އެފްއޭއެމް އިން އިންތިޒާމްކޮށްގެން ބާއްވާ މައިލޯ ވޮމެންސް ފުޓްސަލް މުބާރާތުގައި ރޭ އައްޑޫއަށް ނިސްބަތް ވާ އަވާ އެފްޓީ އާއި ޓީރެކްސް ބައްދަލުކުރި މެޗު 4-1 ލަނޑުން މެޗު ކާމިޔާބުކޮށް އަވާ އެފްޓީ ސެމީފައިނަލްގެ ޖާގައެެއް ކަށަވަރުކޮށްފިއެވެ. އަވާ އެފްޓީ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ މި ގުރޫޕްގައި ވާދަކުރި ތިން މެޗުން މޮޅުވެ 9 ޕޮއިންޓް އާއި އެކު ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ރޭ ޓާފް ދަނޑުގައި ކުޅުނު މެޗުގައި އަވާއެފްޓީގެ ލަނޑުތަށް އެ ޓީމަށް ކާމިޔާބުކޮށް ދީފައިވަނީ ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން ފަދުވާ ޒާހިރު 2 ލަނޑު އަދި އަލްމާ އަލީ 2 ލަނޑެއެވެ. ރޭގެ މެޗުގައި ޓީރެކްސްގެ ހަމައެކަނި ލަނޑު އެ ޓީމްއަށް ކާމިޔާބުކޮށް ދީ ފައިވަނީ އަނޫޝާ އަހްމަދެއެވެ. ރޭ އަވާ އެފްޓީއާއި ޓީރެކްސް ބައްދަލު ކުރިމެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ އަވާ އެފްޓީގެ ޖާޒީނަންބަރު 7 ފަދުވާ ޒާހިރުއެވެ.މިއީ މި މުބާރާތުގައި ގައުމީ ޓީމްގެ ކެޕްޓަން ފަދުވާ ޒާހިރު ހޯދި ތިންވަނަ ކުއީންއޮފްދަ މެޗެއެވެ. އަވާ އެފްޓީއިން ވަނީ ދެން މި ގުރޫޕްގައި ވާދަކުރި ޒެނިތް ސްޕޯޓްސް 6-0 ލަނޑުން ބަލިކޮށް އިކުއިޓޯރިއަލްގެ މައްޗަށް 12-0 ލަނޑުން ކުރި ހޯދާފައެވެ.