އޭއެފްސީ ކަޕް ކޮލިފައިން ފުރަތަމަ ބުރުގައި މިއަދު ހަވީރު ކުޅުނު މެޗުން ބޫޓަންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން ހޯދީ މޮޅާއެކު ރާއްޖޭގެ ކްލަބް އީގަލްސް އެ މުބާރާތުގެ ޕްރިލިމިނަރީ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މިއީ އީގަލްސްގެ 31 އަހަރުވީ ކުރު މާޒީގައި އެ ޓީމުން ކުޅުނު ބައިނަލް އަގްވާމީ ފުރަތަމަ މެޗެވެ. އަދި މިއީ އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ނުވަވަނަ މިނެޓުގައި އީގަލްސް އިން ލީޑްނެގީ ހަސަން ރާއިފް އަހުމަދު (ހަންނަ) ކާމިޔާބުކުރި ގޯލުންނެވެ. މިއީ އީގަލްސްގެ މުހައްމަދު ނާއިމް ޕެނަލްޓީއޭރިޔާބޭރުން ނަގައިދިން ހުރަހެއް އެ ޓީމުގެ މިސްރު ފޯވާޑް އެލް ސާއިދު މަހުމޫދު (އޮސާމާ) ފޮނުވާލަން އުޅުމުގެ ތެރޭގައި ފަޔަށް އަރާގޮތް ނުވިނަމަވެސް ހަންނަ އަށް ލިބުމުން ވަރަށް ހަމަޖެހިލާފައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މި ހާފުގެ ކުރީކޮޅު ތިމްޕޫ ޓީމަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، އީގަލްސް އިން ގިނަވަގުތު ބޯޅަ ގެންގުޅުމުގެ ނަތީޖާއެއްގެ ގޮތުން ތިމްޕޫ ޓީމުން ބޮޑުބައި ކުޅުނީ އަމިއްލަ ހާފުގެ ތެރޭގައެވެ. ފުރަތަމަ ހާފުގައި ތިމްޕޫ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި މެޗުގެ 41 ވަނަ މިނެޓުގައި އެ ޓީމުގެ އޮރްގްޔެން ޝެރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން އީގަލްސް އިން ލީޑް ފުޅާކުރުމަށް ކުރި މަސައްކަތުގައި އެ ޓީމުގެ އުއްމީދީ ފޯވާޑް ހަންނަ ފޮނުވާލި ބޯޅަ ތިމްޕޫގެ ޑިފެންޑަރު ޓެންޒިން ނޯބޫ ބްލޮކްކުރިއިރު، އެ ޓީމުގެ މިޑްފީލްޑަރު އިމްރާން ނަޝީދު ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ތިމްޕޫގެ ގޯލްކީޕަރު އެންގަވަން ޖަމްފެލް އެވެ. އަދި އޭގެފަހުން ތިމްޕޫ އަށް ނަތީޖާ ހަމަހަމަކުރުމަށް ލިބުނު އެންމެ ރަނގަޅު އެއް ފުރުޞަތުގައި ނޯބޫ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މި މެޗުގައި އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ ވަނީ ފަހު 15 މިނެޓަށް ތަޖުރިބާކާރު ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ) ކުޅެން ނެރެފައެވެ. މިއީ ވޭތުވެދިޔަ ހަތަރުވަރަކަށް އަހަރުގެ ތެރޭގައި މި މުބާރާތުގައި އަޑުބަރޭ ކުޅުނު ފުރަތަމަ މެޗެވެ.
އީގަލްސް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ނާއިމް އެވެ. މިއީ އެ ޓީމުގެ ހަންނަ އަށް ތިމްޕޫގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ހިލޭޖެހުމަކުން ނާއިމް ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުން މޮޅުވުމާއެކު އީގަލްސް އިން މި މުބާރާތުގެ ކޮލިފައިންގެ ދެވަނަ ބުރުގައި އަންނަ ހަފްތާގެ ބުދަ ދުވަހު ބަންގްލަދޭޝްގައި ނިކުންނާނީ އެ ގައުމުގެ ޗެމްޕިއަން ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްލޭއޮފުން އެ ޓީމަށް ޖާގަ ލިބޭނެއެވެ.