English Edition
Dhivehi Edition

މުދާ ރައްކާތެރިކުރެއްވުމުގެ ގޮތުން މާތްވެގެންވާ އިސްދީންގައި ވިޔަފާރީގައި މަކަރު ނެހެދުމަށާއި ބާތިލް ގޮތުގައި މީހުންގެ މުދާ ނުކެއުމަށް އަމުރުކުރައްވާފައިވެއެވެ. އަދި އެފަދަ އަމަލްކުރާ މީހުންނަށް ޝަރީއަތުގައި އަޤޫބާތް ކަޑައަޅުއްވާފައިވެއެވެ. އިންސާނުންގެ ދުނިޔަވީ ޙަޔާތުގެ ބާއްޖަވެރިކަމާއި އުޚުރަވީ ޙަޔާތުގެ ކާމިޔާބީވެސް ބިނާވެގެންވަނީ އިންސާނުންގެ ޢަމަލުތަކުގެ މައްޗަށެވެ. އެމީހުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މައްޗަށެވެ. މުރާލިކަމާއި ހީވާގިކަމުގެ ސިފަލިބިގެންވާ ބަޔަކަށްވުމުންނެވެ. މިހެންވެ އިސްލާމްދީނުގައި މުދަލާއި ފައިސާ ހޯދައި، ދުނިޔޭގެ އުފަލާއި އަރާމު ލިބިގަތުމަށް މަސައްކަތްކުރުމަށް ވަކި ގޮތްތަކެއް ހަމަޖައްސަވާފައިވެއެވެ. އަދި އެކަމުގައި ހިފަހައްޓަންޖެހޭ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ.

އިސްލާމްދީނުގައި މީހާ ހިތް އެދޭހާ ގޮތަކަށް މުދަލާއި ފައިސާ ހޯދުމަކީ ހުއްދަކަމެއްނޫނެވެ. ވައްކަން ކުރުމާއި ފޭރުމާއި އަދި އެހެން މީހުންގެ މުދާ ނުޙައްޤުގޮތުގައި އަތުލުމަކީ ޙަރާމްކުރައްވާފައިވާކެމެކެވެ. އަދި މީހުންނަށް މަކަރާއި ޙީލަތްހަދައި އޮޅުވާލައިގެން މުދާ ހޯދުމަކީވެސް އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. .

ވިޔަފާރިހުއްދަކުރެވުނީ އަޅުތަކުންނަށް ލުއިފައްސޭހަ ގޮތުގައި ބޭނުންޖެހޭ ތަކެތި އެތަކެތި ހުރި ބައެއްގެ އަތުން ރުހުމާއެކު ހޯދޭނެ ގޮތް މެދުވެރިކޮށް، ހަލާލު ގޮތުގައި އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮސްދިނުމެވެ.ވިޔަފާރީގެ ސިޢާއަކީ ވިއްކުމާއި އަދި ވިއްކިމީހާ ގަންނަ އެތި ޤަބޫލްކުރުމެވެ.އިސްލާމްދީނަކީ އެންމެ ލުއި ފައްސޭހަ ދީންކަމުގައިވީ ހިދު މުދާ ރައްކާތެރިކުރުމުގެ ގޮތުން ދެ ފަރާތުގެ ރުހުމާއެކު ފައިދާއެއްލާފައި އެއްމުދާ އަނެއް މުދަލައި ބަދަލުކޮށްދިނުން (ނުވަތަ ވިޔަފާރި) ކުރުމުގައިވެސް ވަކި މިންގަޑުތަކެއް ކަޑައެޅިފައިވެއެވެ.

