އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ސ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ފޭދޫ ބަލިކޮށް ހިތަދޫ އިން ހޯދައިފިއެވެ
ހިތަދޫ ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗު ހިތަދޫ އިން ކާމިޔާބުކުރީ ފާއިތު ފަސް އަހަރު އައްޑޫ އެއްވެސް ޓީމެއްގެ އަތުން ބަލި ނުވެ އޮތް ފޭދޫ ޕެނަލްޓީގައި 2-5 ލަނޑުން ބަލިކޮށްގެންނެވެ.
ފާއިތުވި ތިން އަހަރު ވެސް މިނިވަސް ޗެމްޕިއަން ޝިޕް ސ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދި ފޭދޫ އާއި ހިތަދޫ ބައްދަލު ކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ.
މި މެޗު ފަށައިގެން ފުރަތަމަ ލަނޑެއް ޖަހައި ލީޑު ނަގާފައިވަނީ ހިތަދޫ ޓީމުންނެވެ. މި ލަނޑު ކާމިޔާބު ކުރީ އެޓީމްގެ ކެމަރޫން ފޯވާޑް އަޗަންގަނާ އޮމްބަލޭއެވެ.
ހިތަދޫ ޓީމުން ފުރަތަމަ ހާފްގައި ލީޑު ނަގައި ކުރި ހޯދި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ފޭދޫ ޓީމުގެ ޒުވާން އިތުބާރު ފޯވާޑް ސަޔަމް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ސަޔަމްގެ ލަނޑުން ދެ ޓީމް ހަމަ ހަމަ ވެގެން ޖެހި ޕެނަލްޓީގައި ހިތަދޫ އިން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު ފޭދޫ އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން އެއް ޕެނަލްޓީ ބޭރަށް ދިޔައިރު ހިތަދޫ ޓީމުގެ ކީޕަރު ވެސް ވަނީ އެއް ޕެނަލްޓީ ދިފާއުކޮށްފައެވެ.
އިއްޔެ ހިތަދޫ އަތުން ބަލިވި ފޭދޫއަކީ މިމުބާރާތް 2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި އިރު މުބާރާތުގެ ޗެމްޕިއަން ޓީމުވެސް މެއެވެ. އެޓީމު ވަނީ މިނިވަން ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން ޕްރެސިޑެންޓްސް ކަޕްގައި ވެސް މީގެކުރިން ވާދަކޮށްފައެވެ.
އައްޑޫ ސިޓީ ބުރުގެ ޗެމްޕިއަންކަން ހޯދި ހިތަދޫ ދެން ވާދަކުރާނީ ޒޯން މުބާރާތުގައެވެ.
ޒޯން 8 ގައި ހިތަދޫ ޓީމާއި ފުވައްމުލަކުގެ ޗެމްޕިއަން ދޫޑިގަމް ބައްދަލު ކުރާ ފުރަތަމަ މެޗު އަންނަ ހޮނިހިރު ދުވަހު އޮންނާނީ ފުވައްމުލަކުގައެވެ.