު ލައްވާލާފައިވަނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ކްރޮއޭޝިއާ އާއި ނައިޖީރިއާގެ އިތުރުން އައިސްލޭންޑެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 16 ވަނަ ދުވަހު އާޖެންޓީނާ ނިކުންނާނީ އައިސްލޭންޑާއި ދެކޮޅަށެވެ.

ވޯލްޑް ކަޕަށް ނެގި އާޖެންޓީނާގެ 23 ކުޅުންތެރިންގެ ސްކޮޑު:

ކީޕަރުން: ސާޖިއޯ ރޮމޭރޯ (މެންޗެސްޓަރ ޔުނައިޓެޑް)، ވިލީ ކަބަލޭރޯ (ޗެލްސީ)، ފްރެންކޯ އާމާނީ (ރިވަ ޕްލޭޓް)

ޑިފެންޑަރުން: ނިކޮލަސް އޮޓެމެންޑީ (މެންޗެސްޓަރ ސިޓީ)، ގެބްރިއަލް މާސޭޑޯ (ސެވިއްޔާ)، ކްރިސްޓިއަން އަންސަލްޑީ (ޓޮރީނޯ)، ފެޑެރީކޯ ފާޒިޔޯ (ރޯމާ)، މާކޮސް ރޮހޯ (މެންޗެސްޓަރ ޔުނައިޓެޑް)، ނިކޮލަސް ޓަގްލިއާފިކޯ (އަޔެކްސް)، މާކޮސް އަކޫނާ (ސްޕޯޓިން)، އެޑުއާޑޯ ސަލްވިއޯ (ބެންފީކާ)

މިޑްފީލްޑަރުން: ހާވިއޭ މަޝެރޯނާ (ހެބެއި ފޯޗުން)، އެވަ ބަނޭގާ (ސެވިއްޔާ)، ލޫކަސް ބީގްލިޔާ (އޭސީ މިލާން)، އެންހެލް ޑިމަރިޔާ (ޕީއެސްޖީ)، ޖިއޮވާނީ ލޮ ސެލްސޯ (ޕީއެސްޖީ)، މަނުއަލް ލަންޒީނީ (ވެސްޓްހަމް ޔުނައިޓެޑް)، ކްރިސްޓިއަން ޕަވޮން (ބޮކަ ޖޫނިއާސް)، މަކްސިމިލިއާނޯ މެޒާ (އިންޑިޕެންޑިއެންޓޭ)

ފޯވާޑުން: ލިއޮނަލް މެސީ (ބާސެލޯނާ)، ސާޖިއޯ އަގުއެރޯ (މެންޗެސްޓަރ ސިޓީ)، ގޮންޒާލޯ ހިގުއައިން (ޔުވެންޓަސް)، ޕައުލޯ ޑިބާލާ (ޔުވެންޓަސް)