އާސެނަލްގެ ކޯޗު ކަމުގެ މަގާމުން ވެންގާ ވަކިވުމުން ހުސްވެފައިވާ ކޯޗުގެ މަގާމަށް ކުރިން އެޓީމްގެ މެދުތެރެ ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ މިކެލް އަރްޓޭޓާ ހަމަޖެއްސުމަށް އެކްލަބުން މަސައްކަތް ކުރަމުން ގެންދާކަމަށް ގޯލްޑޮޓް ކޮމްއިން ބުނެފިއެވެ.
2016 ވަނަ އަހަރާ ހަމައަށް އާސެނަލަށް ކުޅެދިން ސްޕެއިންގެ ހުނަރުވެރި މިޑްފިލްޑަރ މިކެލް އާރްޓޭޓާ ވަނީ އެޓީމަށް 110 މެޗު ކުޅެދީ 14 ލަނޑު ޖަހައިދީފައެވެ.
އާރްޓޭޓާ ވަނީ 2016 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު ވާދަވެރި މެންޗެސްޓާ ސިޓީގެ އެސިސްޓެންޓް ކޯޗެއްގެ މަގާމު އަދާކޮށް މިސީޒަންގައި ސިޓީ ޕްރިމއަ ލީގުގް ކާމިޔާބު ކުރުމާއި އެޓީމުން ލީގުގައި ހެދި ގިނަ ރިކޯޑްތަށް ހަސީލް ކުރުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.
އާސެނަލްގެ ކޯޗުގެ މަގާމު ހުސްވެފައިވަނީ އެޓީމަށް 22 އަހަރު ކޯޗުކޮށްދިން ފްރާންސްގެ އާސެން ވެންގާ މި ސީޒަނަށްފަހު މަގާމުން އިސްތިއުފާދިނުމާއިގުޅިގެންނެވެ.
ވެންގާ މިސީޒަނަށް ފަހު އިސްތިއުފާ ދީފައިވާއިރު ގިނަ ދުވަސްތަކެއް ވަންދެން ކާމިޔާބީއެއް ނުލިބުމާއި މިސާޒަންގައި އާސެނަލްއިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ވެންގާއަށް ވަނީ ކުލަބް ސަޕޯޓަރުން އަދި ކުރީ ކުޅުންތެރިންގެ ފަރާތުން ބޮޑު ފާޑުކިޔުމްތަކަކާއި ކުރިމަތިލލާން ޖެހިފައެވެ.
މި ސީޒަން ހުސްއަތާ ނިންމާލި އާސެނަލް އޮތީ ތާވަލުގެ 6 ވަނާގައެވެ. މިއާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އެޓީމަށް ފުރުސަތެއް ނުލިބޭނެ އެވެ. އަދި އެޓީމު ވާދަ ކުރާނީ ޔޫރޮޕާ ލީގުގައެވެ.
ވެންގާގެ ބަދަލުގައި އަރްޓޭޓާ އާސެނަލްގެ ކޯޗުގެ މަގާމަށް ކުލަބް ބޯޑުން ގެންނަން މަސައްކަތް ކުރަމުންގެންދާއިރު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެޓީމުގެ ކޯޗުކަމާ އަރްޓޭޓާ ހަވާލުވެފައިވާކަން ރަސްމީ ގޮތުން ހާމަކުރާނެ އެވެ.