ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދު ކުރެވިފައިވާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލްތައް ހުއްޓުވުމަށްފަހު އެ ހުއްދަ އަލުން ދީފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާ އަދި ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
އާއިލީ ބައްދަލުވުން ހުއްޓުވުމަށް އެންގުނީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި މާދަމާ ބައްދަލުވުމަށް ފޯމް ލުމުން ހަމަޖެހޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް އާއިލާއިން ބުނެއެވެ. ފުލުހުންގެ ތަހުގީގަށް ފޯނު ހަވާލުކޮށްފައި ނުވާތީ ރައީސް މައުމޫންގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއި ގުޅިގެން އެ މަނިކުފާނުގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުމެއް އިއްޔެއަށް ވެސް ތާވަލް ކުރެވުނެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން ޝަރީޢަތް ފަސްކޮށްދިނުމަށް ވަކީލު ވަނީ އެދިވަޑައިގެންފައެވެ.
އެމަނިކުފާނުގެ ހާލުކޮޅު ދޭތެރެ ދޭތެރެއިން ވަރަށް ބޮޑަށް ގޯސްވެ ހޮސްޕިޓަލަށް ގެންދަންޖެހޭ ފަހަރު އާދެއެވެ. އެ މަނިކުފާނު އެކަނިވެރިކޮށް ހުންނެވުމަކީ ވަރަށް ގެއްލުމާއި ކުރިމަތިލާން ޖެހޭ ފަދަ ކަމަކަށް ވެދާނެތީވެ ގެއަށް ބަދަލުކޮށް ދެއްވުމަށް އެމަނިކުފާނު މީގެ ކުރިން ވަނީ އެދިވަޑައިގެންފައެވެ.