English Edition
Dhivehi Edition

މަންތަރައަކީ މޮޅު ކުޅުމެއް ކުޅެފި ނަމަ ބަލިނުކުރެވޭ ވަރުގެ ޓީމެއް، ނޫންކަމަށް މަލްޓި ޖީނިއާސްގެ ކޯޗު ބުނެފިއެވެ. މިނިވަންކަޕް2017 ގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި މަންތަރައާއި މަލްޓި ޖީނިއަސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު މުހައްމަދު އަހްމަދު ބުނެފައިވަނީ ރޭ އެ ޓީމުން ފެނަކައާއި ދެކޮޅަށް ކުޅެނު މެޗަކީ މިހާ ހިސާބަށް އައުމަށްޓަކައި ކުޅުނު ފައިނަލް މެޗާއެއްވަރުގެ މެޗެއް ކަމުގައެވެ. “މަންތަރައަކީ ވަރަށް މޮޅު ޓީމެއް. އެކަމަކު މަލްޓި ޖީނިއަސް އިން ރަގަޅު މޮޅު ކުޅުމެއް ކުޅެފިނަމަ ބަލިކުރެވޭނެ. ” މުހައްމަދު އަހްމަދު ބުންޏެވެ. މީގެ ކުރިން އެ ޓީމުން ކުޅެފައިވާ މެޗުތަކުގައި ޓީމަށް ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ދެއްކިފައިވާކަމަށް މުހައްމަދު އަހްމަދުވަނީ ބުނެފައެވެ. “ޓީމުގެ ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. މައްސަލައަކީ ނިންމުން ސަކަރާތްކޮށް ދިޔުން. އިރާދަކުރެއްވިއްޔާ މިރޭގެ މެޗުގަ އެ ބައިވެސް ރަގަޅުވެގެން ދާނެ.” މަލްޓި ޖީނިއަސް އަކީ ހިތަދޫ އަށް ނިސްބަތްވާ ޓީމަކަށްވާއިރު ވަރަށް ކައިރިކައިރީގައި މެޗުތައް އޮތުމުން ކުޅުންތެރިން ވަރުބަލިވުން ފިޔަވައި ޓީމުގައި އިތުރު އެހެން އެންޖަރީއެއް ނެތްކަމަށް ކޯޗުވަނީ ބުނެފައެވެ. “ރޭގެ މެޗަށް އަސްލު ބޭނުންވީ ބެންޗްގައި ހިމެނޭ ކުޅުންތެރިންގެ ބޭނުން ހިފަން. އެކަމަކު ކޮންމެހެންވެސް މުހިއްުމު މެޗަކަށްވީމަ ހަމަ ފުލް ޓީމަށް ޖާގަދޭން މިޖެހުނީ. އެހެންވީމަ މިރޭގެ މެޗަށް އަސްލު އެ ޓީމު ވަރަށް ވަރުބަލިވެފަ ހުންނާނީވެސް. އެކަމަކު އަޅުގަނޑުމެން ކުޅޭނީ މޮޅުވާން. ބޭނުންވަނީ ފައިނަލަށް ދިޔުން.” މިނިވަންކަޕް 2017 ގައި މުޅިން އަލަށް ބައިވެރިވެފައިވާ މަލްޓި ޖީނިއަސް އިން ބުނެފައިވަނީ މުބާރާތުގެ ހުރިހާކަމެއްވެސް ދަނީ ވަރަށް ހިތްހަމަޖެހޭ ގޮތަށް ކަމުގައެވެ.