English Edition
Dhivehi Edition
އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: އޭއެފްސީ

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އޭޝިއާގެ ދެވަނަ ފަންތީގެ ކްލަބުތަކަށް ހާއްސަ އޭއެފްސީ ކަޕްގެ މެޗުތައް ބައެއް ސަރަހައްދުތަކުގައި ކުރިއަށްގެންދެވޭނެ ގޮތެއް ފެންނަން ނެތުމާއެކު މި އަހަރުގެ މުބާރާތް ކެންސަލްކޮށްފިއެވެ.

“މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މި ދަނޑިވަޅުގައި ފަސް ޒޯނެއްގައި އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށްގެންދިއުމަށްޓަކައި އިންތިޒާމްތައް ހަމަނުޖެއްސުނު. މިއާއެކު އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީން ނިންމި ނިންމުމަކީ މި ފަހަރުގެ މުބާރާތް ކެންސަލްކުރުން ނޫން ގޮތެއް ނެތް ކަމަށް.” އޭއެފްސީން މި ގޮތަށް ނިންމީ އެ ފެޑެރޭޝަނުގެ އެގްޒެކްޓިވް ކޮމިޓީގެ މެދުގައި ވީޑިއޯ ކޮންފަރެންސްކޮށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މީގެކުރީން، މިދިޔަ ޖޫން އަދި ޖުލައި މަހު އޭއެފްސީން މެންބަރު އެސޯސިއޭޝަންތަކާ ކްލަބުތަކާއެކު ބޭއްވި ބައްދަލުވުންތަކަށްފަހު ނިންމާފައި އޮތީ އަންނަ އޮކްޓޫބަރު މަހު ފަށާ ގޮތަށެވެ. އޭއެފްސީން އަލުން މުބާރާތް ފަށަން ރޭވީ ކޮންމެ ގްރޫޕެއްގެ މެޗުތައް ސެންޓްރަލައިޒްކޮށް ވަކި ސަރަހައްދެއްގައި ކުރިއަށްގެންދިއުމަށެވެ. އެގޮތުން، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގްރޫޕް ކަމަށްވާ ގްރޫޕް އީގެ މެޗުތައް އަންނަ އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު މަހުގެ 4 ގެ ނިޔަލަށް މާލޭގައި ކުޅޭ ގޮތަށް ހަމަޖެހުނެވެ.

އޭއެފްސީ ކަޕް ކެންސަލް ކުރުމާއެކު އެންމެ ބޮޑު ގެއްލުމެއް ވަނީ މި ސަރަހައްދުން މި ފަހަރުގެ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަށެވެ. މީގެއިތުރުން، މިއީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މުޅިން އަލަށް ވާދަކުރާ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ލިބުނު ގެއްލުމެކެވެ. މިހާރު އޮތް ގޮތުން އަންނަ އަހަރުގެ އޭއެފްސީ ކަޕުން އެ ޓީމަށް ފުރުޞަތު ގެއްލިފައިވާއިރު، އަންނަ އަހަރުގެ މުބާރާތުން ޖާގަ ކަށަވަރުކޮށްފައިވަނީ މާޒިޔާގެ އިތުރުން ކްލަބު އީގަލްސް އެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ކޮވިޑް-19ގެ ސަބަބުން މިދިޔަ މާރިޗް މަހުގައި މެދުކަނޑާލިއިރު ބައެއް ކްލަބްތަކުން ވަނީ އެއް މެޗު ކުޅެފައެވެ.