ގޯދިއްޔާ ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހު އައްޑޫގައި ބާއްވާ “ގޯދިއްޔާ ފުޓްސަލް ކަޕް 2019” ގެ މިއަހަރުގެ މީޑިއާ ޕާޓްނަރ އަކަށް އޭއޯ ނިއުސް ހަމަޖައްސައިފިއެވެ.
މިއަދު ހަވީރު އީކުއޭޓަރ ވިލެޖްގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ގޯދިއްޔާގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް ޙުސައިން އާތިފެވެ. އޭއޯ ނިއުސްގެ ފަރާތުން ސޮއި ކުރެއްވީ ނޫހުގެ ސީއީއޯ ޝިމްލާ އަޙްމަދެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތަކީ ގޯދިއްޔާއިން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަތާ 15 އަހަރު ވެފައިވާ ފޯރިގަދަ މުބާރާތެކެވެ. މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭއި މަހުގެ 12 އިން ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ އިރު ، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށްފަހު 30 މާޗުގެ ހަވީރު 16:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ނެގުމަށް ގޯދިއްޔާއިން ވަނީ އެދިފައެވެ. އަދި މިއަހަރު ގުރުއަތުގައި ބައިވެރިވާންޖެހޭ ޓީމުތަކުން ގުރުއަތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުމަށްފަހު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގޯދިއްޔާ އޮފީހަށް ހުށަހެޅުމަށް ވެސް ޖަމިއްޔާއިން ވަނީ އާންމުކޮށް އަންގާ އިއުލާންކޮށްފައެވެ.
ގޯދިއްޔާ ފުޓްސަލްކަޕްގައި ބައިވެރިވުމަށް އެދޭ ފޯމާއި ގުރުއަތުގައި ބައިވެރިވުމަށް އެދޭ ފޯމު މާޗު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ގޯދިއްޔާ އޮފީހުން ލިބެން ހުންނާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅަން ޖެހެނީ 7797840، 9944567 އަދި 9924041 ނަމްބަރަށެވެ،