މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރުގައި ފ.ނިލަންދޫ އާއި ސ.ހިތަދޫ ބައްދަލު ކުރި މެޗު ހިތަދޫ ޕޮއިންޓަކާއި އެކު ނިންމާލައިފިއެވެ.
ނިލަންދޫގެ އަމިއްލަ ސަޕޯޓަރުން ކުރިމަތީ ގައި ހިތަދޫ ޕޮއިންޓެއް ކަށަވަރުކުރީ 1-1 ލަނޑުން މެޗު އެއްވަރުކޮށްގެންނެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ނިލަންދުއަށް އިބްރާހިމް ފުރުގާން (ފުގޭ) ވަނީ ލީޑު ހޯދައިދީފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ހިތަދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ އާދަމް ޝަމީމެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.މިގޮތުން ގްރޫޕް އޭގައި ފ. ނިލަންދުއާއި، ތ. ތިމަރަފުއްޓާއި، ދ. ކުޑަހުވަދުއާއި، ގދ. ހޯނޑެއްދޫ އަދި ސ. ހިތަދޫ ހިމެނޭ އިރު ގްރޫޕް ބީގައި ހިމެނެނީ ށ. ފޯކައިދުއާއި، އދ. ފެންފުއްޓާއި، އ. މާޅޮހާއި، ހއ. މުރައިދޫ އަދި ބ. ފެހެންދޫއެވެ.
ފައިނަލް ބުރުގެ ގްރޫޕް އޭގެ މެޗުތައް ނިލަންދޫގައި ކުޅޭއިރު ގްރޫޕް ބީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫގައެވެ.
ފައިނަލް ބުރުގެ ގްރޫޕް ބީގައި ކުޅުނު މެޗުގައި ފޯކައިދޫ ވަނީ 3-2ގެ ނަތީޖާއަކުން ބ. ފެހެންދޫ ބަލިކޮށްފައެވެ. ފައިނަލް ބުރުގައި ފޯކައިދޫ ކުޅުނު ފުރަތަމަ މެޗުގައި އދ. ފެންފުށި އަތުން މޮޅުވީ 1-0 ލަނޑުންނެވެ.ފައިނަލް ބުރުގެ ގުރޫޕް އޭގައި ނިލަންދޫ ކުޅުނު ފުރަތަމަ މެޗުގައި ތ. ތިމަރަފުށި އަތުން 2-1ގެ ނަތީޖާއަކުން މޮޅުވެފައިވާ އިރު، އިއްޔެގެ މެޗަކީ ހިތަދޫގެ ފުރަތަމަ މެޗެވެ.
މިގުރޫޕުގައި ދެން ހިތަދޫ ކުޅޭ މެޗު ކުޅޭނީ މިމަހުގެ 25 ވަނަ ދުވަހު ގދ. ހޯނޑެއްދޫ އާއި ދެކޮޅަށެވެ.