ފުލުހުންގެ ތަހުގީގަށް ފޯނު ހަވާލުކޮށްފައި ނުވާތީ ރައީސް މައުމޫންގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއި ގުޅިގެން މިއަދު ހަވީރު ތިނެއް ޖަހާއިރަށް ތާވަލް ކޮށްފައިވާ އަޑުއެހުން އެމަނިކުފާނުގެ ހާލުކޮޅު ގޯސް ވުމުގެ ސަބަބުން ޝަރީޢަތް ފަސްކޮށްދިނުމަށް ވަކީލު އެދިއްޖެއެވެ.
އިއްޔެ މެންދުރު އެމަނިކުފާނުގެ ޙާލުކޮޅު ތިންވަނަ ފަހަރަށް ގޯސްވެފައިވާތީ ޙާލަތަށް ރިޢާޔަތް ކުރައްވާ މިއަދުގެ އަޑުއެހުން ފަސްކޮށްދެއްވުމަށް އެދިފައިވާ ކަމަށް ރައީސް މައުމޫންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ މައުމޫން ޙަމީދު ވަނީ ވިދާޅުވެފައެވެ.
ޖަލަށް ގެންދިޔުމަށްފަހު އެމަނިކުފާނުގެ ޙާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި އެތަނުގައި ބެހެއްޓުމުގެ ސަބަބުން ހާލުކޮޅު އިތުރަށް ގޯސްވަމުންދާ ކަމުގައި ތަކުރާރުކޮށް ވަކީލު ދަނީ ބުނަމުންނެވެ. މީގެ ކުރިންވެސް ހާލުކޮޅު ގޯސްވުމުގެ ސަބަބުން ބައެއް ޝަރީޢަތުގެ އަޑުއެހުންތައް ކެންސަލްކުރެވިފައިވާ ކަން ފާހަގަ ކުރެވެއެވެ.
ރައީސް މައުމޫންގެ ޙާލަތާއިމެދު ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނުގެ އާއިލާއިން ވަނީ އެތައް ފަހަރެއްގެ މަތިން އެމަނިކުފާނުގެ ގެއަށް ބަދަލުކޮށްދިނުމަށް އެދި ގޮވާލާފައެވެ.