އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ދެ ލަނޑާ އެކު ފްރާންސުގެ އޮލިމްޕިކް މާސޭ ފަސޭހަ ކަމާއި އެކީ ބަލިކޮށް ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ފްރާންސްގެ ލިއޯންގައި ކުޅުނު ޔުރޮޕާ ލީގުގެ ފައިނަލް މެޗު އެތުލެޓިކޯއިން ކާމިޔާބުކޮށްފައިވަނީ 3-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.
އެތުލެޓިކޯގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 21 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ޓީމަށް ލީޑު ނަގައިދިނީ އެންޓޮއިން ގްރީޒްމަން އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން އެތުލެޓިކޯ ލީޑުގައި އޮވެއެވެ. ދެވަނަ ހާފު ފެށިގެން ތިން ވަރަކަށް މިނެޓު ފަހުން ގްރީޒްމަން ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 89 ވަނަ މިނެޓުގައި އެތުލެޓިކޯގެ ތިން ވަނަ ލަނޑު ޖަހައިދިނީ ގަބީ އެވެ
މިއީ އެތްލެޓިކޯ އިން ޔޫރޮޕާ ލީގު ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މި މުބާރާތް އެތްލެޓިކޯއިން އުފުލާލާފައި ވަނީ 2010 ވަނަ އަހަރާއި 2012 ވަނަ އަހަރުއެވެ.
ރޭގެ ކާމިޔާބީއާ އެކު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވެފައިވަނީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ހޯދި ދެ ވަނަ ކޯޗަށެވެ. ސިމިއޯނީ މި މުބާރާތް ދެ ފަހަރު ކާމިޔާބުކުރިއިރު ދާދި ފަހުން ޕީއެސްޖީން ވަކިކުރި ކޯޗު އުނާއި އެމެރީ ވަނީ ތިން ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.