English Edition
Dhivehi Edition

މިނިސްޓަރ އޮފްޖެންޑަރ އެންޑް ފެމިލީ، ޒެނީޝާ ޝަހީދު ސައުތު ޕޮލިސް ޑިވިޝަން (އެސްޕީޑީ) ކޮމާންޑަރު ޗީފްއިންސްޕެކްޓަރއޮފް ޕޮލިސް އަލީ ޝަރީފާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ބައްދަލުވުމުގައި އައްޑޫސިޓީ ކޮމާންޑަރު އިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދު އަލީއާއި، އައްޑޫސިޓީ ޕޮލިހުންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ޖެންޑަރ އެންޑް ފެމިލީއާ ގުޅިގެން ސައުތު ޕޮލިސް ޑިވިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްހުރި ދަތިކަންކަމާ ބެހޭ ގޮތުންނެވެ. އެ ދަތިކަންކަމަށް މަޝްވަރާ ކުރައްވައި އެކަންކަން ހައްލުވާނެ ގޮތްތަކާމެދުވެސް މި ބައްދަލުވުމުގައިވަނީ ވާހަކަ ދައްކަވައިފައެވެ. އަދި މިހާރެކޭ އެއްގޮތަށް ދެކޮޅުންވެސް އެކިކަންކަމަށް ދެމުންގެންދާ އެއްބާރުލުން ދެމެހެއްޓުމާ ބެހޭގޮތުންވެސް މިބައްދަލުވުމުގައިވަނީ މަޝްވަރާ ކުރައްވައިފިއެވެ. އޭގެ އިތުރަށް ކޮމިޔުނިޓީ ސޯޝަލްގުރޫޕް މިސަރަހައްދުގައިވެސް ވީހައިވެސް އަވަހަކަށް އުފެއްދުމާ ބެހޭ ގޮތުން ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވައިފައެވެ. މިނިސްޓަރ ޒެނީޝާ ވަނީ އައްޑޫ ސިޓީ ކައުންސިލާވެސް ބައްދަލު ކުރައްވައިފައެވެ.