އިސްލާމުދީނުގައި ކަމެއް ހުއްދަކުރައްވާނީ ނުވަތަ ޙާރާމް ކުރައްވާފައިވާނީ މަތިވެރި މަޤުޞަދުތަކަކަށްޓަކައެވެ. ވިޔަފާރި އަކީ އޭގެ ސަބަބުން އަނިޔާވެރިކަމާއި ޚިޔާނާތާއި ވައްކަށްކުރުމާއި މަގުފޭރުމާއި ތަޅާފޮޅުމާއި ކަންބޮޑުވުމާއި ބައިބައިވުމުން ސަލާމަތްކޮށްދެއެވެ. އެހެނީ އިންސާނުން ލައްވާފައިވަނީ އެކަކު އެކަނި ހުރިހާ ބޭނުމެއް ފުއްދޭފަދަ ގޮތެއްގައެއްނޫނެވެ. އެއްވެސްމީހަކީ އެހެންމީހުންގެ އެހީތެރިކަމާ ނުލާ ދިރިއުޅެވޭނެ މީހެއްނޫނެވެ. މިގޮތުން ގަނެވިއްކުމުގެ މަގު ނުވާނަމަ އެމީހެއްގެ ބޭނުންތައް ފުއްދުމަށްޓަކައި އޮތީ ދެގޮތެކެވެ. ފުރަތަމަ ގޮތަކީ އަނެކުންގެ އެހީއަށް އެދުމެވެ. މިގޮތަށް ހުރިހާ ކަމެއް ފުއްދުމަކީ ހަމަޖެހޭ އުޞޫލެއް ނޫނެވެ. ދެވަނަގޮތަކީ ނުބައި މަގުތަކުން މުދާ ހޯދަން މަޖުބޫރުވުމެވެ. އެއީ ވައްކަން ކުރުން ނުވަތަ މަގުފޭރުން ފަދަ ގޮތަކަށެވެ. މިހެންވެއްޖެނަމަ މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަން ގެއްލި އިންސާނީ ދަރިފަސްކޮޅު ހަލާކެއްގެ ތެރޭގައި ވެއްޖައީހެވެ. މާތްﷲ ކީރިތިޤުރްޢާންގައި ވަޙީކުރައްވާފައިވެއެވެ. ” ވިޔަފާރިކުރުން ﷲ ވަނީ ހުއްދަކުރައްވާފައެވެ. އަދި ރިބާވަނީ ހަރާމް ކުރައްވާފައެވެ.”

ދެފަރާތުގެ މަސްލަހަތު ރައްކާތެރިކޮށް މުޖްތަމައު ފަސާދައިން ސަލާމަތްކުރެއްވުމުގެ ގޮތުން ދެ ފަރާތުގެ ރުހުމާއެކު ޝަރުއީ ގޮތުން ވިއްކުން ހުއަދަކޮންމެ އެއްޗެއް ފައިދާއެއް ލިބިގަނެވޭ ގޮތަށް ވިއްކުން ވަނީ ހުއްދަކުރައްވާފައެވެ. ރަސޫލާ ހަދީސްކުރައްވާފައިވެއެވެ. “އެނެމް ރަގަޅު މަސައްކަތަކީ އިންސާނާގެ އަތުން ކުރާ މަސައްކަތެވެ. އަދި މަކަރާއި ހީލަތް އޭގައި އެކުލެވިގެން ނުވާ ވިޔަފާރިއެވެ.”

މުސްލިމުންގެ ތެރެއިން ވިޔަފާރި ފަދަ މުޢާމަލާތްތައް ކުރާ ގިނަ ބަޔަކު މުޢާމަލާތްތައް ކުރުމުގައި އިސްލާމްދީން ކަޑައަޅާފައިވާ މިންގަނޑުތައް ދެނެގަތުމަށް އިހުމާލުވެ އެކަންތައްތަކަށް ޣާފިލުވެތިބެއެވެ. އަދި ކިއެއްތަ ޙަލާލު ރިޒުޤުހޯދުމަށްވުރެ ބޮޑަށް ކޮންމެ ފަދަ ގޮތަކަށް ވިޔަސް ގިނަ ފައިދާއާއި މުދާ ފައިސާ ހޯދުމުގެ ދަހިވެތިކަން އުފެދިފައިވެއެވެ. މިގޮތުން ޙަރާމްތަކެތި ކެއުމީ އެބައިމީހުންނަށް މައްސަލައަކަށް ނުވެއެވެ. މިއީ ވަރަށް ނުރައްކާތެރިކަމެކެވެ. ކޮންމެ މުސްލިމަކުވެސް އެމީހަކު ކުރާކަމެއް ދީނުގެ މިންގަނޑުގެތެރޭ ކުރުމަށްޓަކައި އެކަމެއްގެ ޢިލްމުލިބިގަތުން ފަރުޟުވެގެންވެއެވެ. ލުއި ފައްސޭހަ ރަގަޅުމަގު އިހްތިޔާރްކޮށް ހަލާލު ގޮތުގައި މުދާ ހޯދެނެ މަގު ދައްކަވާފައިވީ ނަމަވެސް ގިނަ ފަރާތްތަކުން ވިޔަފާރީގައި ބޮޑެތި މަކަރާއި އޮޅުވާލަންތައް ގެންގުޅޭތަން ފެންނަމުން ދެއެވެ. މި ގޮތުން ތިމާގެ މުސްލިމް އަޙާ ނިކަމެތިކޮށްލުމުގެ ބޭނުމުގައި މުސްލިމް އަޙާގެ ވިޔަފާރީގެ މައްޗަށް ވިޔަފާރިކުރުމާއި، އިސްލާމީ ޝަރީއަތުގައި ހަރާމްކުރައްވާފައިވާ އެއްޗެހި ގަނެ ވިއްކުން ހިިމެނެއެވެ.

