އައްޑޫސިޓީއަކީ ކުޅިވަރުގެ ރޮނގުން މަޝްހޫރު ގިނަ ތަރިން އުފެދި ކާމިޔާބު ވަނަތަކާއި މެޑެލްތައް ހޯދާފައިވާ ފުޓުބޯޅައިގެ ރަން ތާރީޚެއް އޮތް ތަނެކެވެ. ޒަމާނުއްސުރެން އޮތް މި ރީތި ނަން ދެމެހެއްޓުމުގައި އެކި ދައުރުތަކުގައި ތަފާތު އެކި ނަންނަމުގައި އައްޑޫގެ ޒުވާނުން އަންނަނީ ހިތްމަތާއެކު މަސައްކަތް ކުރަމުންނެވެ.
2009 ގެ އަހަރުތަކުން ފެށިގެން ފުޓުބޯޅައިން އައްޑޫއަށް ލިބިފައިވާ މި ފަޚުރު ދެމެހެއްޓުމަށް އެންމެ ގިނަ މަސައްކަތް ކުރަމުން އަންނަ ބަޔަކީ މަރަދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ގޯދިއްޔާ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ގޯދިއްޔާ އަކީ މަރަދޫގައި މެދުނުކެނޑި ތަފާތު އެކި ނަން ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތް ތަކުގެ ތެރެއިން އުފެދިގެން އައި ޒުވާނުންގެ ޓީމެކެވެ. މަސްޓް ކުލަބުން މަރަދޫގައި ބާއްވަމުން ގެންދިޔަ މުބާރާތް އޭގެ ފަހުން ޒިލޮޓަށް ބަދަލުވެ އެމަސައްކަތް ޒިލޮޓުން ކުރުމަށްފަހު ދެން ބަދަލުވީ ގޯދިއްޔާއަށެވެ. މުޅިން ވެސް މަރަދޫގެ ހީވާގި ޒުވާނުން ހިމެނޭ ޖަމިއްޔާތަކެވެ.
އަޙްމަދު ނާދިރު އަދި އިބްރާހިމް އާތިފްގެ ފައުންޑަރ ކަމުގެ ދަށުން އުފެދުނު ގޯދިއްޔާއަކީ ޒިލޮޓުގެ ދުވަސްވަރު ބޭއްވި މުބާރާތްތަކުގައި “ބޯލް ބޯއީސް” ގެ ގޮތުގައި މަސައްކަތް ކުރި އޭރުގެ ހުނަރުވެރި ކުޑަކުދިންގެ މަސައްކަތުން އުފެދިގެން އައި ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ރައީސަކީ ޙުސެއިން އާތިފެވެ. ނައިބް ރައީސަކީ ބަދުރުއްދީން ނާސިރެވެ.
“އޭރު ޒިލޮޓުގެ ދުވަސްވަރު މުބާރާތްތައް ކުރިއަށް ދާއިރު އެހީތެރިވާން އަހަރެމެން އުޅުނީ. ބޯލް ބޯއީސް އަށް ގިނަ ކުދިން އުޅުނީ. އޭރު އަމިއްލަ ޒިލޯންގެ ނަމުގައި އަމިއްލަ ޓީމެއް ވެސް އޮންނާނެ. އެއީ ކުޑަކުދިންގެ ޓީމެއް. ފަހުން ޒިލޮޓު އުވިގެން ދިއުމުން އޭރު އެންމެ އިސްކޮށް ތިބި ބަޔަކާ އެކީ ގޯދިއްޔާ އުފެއްދީ. އޭރު ޖަމިއްޔާއަށް ކިޔަން ބޭނުންވީ ވެސް ޒިލޯން. އެކަމަކު ޖަމިއްޔާގެ ނަމުގައި ރަޖިސްޓްރީ ކޮށްފިނަމަ ޒިލޯން ޓީމެއް ނޯންނާނެތީ ގޯދިއްޔާގެ ނަން ޖަމިއްޔާއަށް ދިނީ” ގޯދިއްޔާގެ އެއް ފައުންޑަރ ނާދިރު (ޗިޅާ) ކިޔައިދިނެވެ.
ޖަމިއްޔާ ރަޖިސްޓްރީކުރުމަށްފަހު “ގޯދިއްޔާ ރޯދަ ފުޓްސަލް ހިތްވަރު” ގެ ނަމުގައި އެއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައެވެ.
