English Edition
Dhivehi Edition

ގޯދިއްޔާއިން މިދިޔަ އަހަރު ބޭއްވި އަންހެން ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް ލިބެން ޖެހޭ ފައިސާ އަދިވެސް ނުދޭކަމަށް އެޓީމުތަކުން ބުނެފިއެވެ.

ގޯދިއްޔާ ވިމެންސް ފުޓްސަލް ކަޕް 2017 ގެ ނަމުގައި އަންހެން ކަނބަލުންނަށް ޚާއްސަ ކޮށްގެން މިދިޔަ އަހަރުގެ ޖޫން މަހު ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަން ކަން ހޯދާފައިވަނީ އަވައެފްޓީންނެވެ. އަދި ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ހުޅުދޫ އޭޓީޑަބްލިއު ޓީމެވެ.

“މުބާރާތް ނިމިގެން އެއްއަހަރު ވީ އިރުވެސް ދޭން ބުނި ފައިސާއެއް އެއްވެސް ޓީމަކަށް ނުދޭ. ވަރަށް ގުޅަން. މިހާރު ފޯނުވެސް ނުނަގާ” އަވައެފްޓީގެ މެނޭޖްމަންޓުން ކިޔައިދިނެވެ. ރަނަރަޕް ޓީމަކަށް ހޮވުނު ޓީމުން ވެސް ބުނީ ހަމަ މިހެންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25,000 ( ފަންސަވީސް ހާސް ) ރުފިޔާ އަދި ރަނަރަޕް ޓީމަށް 8000 )އަށްހާސް) ރުފިޔާ ދޭން ޖެހޭ އިރު މުބާރާތް އޯގަނައިޒް ކުރި ފަރާތުން ފައިސާ ނުދީގެން ދެ ޓީމުން ވެސް ދަނީ ޝަކުވާ ކުރަމުންނެވެ.

“މިއީ އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށޭ ކިޔާފައި އައްޑޫގައި އޮތް އެންމެ ބޮޑު ޖަމިއްޔާއިން ކަންތައްތައް ކުރި ގޮތް. ބޮޑު ލަނޑެއް މި ދިނީ. އަދި މިހާރު ބުނަނީ ތިމަންނަމެން އަންހެން ފުޓްބޯޅަ މުބާރާތެއް ނުވެސް ބާއްވަމޭ. އެއީ އެހެން މީހަކު ތިމަންނަމެންގެ ނަމުގައި ބޭއްވި މުބާރާތެކޭ. ކިހާ ހެއްވާ ކަމެއް މިއީ. ބޮޑު ޖަމިއްޔާއަކަށް ނޭނގި އެމީހުންގެ ލޯގޯ ބޭނުންކޮށް އެކިމީހުން އަތުން ސްޕޮންސަރ ހޯދައިގެން ބޮޑު މުބާރާތެއް ބޭއްވި އިރު ޖަމިއްޔާއަށް އެކަން ނޭނގުނުކަން” އަވައެފްޓީން ބުންޏެވެ.

ގޯދިއްޔާއިން ބޭއްވި މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މިޓްސުބުޝީ މެރިން އިންޖީންސްއެވެ. ޓްރެވަލް ޕާޓްނަރަކީ ސްރީލަންކަން އެވެ. ޓެލެކޮމް ޕާޓްނަރަކީ އުރީދު އެވެ. މީގެ އިތުރުން ޑްރިންކް ޕާޓްނަރުގެ ގޮތުގައި “ބިގް ބޮސް” ހަމަޖައްސާފައިވާ އިރު ސްޕޯޓްސް ޕާޓްނަރަކީ ފަލަކް ސްޕޯޓްސް އެވެ. ކެޓަރިން ޕާޓްނަރަކީ މަރަދޫ “ކިއު ކޯނާ” އެވެ.

މުބާރާތުގެ އެއްވަނަ އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ އަވައެފްޓީގެ ކެޕްޓަން ފާތިމަތު އަލްމާއެވެ. މި ވަނަ އާއެކު އަލްމާއަށް ސްރީލަންކާގެ ދެކޮޅު ޓިކެޓެއް ލިބޭނެ ކަމަށް ބުނެފައެވެ. އޭނާ މި ޓިކެޓް ހަދިޔާކޮށްފައިވަނީ ސ.މީދޫ ރޯނުގެ އިބްރާހިމް ޒައުލްއަށެވެ. ނަމަވެސް މުބާރާތް ނިމިގެން އަހަރެއް ވީއިރުވެސް ޓިކެޓް ވެސް ނުލިބޭ ކަމަށް ޓީމުން ބުނެއެވެ.

މުޅިން އަލަށް ގޯދިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި މިމުބާރާތުގައި ހަ ޓީމު ވަނީ ބައިވެރިވެފައެވެ. އެއީ އެފްސީ ހަބޭސް، އަވަ އެފްޓީ އަދި މައިލޯ ވިމެންސް، އެފްސީ ޒެފިއާ، އޭޓީޑަބްލިއު އަދި މަރަދޫ އެފްސީއެވެ.

އަވައެފްޓީން ބުނީ ގޯދިއްޔާއިން ވަނީ މިހާރު މި މުބާރާތާ ގުޅޭ ހުރިހާ ފޮޓޯ ތަކަކާއި ޚަބަރު ލިންކުތައް ވެސް އެމީހުންގެ ޕޭޖުން ރިމޫވްކޮށް މިއީ ނުބާއްވާ މުބާރާތަކަށް ހެދުމަށް މަސައްކަތް ކޮށްފައި ކަމަށެވެ.

“އެންމެ ފުރަތަމަ ކޮޅު ގުޅީމާ ބުނާނެ މާދަން ހަމަޖައްސަދޭނަމޭ. އެކަމަކު ފަހުން ފަހުން އައިސް ބުނަން ފެށީ އެއީ ތިމަންނަމެން ބޭއްވި މުބާރާތެއް ނޫނޭ. އަދި މިހާރު ފޯނުވެސް ނުނަގާ” އަވައެފްޓީން ކިޔައިދިނެވެ.

އެ ޓީމުން ބުނީ މިއީ ގޯދިއްޔާގެ މުބާރާތްތަކުގައި އަބަދުވެސް ދިމާވާ މައްސަލައެއް ކަމަށާއި ދޭން ބުނާ ފައިސާ ނުދެވޭނަމަ މުބާރާތް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ.