އޭއެފްސީ ކަޕްގެ ގްރޫޕް އީ ގެ ފަހު މެޗްގައި އިންޑިޔާގެ އައިޒޯލް އެފްސީ އާއި ދިވެހި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ކުޅުނު މެޗުން ބަލިވުމުން ދެވަނަ ބުރުގެ ޖާގައެއް އިންޑިޔާގެ ބެންގަލޫރު އެފްސީ އިން ހޯދައިފި އެވެ.
އިއްޔެ ކުޅުނު މިމުބާރާތުގެ ގުރޫޕް ސްޓޭޖް ފަހު މެޗުން ނިއު ބަލިވެފައިވަނީ 2-1 ލަނޑުގެ ނަތީޖާ އަކުންނެވެ.
ގްރޫޕްގެ އެއްވަނަ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭއިރު މި މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ނިއުއަށް އޮތީ ލިބިފައި އޮތް ނަމަވެސް ބެންގަލޫރު އެފްސީ ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ އިއްޔެ އެ ޓީމް ކުޅުނު ފަހުމެޗުގައި ބަންގުލަޑޭސްގެ ޑާކާ އަބަހާނީ 4-0 ލަނޑުން ބަލިކޮށް 15 ޕޮއިންޓާއެކު ގްރޫޕް އީ ގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.އަދި އިއްޔެ މެޗުން ބަލިވެ ގުރޫޕްގެ ދެވަނަ ނިއު އަށް ލިބެނީ 12 ޕޮއިންޓާއެކުގަ އެވެ.
އިންޑިޔާގެ ގުވަހާޓީގައި ރޭ ކުޅުނު މިމެޗުގައި ނިއުގެ ފަރާތުން މޮޅު ކުޅުމުއް ފެނިގެން ދިޔަ ނަމަވެސް މިހާފްގައި ނިއުގެ ވަރުގަދަ ޕޯވާޑްލައިންނަށް ވަނީ އައިޒޯލްގެ ގޯލު ހުޅުވާލެވޭގޮތެއް ނުވެފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު ނިއުއަށް މެޗުގައި ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން 61 ވަނަ މިނިޓް ގައި އައިޒޯލް ގެ ޑޯޑޯޒް ވަނީ އެ ޓީމަށް މެޗުގެ ލީޑު ހޯދާދީފައެވެ. އަދި މެޗްގެ 82 ވަނަ މިނިޓްގައި އައިޒޯލް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑު އައިޒޯލް އިން ކާމިޔާބުކޮށްފައިވަނީ ލަނޑެއް ޖެހުމަށް ނިއުގެ ކުޅުންތެރިން ކުރިއަށް އަރާ ތިއްބާ ކައުޓާ އެޓޭކެއްގައި ލިބުނު ބޯޅައަކުންނެވެ.
ނިއު އިން މި މެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗްގެ 85 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިބްރާޙިމް އަތީގް އެވެ.