“އޭރު ކޮންމެ ރޯދަ މަހެއްގައި މަރަދޫގައި މުބާރާތް ބާއްވަމުން އަންނަތާ ގިނަ އަހަރުތަކެއް ވެފައިވީ. ބޭނުންވީ މެދުނުކެނޑި މުބާރާތް ހަމަ އެގޮތަށް ކުރިއަށް ގެންދިއުމަށް” ނާދިރު ކިޔައިދިނެވެ.
80 ގެ އަހަރުތަކުން ފެށިގެން މެދުކެނޑުމެއްނެތި މަރަދޫގައި ބާއްވަމުން ގެންދިޔަ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ފޯރި ގަދަ މުބާރާތެކެވެ. ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުންގެ ތެރެއިން ފުޓުބޯޅައިގެ ހުނަރުހުރި ކުޅުންތެރިން މުބާރާތަށް ޚާއްޞަކޮށްގެން ރޯދައަށް ރަށަށް އައިސް މުބާރާތުގައި ބައިވެރިވެއެވެ. ރާއްޖޭގެ ހުނަރުވެރި މަޝްހޫރު ކުޅުންތެރިން މި މުބާރާތުގައި ބައިވެރިވެއެވެ. ހަމަ އެއާއެކު މުބާރާތުގެ ތެރެއިން މިވަނީ އައްޑޫއަށް ނިސްބަތްވާ މޮޅެތި ކުޅުންތެރިން ތަކެއް އުފެދި ގައުމީ ފެންވަރުގައި ނަންވިދާ މަޝްހޫރު ކުޅުންތެރިންނަށް ވެފައެވެ. ފޭދޫ އިއްބެ ފެނުނީ ފުރަތަމަ ވެސް ގޯދިއްޔާގެ މުބާރާތުންނެވެ. މުބާރާތުގެ ތެރެއިން އައްޑޫގައި އުފެދުނު މަޝްހޫރު ނަންތަކުގެ ތެރޭގައި ހަބޭސް، އެފްވައިސީ، އެފްއާރުޓީ، ފްރެންޑްސް ކްލަބު، މަލްޓި ޖީނިއަސް، ޒިލޯން، ޒިލޮޓް، ޑީސީ ސްޕޯޓްސް، ބޭރުމަތި، ފަދަ ޓީމުތައް ހިމެނެއެވެ.
ގޯދިއްޔާއިން ކުރިއަށް ގެންދާ މި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެ ދެއްވެވި އެއްބޭފުޅަކީ މަރަދޫގެ ކުރީގެ މަޖިލިސް މެމްބަރު އާދިލްއެވެ. އޭގެ ފަހުން މިހާރުގެ މެމްބަރު ޝަރީފް އަދި އެސްޓީއޯ އާއި ވީބީ، އައްޑޫސިޓީކައުންސިލް، އައްޑޫސިޓީ ޕޮލިސް، ހެޕީމާކެޓް، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ފަދަ ފަރާތްތަކުގެ އެހީތެރިކަން ތަފާތު އެކި ގޮތްގޮތަށް މުބާރާތަށް ދިޔައީ ލިބެމުންނެވެ.
ފުޓުބޯޅައިގެ ތާރީޚަށް ބަލާލާއިރު މާލެ ފިޔަވައި ބޮކި އަލީގައި އެންމެ ފުރަތަމަ މުބާރާތެއް ބޭއްވީ ވެސް މަރަދޫގައެވެ. އޭގެ ފަހުންވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން މެދުކެނޑުމެއް ނެތި 25 އަހަރު ވަންދެން ކޮންމެ އަހަރަކު މުބާރާތް ބޭއްވުމުގައި ކާމިޔާބު ކޮށްފައިވަނީ ވެސް މަރަދޫގެ ހިތްވަރުގަދަ ޒުވާނުންގެ ޖަމިއްޔާތަކުންނެވެ.
ރަށުގެ ގިނަ ބައެއްގެ އެހީތެރިކަމާއެކު ގޯދިއްޔާއިން ކުރިއަށް ގެންދާ މި މުބާރާތް ބޭއްވެނީ ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި ކަމަށް ގޯދިއްޔާއިން ބުނެއެވެ.
ފުޓުބޯޅަ މުބާރާތް ބޭއްވުމުގެ އިތުރުން ގުރުއާން މުބާރާތާއި އީދު އުފާފަދަ އިޖުތިމާއީ ކުޅިވަރު ތައް ބާއްވައި ރަށުގެ އިޖުތިމާއީ ގުޅުން ވަރުގަދަކުރުމަށް ގޯދިއްޔާއިން ކުރަމުން އަންނަ މަސައްކަތަށް ސާބަސް ދޭ ވަރުވެއެވެ.