English Edition
Dhivehi Edition

މިނިވަންކަޕް2017 ގައި ރިސޯޓުބޯއިސް އާއި ސައތުބްލޫސް ބައްދަލުކުރާ މެޗު ފައްސޭހަކަމާއެކު ކާމިޔާބުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ރިސޯޓް ބޯއިސްއިން ބުނެފިއެވެ. މިރޭ ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުމަށްހަމަޖެހިފައިވާ މި މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ރިސޯޓް ބޯއިސްގެ ކޯޗު އަނީސް ބުނެފައިވަނީ ސައުތު ބްލޫސް އަކީވެސް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމެއް ކަމުގައެވެ. އެހެން ނަމަވެސް ރިސޯޓް ބޯއިސް އަށް ބޭނުން ނުކުރެވޭ ވަރުގެ އާ އުކުޅެއް އެ ޓިމަށްވެސް މި މެޗުގައި ބޭނުން ނުކުރެވޭނެ ކަމަށް އަނީސްވަނީ ބުނެފައެވެ. މިރޭގެ މެޗަކީ ސެމީއަށް ދިއުމަށްޓަކައި ކޮންމެހެންވެސް މޮޅުވުން މަޖުބޫރު މެޗަކަށްވާއިރު، ރިސޯޓް ބޯއިސް ޓީމުގައި އެންޖަރީގެ މައްސަލަ ދިމާވެފައިވާކަމަށް އަނީސްވަނީ ބުނެފައެވެ. “ޓީމުގެ ވަރަށް މުހިއްމު ކުޅުންތެރިއެއް ލިއުބީ އަކީ. އެކަމަކު އެންޖަރީއާއި ހެދި އެންމެ ފަހުން މެޗުގަވެސް ނުކުޅެވި ދިޔައީ. އެކަމަކު އުއްމީދުކުރަނީ މިއަދު ގެ މެޗަށް އެރޭވަރަށް ރިކަވާ ވާނެކަމަށް.”އަނީސް ބުންޏެވެ. މިރޭގެ މެޗުގައި ރިސޯޓްބޯއިސް އާއި ބައްދަލުކުރާ ސައުތު ބްލޫސް ޓީމުގެ ކޯޗު ފިރާޒު ބުނެފައިވަނީ މިރޭގެ މެޗުގައި އެޓޭކިން ގޭމެއް ކުޅެ މޮޅުވާން ވީ އެންމެ ރަގަޅަކަށް ޓީމު މަސައްކަތްކުރާނެ ކަމަށެވެ. ޓީމު އެއްވެސް ކުޅުންތެރިއަކަށް އެންޖަރީގެ މައްސަލައެއް ނެތްނަމަވެސް ރޭ މުބާރާތުގައި ފުދޭވަރެއްގެ އުދަގޫ މެޗެއް ކުޅެފައިވުމުން އެ މައްސަލަ ކުރިމަތިވެދާނެ ކަމަށް ފިރާޒު ވަނީ ބުނެފައެވެ.”ރިސޯޓް ބޯއިސް އަކީވަރުގަދަ ޓީމެއް. އެހެންވީމަ އަޅުގަނޑުމެން ކުޅޭނީ އެ ޓީމުގެ ފެންވަރު ދަނެގެން މޮޅުވާން.” ފިރާޒު ބުންޏެވެ. މި މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަންތަރަ އާއި މަލްޓި ޖީނިއަސް ސިޓީއެވެ. ދެވަނަ މެޗުގައި ސައުތު ބްލޫސް އާއި ރިސޯޓްބޯއިސް ބައްދަލުކުރާއިރު މި މުބާރާތުގެ ސެމީގެ ޖާގަ ކަށަވަރަކުރުމަށްޓަކައި މިރޭގެ މެޗުތަކަކީ މި ޓީމުތަކަށް މޮޅުވުން ވަރަށް މުހިއްމު މެޗުތަކެވެ. މި މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އޭޓީއަށް ސެމީގެ ޖާގަ ކަށަވަރު ވެފައިވާއިރު ގްރޫޕް ބީގެ ޖާގަ ކަށަވަރުކޮށްފައިވަނީ މަރަދޫ އެފްސީއެވެ.