ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި ގުރުއަތުލުން ނެގިއިރު އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ އޭސީ މިލާން ބައްދަލުކުރާން ޖެހިއްޖެއެވެ.
މިއީ މި މުބާރާތުގެ ތާރީޚުގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް، ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގައި މި ދެ ޓީމު މިހާތަނަށް ވާދަކުރި މެޗުތަކަށް ބަލާއިރު މިލާނުން ފަސް މެޗުން މޮޅުވެފައިވާއިރު، ޔުނައިޓެޑް ވެސް ވަނީ ފަސް މެޗުން މޮޅުވެފައެވެ. މީގެއިތުރުން، މި ދެ ޓީމު ޔޫރަޕިއަން ކަފްގެ ސެމީގައި މިހާތަނަށް ބައްދަލުކުރި ތިން ފަހަރު ވެސް ކުރިހޯދާފައިވަނީ މިލާނުންނެވެ. އެގޮތުން، 1957/58 ވަނަ އަހަރުގެ މުބާރާތުގެ ސެމީގައި ދެ މެޗުގެ އެގްރިގޭޓުން 5-2 އިން ކުރިހޯދިއިރު، 1968/69 ވަނަ އަހަރުގެ ސީޒަނުގައި 2-1 އިން އަދި 2006/07 ވަނަ އަހަރުގެ މުބާރާތުގައި މިލާނުން ކުރިހޯދީ 5-3 އިންނެވެ.
މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2009/10 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައެވެ. އެ ފަހަރު ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި 3-2 އިން މޮޅުވެ، އަދި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މިލާން ބަލިކޮށްފައެވެ. މި ފަހަރުގެ މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު ހާއްސަވާ އަނެއް ސަބަބަކީ 2016/17 ވަނަ އަހަރުގެ ޔުރޮޕާ ލީގު ޔުނައިޓެޑާއެކު އުފުލާލި ސްވިޑެންގެ އަބަދަށްފެހި ފޯވާޑް ޒަލަޓާން އިބްރާހިމޮވިޗް މިހާރު ކުޅެމުން އަންނަ ކްލަބަކީ މިލާން ކަމަށްވުމެވެ. އިބްރާހިމޮވިޗް ވަނީ 2016 އިން 2018 އާ ދެމެދު ޔުނައިޓެޑަށް ކުޅުނު 53 މެޗުގައި 29 ލަނޑުޖަހާފައެވެ.
ޔުރޮޕާ ލީގުގެ ތިންވަނަ ބުރުގައި ކުޅެވޭ ފާހަގަކޮށްލެވޭ އިތުރު މެޗުތަކަށް ބަލާއިރު، އާސެނަލް ނިކުންނާނީ ގްރީސްގެ އޮލިމްޕިއާކޯސްއާ ދެކޮޅަށެވެ. ވޭތުވެދިޔަ 12 ސީޒަނުގެ ތެރޭގައި ހަވަނަ ފަހަރަށް މި ދެ ޓީމު ބައްދަލުކުރާއިރު، އޮލިމްޕިއާކޯސްއާ ދެކޮޅަށް އާސެނަލް ޔޫރަޕްގެ މުބާރާތެއްގައި އެންމެ ގިނައިން ކުޅެފައިވަނީ ޗެމްޕިއަންސް ލީގުގައެވެ. އެ މުބާރާތުގައި ވާދަކުރި 8 ފަހަރުގެ ތެރެއިން ކޮންމެ ޓީމަށް ހަތަރު ފަހަރު މޮޅުވެފައިވާއިރު، މިދިޔަ އަހަރުގެ ޔުރޮޕާ ލީގުގެ 32 ޓީމުގެ ބުރުގައި ބައްދަލުކުރި ދެ މެޗުގެ އެގްރިގޭޓުން ރަށުން ބޭރުގައި ޖެހި ގޯލުން އަނެއް ބުރަށް ދަތުރުކުރީ އޮލިމްޕިއާކޯސް އެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި އޮލިމްޕިއާކޯސްގެ ދަނޑުގައި ކުޅުނު މެޗުން 1-0 އިން އާސެނަލް މޮޅުވިއިރު، މި ދެ ޓީމު އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ބައްދަލުކުރި މެޗު އޮލިމްޕިއާކޯސް އިން ކާމިޔާބުކުރި 2-1 އިންނެވެ. މި ފަހަރުގެ މުބާރާތުގެ ގަދަ 16ގެ ބުރަށް އާސެނަލް ދަތުރުކުރީ ޕޯޗުގަލްގެ ބެންފީކާ ކަޓުވާލުމަށްފަހުގައެވެ. އޮލިމްޕިއާކޯސް ވަނީ ހޮލެންޑްގެ ޕީއެސްވީ އެއިންދޯވަންގެ މައްޗަށް ދެ މެޗުން 5-4ގެ އެގްރިގޭޓުން ކުރިހޯދާފައެވެ. ލިވަޕޫލްއާއެކު ކުޅުންތެރިއެއްގެ ގޮތުން 2000/01 ވަނަ އަހަރުގެ މުބާރާތުގެ އިތުރުން 2004/05 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްކޮޓްލެންޑްގެ ރޭންޖާސް ކުޅެން ޖެހެނީ ޗެކްރިޕަބްލިކްގެ ސްލާވިއާ ޕްރާގާ ދެކޮޅަށެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން 1992 ވަނަ އަހަރު ހޯދުމަށްފަހު، އޭގެފަހުން 2017 ވަނަ އަހަރުގެ ފައިނަލުގައި ޔުނައިޓެޑް އަތުން ބަލިވި އަޔެކްސް އެމްސްޓެޑަމް އަށް އޮތީ ސްވިޒަލެންޑްގެ ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.
2009 ވަނަ އަހަރުގެ ޗެމްޕިއަން ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް ބައްދަލުކުރާނީ އިޓަލީގެ އޭއެސް ރޯމާއާ އެވެ. ޔޫކްރޭންގެ އަނެއް ޓީމު ކަމަށްވާ ޑިނަމޯ ކިއޭވް ކުޅޭނީ މި މުބާރާތުގެ އެންމެ ކާމިޔާބު ކޯޗު ކަމަށްވާ އުނާއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޕެއިނުގެ ވިޔަރެއާލާ އެވެ. އަދި އިޓަލީގެ ގަދަބާރު ނަޕޯލީ ކަޓުވާލުމަށް ފަހު ތިންވަނަ ބުރުން ފުރުސަތު ހޯދި ސްޕެއިނުގެ ގްރަނާޑާ ނިކުންނާނީ ނޯވޭގެ މޯލްޑްއާ ދެކޮޅަށެވެ.
ސްވިޒަލޭންޑްގެ ނިޔޯންގައި ހުންނަ ޔުއެފާގެ މައި އިދާރާގައި މިއަދު ހަވީރު ގުރުއަތުލުން ނަގާފައިވާ އިރު ގަދަ 16ގެ ބުރުގެ ފުރަތަމަ ލެގް ކުޅޭނީ އަންނަ މާރިޗް މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގުގެ މެޗުތައް އޮންނާނީ މާރިޗް 18 ގައެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު ޕޯލެންޑްގެ ޑަންސްކް އެރީނާގައެވެ.