English Edition
Dhivehi Edition

މަޝްހޫރު ތަރި ސްރީދޭވީ މަރުވިރޭ ކަންތައް ވީގޮތެއް އަސްލު ބުނެދޭން ނޭނގުނަސް އެވަގުތާއި ހަމަޔަށް ކަންތައް ހިނގާ ދިޔަގޮތުގެ ތަފްޞީލް ފިލްމް ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ކޯމަލް ނަހްތާ ވަނީ ކިޔާދީފައެވެ.

ސްރީދޭވީ އާއި އޭނާގެ ފިރިމީހާ ބޯނީ ކަޕޫރު އަދި ދަރިފުޅު ޚުޝީ ދުބާއީއަށް ދިޔައީ އެކްޓަރު މޯހިތު ގެ ކައިވެނީގެ ޙަފްލާގައި ބައިވެރިވުމަށެވެ. ބޯނީ ކަޕޫރު އިންޑިއާގެ ލަކްނޯގައި އޮތް ބައްދަލުވުމަކަށް ދިޔުމަށް އިންޑިއާއަށް ދިޔުމުން ސްރީދޭވީ ވަނީ އިތުރަށް ދުބާއީގައި މަޑުކުރުމަށް ނިންމާފައެވެ.

ފެބްރުއަރީ 22 އަދި 23 ވަނަ ދުވަސް އެއްކޮށްހެން ސްރީދޭވީ ހޭދަ ކޮށްފައިވަނީ އޭނާ ހުރި ހޮޓަލުގެ ކޮޓަރީގައި އަރާމުކޮށް، އެކުވެރިންނަށް މެސެޖްކޮށް ހެދުމުގައެވެ. އޭނާ އިންޑިއާއަށް އެނބުރި ދިޔުމަށް ޓިކެޓް ބަދަލު ކުރުމަށްވެސް ވަނީ ބޯނީ ކަޕޫރު ގާތު ބުނެފައެވެ. އެހެންނަމަވެސް ބޯނީ ކަޕޫރު ބޭނުންވީ އެނބުރި ދުބާއީ އަށް ގޮސް އޭނަގެ އަނބިމީހާއަށް ސަޕްރައިޒެއް ދޭށެވެ. މިކަމުގައި އޭނަގެ ދަރިފުޅު ޖާންވީވެސް ވަނީ އެއްބައިވެފައެވެ. ޖާންވީވެސް ހުރީ މަންމަ ދުބާއީގައި އެކަނި ހުރެ މުހިންމު ލިޔުންތަކާއި ޕާސްޕޯޓް ހަނދާން ނައްތާލާ ގެއްލުވާފާނެތީ އަވަހަށް މަންމަ ގާތަށް ބައްޕަ ދިޔުމަށް ބޭނުންވެފައެވެ.

ދުބާއީއަށް އައުމަށްފަހު އެދުވަހު އިރު އޮއްސި 6:20 ގައި ބޯނީ ކަޕޫރު ސްރީދޭވީ ހުރި ހޮޓަލަށް ގޮސް ޑުޕްލިކޭޓް ތަޅުނޑިއެއް ހިފައިގެން ، ފަހުން ދަބަސް ރޫމަށް ގެންދަން ރިސެޕްޝަނުގައި ބުނުމަށްފަހު ކޮޓަރިއަށް ދިޔައީ ރަނގަޅަށްވެސް ސްރީދޭވީ ސިއްސުވާލުމުގެ ބޭނުމުގައެވެ. ކަންތައް ވެގެން ދިޔައީ އޭނާ ވިސްނާފައިވާ ގޮތަށެވެ. ދެމީހުން އެނބުރި ބައްދަލުވީމަ ދެމީހުންވެސް ވަރަށް އުފާވި ކަމަށާއި ސްރީދޭވީ ބޯނީ ގާތު އޭނަ އަންނަން އުޅޭކަމުގެ އިޙުސާސެއް ވިކަމަށް ބުނި ވާހަކަ ބޯނީ ވަނީ ނަހްތާ ގާތު ބުނެފައެވެ. ބައިގަޑިއެއްހާ އިރު ވަންދެން ދެމީހުން ވާހަކަ ދައްކަން ތިބިކަމަށް ބޯނީ ބުނެފައިވެއެވެ.

އެއަށްފަހު ކުޑަކޮށް ތާޒާވެލަން ބޯނީ ދިޔައީ ދެމީހުން ރޭގަނޑުގެ ކެއުމަކަށް ދާން ތައްޔާރުވާން ސްރީދޭވީ ގާތުގައި ބުނެފައެވެ. އާދީއްތަ ދުވަހު ބާޒާރު ކުރަން ފަސްކޮށްލުމަށް ބޯނީ ބުންޏެވެ. އެހެން ކަމުން ދެމީހުންގެ ރޭގަނޑުގެ ކެއުމަށް ދާން ތައްޔާރުވުމަށް ސްރީދޭވީ ވަނީ އެމީހުން ތިބި މާސްޓަރ ބެޑްރޫމްގެ ފާހާނާއަށެވެ.

އެއަށްފަހު ބޯނީ ގާތްގަނޑަކަށް 15 ވަރަކަށް މިނިޓް ވަންދެން ޓީވީ ބަލަން އިނުމަށްފަހު އެއީ ހޮނިހިރު ދުވަސް ކަން ހަނދާންވެ ރެސްޓޯރެންޓްތަކުގައި ކާރޫބާރު ބޮޑުވާނެތީ އަވަސް ކުރުމަށް ސްރީދޭވީ ގާތު ބުނުމަށް ދިޔައެވެ.

ފުރަތަމަ ދުރުގައި ހުރެގެން ގޮވުމުން ޚަބަރެއް ނުވީމާ ފާހާނާ ކައިރިއަށް ދޮރުގައި ގޮސް ޓަކި ޖެހުމަށް ފަހު އެތައް ފަހަރަކު ގޮވިކަމަށް އޭނާ ބުނެފައިވެއެވެ. އެތެރެއިން އެއްވެސް ހަބަރެއް ނުވުމުން ތަޅުގައި ހިފާލި އިރު ތަޅު ހުރީ އެތެރެއިން ތަޅު ނުލައެވެ. އޭނާ ދޮރު ހުޅުވި އިރު ފެން އިސްކުރުން ފެން ފައިބާ އަޑު އިވެމުން ދިޔަކަމަށް އޭނާ ބުންޏެވެ. އެތެރެއަށް ވަދެ ބެލިއިރު ސްރީދޭވީ އޮތީ ބިލީގާގެ ފެނުގެ ތޭރެގައި އެއްކޮށް ގެނބިފަ އެއްވެސް ހަރަކާތެއް ނެތިއެވެ.

ވީނުވީއެއް އަދިވެސް އެނގިފައިނުވާ އިރު ބިލިގާގެ ބޭރު ބިންމަތީގައި އެންމެ ފެންތިއްކެއްގެ އަސަރު ވެސް ފެންނަން ނެތުމުން ، އަތްފައި ހަރަކާތް ކޮށްލާނެ ފުރުޞަތެއް ބިލިގާގެ ތެރޭގައި ސްރީދޭވީއަށް ލިބިފައި ނުވާކަން އެނގޭ ކަމަށް ނަހްތާ ބުންޏެވެ.

ސްރީދޭވީގެ ހަށިގަނޑު 27 ފެބްރުއަރީގައި އިންޑިއާއަށް ގެންގޮސް ރަސްމީ އިއްޒަތުގައި ވަނީ ޖަނާޒާ ބާއްވައެވެ.