English Edition
Dhivehi Edition

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ށ. ފޯކައިދޫ އާއި ތ. ތިމަރަފުށިން ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދައިފި އެވެ.

މިނިވަން ޗެމްޕިއަން ޝިޕް ފައިނަލްގައި ރޭ މާލޭގައި މި ދެޓީމް ކުޅުނު ފައިނަލް މެޗު ތިމަރަފުށިން ކާމިޔާބުކުރީ 3-0 ލަނޑުގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

2016 ވަނަ އަހަރު ވެސް މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދި ތިމިރަފުށްޓާއި ފޯކާދޫ ބައްދަލު ކުރި މިމެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މެޗު ފެށިގެން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ބޯވާރޭގައި ކުޅެމުން ދިޔަ މިމެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިމަރަފުށިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

ތިމަރަފުށީގެ ފުރަތަމަ ލަނޑު މެޗުގެ 36 ވަނަ މިނިޓްގައި ހައިލަމް ކާމިޔާބުކޮށްދިން އިރު ތިމަރަފުށީގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަމީން ސާހުއެވެ.

ފުރަތަމަ ތިމަރަފުށި ދެ ލަނޑުގެ ލީޑަކާއި އެކު ނިންމާލި ނަމަވެސް ދެވަނަ ހާފްގައި ފަށައިގެން ފޯކައިދޫން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ތިމަރަފުށީ ގޯލަށް ގާތް ގާތުގައި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މި އެއްވެސް ހަމަލާއެއް ގޯލައަކަށް ބަދަލު ކުރެވިފައި ނުވާއިރު ކައުންޓަ އެޓޭކުގައި ތިމަރަފުށިން ވެސް ދިޔައީ ލިބޭ ފުރުސަތުތަކުގައި އެޓޭކް އުފައްދަން މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ތިމަރަފުށީގެ ތިން ވަނަ ލަނޑު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ޖެހީ ނައިޖީރިއާގެ ޑިފެންޑަރު އަޔޮޑޭޖީ ޓޫންޑޭ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ ދެވަނަ ގޯލް ޖެހި އަމީން ޝާހެވެ. ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް ހަވާލުކޮށްފައިވާ އިރު މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޯކައިދޫގެ މުހައްމަދު ފާރިޝްއެވެ