މިއަންނަ އަންގާރަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު ފުވައްމުލަކު ސިޓީއާއި އައްޑޫސިޓީ ފޭދުއާ ދެމެދު ކާގޯ ފެރީއެއް ބާއްވާނެ ކަމަށް ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) އިން ވިދާޅުވެއްޖެއެވެ. އެސްޓީއެލްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝަފީއު ވިދާޅުވީ މިކަމަށް ބޭނުންވާ 100 މީހުންގެ ޖާގައިގެ ދޯންޏެއް ގެނެސް މިހާރުވަނީ ޓެސްޓްވެސް ކޮށްފައި ކަމަށެވެ. “ކާގޯ ފެރީގެ ދަތުރުތައް އަޅުގަނޑުމެން ފަށައިގަންނައިރު މިބާއްވަނީ ކޮންމެ ހަފްތާއަކު އެއްދުވަހު. އެކަމަކު ޑިމާންޑް އިތުރުވާ ވަރަކަށް ދަތުރުވެސް އިތުރުވާނެ. ކާގޯ ފެރީގެ ފުރަތަމަ ދަތުރު އޮންނާނީ އަންނަ އަންގާރަ ދުވަހު. ފުވައްމުލަކު ސިޓީން ފެރީ ފުރާނީ އަންގާރަދުވަހު ހެނދުނު 8:00 ގައި. ފޭދޫން ފުރާނީ އަންގާރަދުވަހު މެންދުރުފަހު 2:00 ގައި،” ޝަފީއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ފެރީގައި ތަރުކާރީއާއި މޭވާއި އަދިވެސް އެހެނިހެން ބާވަތްބާވަތުގެ މުދާ އުފުލޭނެ ކަމަށެވެ. އަދި ފުވައްމުލަކުން އުފައްދާ ދަނޑުވެރިކަމުގެ ބާއްވަތްތައް އައްޑުއަށް ފޮނުވަން ބޭނުވެ ނުފޮނުވި ތިބި މީހުންގެ އިންތިޒާރަށް މިކަމުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ. ގަންއިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ބޭރަށް ދެވެން ފެށުމުން އެއިން ދަތުރުކުރާ ފުވައްމުލަކު މީހުން ގެންނަ މުދާވެސް މި މިފެރީގައި ގެންދެވޭނެއެވެ. އެހެންނަމަވެސް އެގޮތަށް ގެންނަމުދާ އެސިޓީއަށް ފޮނުވޭނީ ފެރީ އޮންނަ ދުވަހު އެކަންޏެވެ. މިހާރު ލޯންޗުފެރީ އޮތުމުން މީހުން ގެންނަ މުދާ ފުވައްމުލަކަށް ފޮނުވުމަކީ ވަރަށްދަތި ކަމެކެވެ. އެހެންނަމަވެސް ކާގޯ ފެރީގެ ޚިދުމަތް ފެށުމުންއެކަންވެސް ނިމުމަކަށް އަންނާނެއެވެ. ބޭރުން ގެންނަމުދާ މާލެއިން ފުވައްމުލަކަށް ގެނެސްގެން ވިއްކާ އަގަށްވުރެ ހެޔޮއަގެއްގައި އައްޑޫމަގުން ގެންނަ މުދާ އަގުހެޔޮކޮށް ވިއްކާލެވޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ. އެހެންކަމުން އައްޑުއާއި ފުވައްމުލަކުސިޓީއާ ދެމެދު ކާގޯފެރީ ބޭއްވުމަކީ ރައްޔިތުންނަށް ފައިދާވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. އައްޑުއާއި ފުވައްލަކާ ދެމެދު މިހާތަނަށް ކާގޯފެރީއެއް ބާއްވައިފައެއް ނުވެއެވެ. އެހެންކަމުން މުދާއުފުލުމަށްވަނީ ދަތިވެފައެވެ. އެހެންނަމަވެސް މި ފެރީގެ ސަބަބުން އެދަތިކަން ފިލައިދާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ. ކާގޯފެރީން މުދާ އުފުލޭނެ އަގުތައް އަންގައިދޭ ލިސްޓެއް ފެރީޓާމިނަލްގައި އެންމެނަށް ފެންން ގޮތަށް ހުންނާނެ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.0