ފުލުހުންގެ މެމޯރިއަލްޑޭ އައްޑޫސިޓީގައި މިއަދު ފާހަގަކޮށްފިއެވެ. އައްޑޫސިޓީގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ބައިވެރިވެގެން މި ދުވަސް އައްޑޫސިޓީގައި ފާހަގަކޮށްފައިވަނީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައެވެ. އެ ހަރަކާތުގައި ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗީފްއިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދުއަލީއާއި އައްޑޫގައި މަސައްކަތްކުރާ އިސް ފުލުހުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކުރިއެވެ. އަދި މިއަދު ހެނދުނުވަނީ ފުލުހުންގެ ހަނދާނުގައި ސްކޫތު ގެނައުމާއި ދުވަހުގެ ޚާއްސަ ދުޢާ ކިޔައިފައެވެ. ފުލުހުންގެ މެމޯރިއަލްޑޭ އަކީ ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކާއި ކަންކަމުގައި ދުނިޔެއާ ވަކިވެދިޔަ، ފުލުހުންގެ ހަނދާން އާކޮށް އެފުލުހުން ގައުމަށްޓަކައި ވެފައިވާ ގުރުބާނީއާއި ކޮށްދީފައިވާ މަތިވެރި ޚިދުމަތުގެ ޒިކުރާ އައުކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހަކެވެ.