އެއިމްސް ހެލްތް ކެއާ އާއި އިންޑިޔާގެ މަޝްހޫރު އެޕޯލޯ ހޮސްޕިޓަލް ގުޅިގެން އެއިމްސް ޑައިގްނޯސްޓިކް ކެއާ ގައި ޓެލެހެލްތް ކެއަރ ޕްރޮގްރާމު ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެއިމްސް އިން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން އެޕޯލޯ ހޮސްޕިޓަލާއެކު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އިއްޔެ ރޭ އީކުއޭޓަރ ވިލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއިމްސްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެއިމްސް ހެލްތް ކެއާގެ ސީއީއޯ އަލީ އިޙްސާނެވެ. އެޕޯލޯ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އިންޓަނޭޝަނަލް ޕޭޝަންޓް ޑިވިޝަންގެ ސީނިއާރ ގުރޫޕް ޖެނެރަލް މެނޭޖަރ ޖިތޫ ޖޯސް އެވެ.
ރާއްޖޭގައި މުޅިން އަލަށް ފަށާ މި ޚިދުމަތާ ގުޅޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ސީއީއޯ އަލީ އިޙްސާން ވިދާޅުވީ މިއީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ގިނަ ބަޔަކަށް ލިބިގެންދާނެ ލުއިފަސޭހައަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.
“ޓެލެހެލްތް ކެއަރ ޕްރޮގްރާމުގެ ދަށުން ބަލިމީހުންނަށް ގައުމުން ބޭރަށް ނުގޮސް އެއިމްސް ހޮސްޕިޓަލް މެދުވެރިވެގެން އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލުގެ ޚާއްޞަ ސްޕެޝަލިސްޓުންނަށް ދެއްކޭނެ ފުރުސަތު ހޯދައި މިދެނީ. ބަލިމީހާގެ ހުރިހާ ރިޕޯޓްސް ތަކާއެކު އޯޑިއޯ ނުވަތަ ވީޑިއޯ ވިޝުއަލްގެ އެހީގައި އެޕޯލޯ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ގުޅާލަދެވޭނެ. އަދި ސްޕެޝަލިސްޓުންގެ އިރުޝާދާއެކު ބޭސް ކުރިއަށް ގެންދެވި ބަލިމީހާގެ ބަލި ޑައިގްނޯސް ކޮށް ބަލިމީހާއަށް ކަންތައްތައް ކުރަންވާގޮތް ކިޔައިދޭނެ. އެކްސްރޭއާއި ލެބް ރިޕޯޓްތައްވެސް ބައްލަވާނީ އެ ޑޮކްޓަރުން” އިޙްސާން ވިދާޅުވިއެވެ.
ރާއްޖެއިން ބޭސްފަރުވާއަށް ދާ ގިނަ ދިވެހިންގެ ޝަކުވާއަކީ އިންޑިއާއިން ލިބެން ހުންނަ ބޭސް ރާއްޖެއިން ނުލިބޭތީ ކަމަށް ވާއިރު އެއިމްސް އިން ވަނީ މިކަމަށް ވެސް ޙައްލު ހޯދުމަށް މަސައްކަތް ފަށާފައެވެ.
“އެއިމްސް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއެކު އާންމުކޮށް ރާއްޖެއިން ލިބެން ނުހުންނަ ބޭސް ވެސް މި ތަނުން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން މިދަނީ. އަލަށް މި ފެށި ޕްރޮގްރާމުގައި ބަލިމީހުންނަށް ބޭނުންވާ ހުރިހާ ޚިދުމަތް ލިބޭފަދަ ފެންވަރު ރަނގަޅު މެޝިނަރީސް ތަކާއެކު ތަން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް މިދަނީ. ބޭނުމަކީ މިތަނަށް ފަރުވާ ހޯދަން އަންނަ ހުރިހާ އެންމެންނަށް ޒަމާނީ ބޭސްފަރުވާ އެންމެ ރަނގަޅު ގޮތުގައި ލިބޭނެ ގޮތް ފަހިކޮށްދިނުން” ކަމަށް އިޙްސާން ވިދާޅުވިއެވެ.
އެއިމްސް އާއެކު އެމްއޯޔޫގައި ސޮއިކުރުމަށް ފަހު އީކުއޭޓަރ ވިލެޖްގައި ހުންނަވައިގެން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން އެޕޯލޯ ހޮސްޕިޓަލުގެ ފަރާތުން ޖީތޫ ޖޯސް ވިދާޅުވީ މި ފެށި ޕްރޮގްރާމުގެ ސަބަބުން ރާއްޖެއިން އިންޑިއާއަށް ބޭސްފަރުވާއަށް ދިއުމަށް މީހުން ކުރާ ޚަރަދުތަކުގެ ތެރެއިން ވަރަށް ބޮޑު ޚަރަދެއް ސަލާމަތް ކުރެވިގެންދާނެކަމަށެވެ.
“ގިނަ ފަހަރަށް ބަލި މީހުން އިންޑިއާއަށް ދާއިރު ދައްކާނެ ރަނގަޅު ޑޮކްޓަރެއް ވެސް އަދި ވަކި ހޮސްޕިޓަލެއްވެސް ކަނޑައެއް ނޭޅޭ. ކޮންމެވެސް ޑޮކްޓަރަކު ބައްޔެއް އެބަހުއްޓޭ ބުނުމުން އެންމެ އެކަށީގެންވާ މައުލޫމާތު ނުލިބި އަތުން ބޮޑު ޚަރަދެއް ކޮށްފައި ބޭރަށް މިދަނީ. މި ޕްރޮގްރާމުގެ ދަށުން އެއިމްސް ކްލިނިކުގައި ހުންނަވާ ޑޮކްޓަރަކަށް ދައްކަވައިގެން އަޅުގަނޑުމެންގެ ޑޮކްޓަރުންނާ ގުޅާލެވޭނެ ފުރުސަތު ހޯދައި މިދެވެނީ. ބަލިމީހާގެ އެ ބައްޔަށް ރާއްޖެއިން ފަރުވާ ހޯދެވެން ނެތް ނަމަ ރާއްޖެއިން ބޭރަށް ގޮސް ހޯދާނެ ފަރުވާ އަކާއި އަދި އެ ބައްޔާ ގުޅޭ ފަރުވާ ހޯދާނެ ޑޮކްޓަރުންގެ މައުލޫމާތުވެސް ބަލިމީހާއަށް ފޯރުކޮށްދެވޭނެ. އަދި ބޭރަށް ނުގޮސް ފަރުވާ ދެވެން އޮތް ނަމަ އަޅުގަނޑުމެންގެ ސްޕެޝަލިސްޓުންގެ އެހީތެރިކަމާއެކު އެ ފަރުވާއެއް ކުރިއަށް ގެންދަނީ” ޖީތޫ ވިދާޅުވިއެވެ.
ޓެލެހެލްތް ކެއާރ ޕްރޮގްރާމުގެ ދަށުން އެޕޯލޯ ހޮސްޕިޓަލުގެ ޚާއްޞަ ސްޕެޝަލިސްޓުން ވިޒިޓިންގ ޑޮކްޓަރުންގެ ގޮތުގައި އެއިމްސް އަށް އައުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އައްޑޫސިޓީގެ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަށް އެންމެ އެދެވޭ ރަނގަޅު ގޮތުގައި ފޯރުކޮށް ދިނުމަށް އެއިމްސް ހެލްތް ކެއާރ ސެންޓަރުން އައްޑޫ ސިޓީގެ ފޭދޫގައި ހުޅުވައިގެން ކުރިއަށް ގެންދާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ހެޕީމާކެޓް މުޙައްމަދު ނަޢީމުގެ ބޮޑު ހިއްސާއެއް އޮންނަ ތަނެކެވެ.