މިފަދަ މީހުންނަށް ޤިޔާމަތް ދުވަހުން ބޮޑުވެގެންވާ އަޒާބާއި ހަލާކު ހުރިކަން މާތްﷲ ވަނީ އަންގަވާފައެވެ. ޝައްކެއްނެތް ގޮތުގައި އިސްލާމްދީނުގައި ވިޔަފާރިއާ ގަނެވިއްކުން ބިނާވެގެންވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މައްޗަށެވެ. ތިމާ ކުރާ މަސައްކަތާއި ވިއްކާ މުދަލާއި އަދި ދެވޭ ޚިދުމަތަކީ މާތްﷲ ޙަލާލުކުރައްވާފައިވާ ރަނގަޅު ތަކެތި ކަމުގައިވާންޖެހެއެވެ.

ވިޔަފާރި ކުރުމުގައި މިނެކިރުމާއި މުށް އެޅުން ފަދަ ކަންކަމުގައި މަކަރާއި ޙީލަތް ހަދައި، ގަންނަމީހުންގެ ޙައްޤު އުނިކޮށް އެބައިމީހުންނަށް މަދުން ދިނުންފަދަ ޢަމަލުތައް ކުރުމަކީ ޙަރާމްކަމެކެވެ. އަދި ބާޒާރުގައި އެއްޗެހި މަދުވާން ފެށުމުން ބޮޑުއަގުގައި ވިއްކުމަކީ ވެސް ހުއްދަކަމެއް ނޫނެވެ.މ ީސްތަކުންގެ މުދަލަށް އަރައި ގަންނަ އިންސާނުންގެ މައްޗަށް ޙައްދުތަކެއް ޤާއިމްކުރުމަށް ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން ވައްކަމާއި، ފޭރުން ޙަރާމްކުރައްވާ އެކަމަށް ހަރުކަށި ޢުޤޫބާތް ކަނޑައަޅުއްވާފައިވެއެވެ.

މިގޮތުން ވައްކަންކުރާ މީހާއާއި ވައްކަންކުރުމުގެ ފިކުރު ގެންގުޅޭ ފަރާތްތަކަށް ބިރުގަތުމާއި ޖެހިލުން އުފެދެއެވެ. އެހެން މީހެއްގެ މުދާ ހަލާކުކޮށް ގެއްލުމެއް ދީފި މީހާ ޒިންމާދާރުކުރުވައެވެ. މިގޮތުން މުދާ ޙިމާޔަތްކޮށް ދިފާޢުކުރުމާއި، ހަނގުރާމަކުރުން ހުއްދަ ކުރައްވާފައިވެއެވެ. އަދި އެމީހެއްގެ މުދާރައްކާތެރި ކުރުމުގައި ހަނގުރާމަކޮށް މަރުވެއްޖެނަމަ އެއީ ޝަހީދެއް ކަމުގައި ވަނީ ލައްވާފައެވެ. ތަނަވަސްކަމުގެ އަހުލުވެރިން އަދާކުރަންޖެހޭ އެންމެ މުހިއްމު ޙައްޤުތަކުގެ ތެރޭގައި ފަރްޟު ޒަކާތާއި ޞަދަޤާތް ހިމެނެއެވެ. ޒަކާތާއި ޞަދަޤާތަކީ މުދަލާއި ނަފްސު ޠާހިރު ކުރާ ކަންކަމެވެ. ނަފްސުގެ ދަހިވެތިކަމާއި، އަމިއްލަ އެދުމުން ސަލާމަތް ކުރުވާ ކަމެކެވެ. އަދި އެކަމުގައި އަޅުތަކުންގެ ޙައްޤުވެސް އެކުލެވިގެންވާ ކަންކަމެވެ. ޞަދަޤާތް ކުރުމަކީ އެކަމުގެ ސަބަބުން މުދާ މަދުވާކަމެއް ނޫނެވެ. ޒަކާތް ދިނުމުން މަނާވެގަތުމަކީ މުދާ ހަލާކުވެ މީހާ ބަރަކާތް ކެނޑިގެންދާ ކަމެކެވެ.