ބޮލީވުޑްގެ މަޝްހޫރު ތަރި ސްރީދޭވީގެ ކުއްލި މަރުގެ ހަބަރާއެކު މުޅި ދުނިޔެއަށް ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ
ސްރީދޭވީ ޗުއްޓީ ހޭދަކުރަމުންދިޔަ ދުބާއީގެ ހޮޓަލެއްގެ ބާތްޓަޕް ތެރޭގައި ސްރީދޭވީ މަރުވެފައި އޮއްވާ ފެނިފައިވަނީ ފިރިމީހާ ބޮނީ ކަޕޫރްއަށެވެ. ފެބްރުއަރީ 24 ވަނަ ދުވަހު ހިނގި މި ހާދިސާ އތަހުގީގުކޮށް ނިންމާފައިވާއިރު މި މައްސަލަ ތަހުގީގު ކުރި ފަރާތްތަކުން ބުނެފައިވަނީ ސްރީދޭވީ މަރުވީ ބާތްޓަބް ގެ ފެންގަނޑުގެ ތެރެއަށް ގެނބިގެން ކަމުގައެވެ. މި ހަގީގަތް ބައެއް މީހުން ގަބޫލުކުރި ނަމަވެސް ގިނަ ބަޔަކުވަނީ ސްރީދޭވީ ގެ މަރާއި ގުޅިގެން ގިނަ ސުވާލުތައް އުފައްދާފައެވެ.
މި ގޮތުން ކުރީގެ އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް ވެދް ވަނީ މި މައްސަލަ އޭނާގެ އަމިއްލަ އެޖެންސީ ޕްރައިވެޓް އިންވެސްޓިގޭޝަން އެޖެންސީ އިން ތަހުގީގުކޮށްފައެވެ. ވެދ ސްރީދޭވީގެ މަރުގެ ތަހުގީގަށް ފަހު ބުނެފައިވަނީ އެއީ އެކްސިޑެންޓެއް ނޫންކަމަށާއި ބަޔަކު ރާވައިގެން ސްރީދޭވީ މަރާލާފައިވާކަމަށެވެ.”ވަރަށް ފައްސޭހަ ކަމެއް އެއްވެސް ހެއްކެތް ނުފެންނާނެހެން ބާތްޓަބެއްގެ ތެރެއަށް މީހަކު ގަންބާލާ އޭނާގެ ނޭވާ ހާސްކޮށް މަރާލުމަކީ. އޭރުން އެއްވެސް މީހަކަށް ނޭގޭނެ އަސްލު ކަންތައްތައް ހިގާފައިވާ ގޮތް. ސްރީދޭވީއަށް ދިމާވި ހާދިސާއަކީވެސް މި ފަދަ ހާދިސާއެއްކަމަށް ލަފާކުރެވެނީ” ވެދް ބުނެފައިވެއެވެ
ވެދްގެ ވާހަކަތަކާއި ގުޅިގެން ސްރީދޭވީގެ އާއިލާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