English Edition
Dhivehi Edition

އެމެރިކަން ރިއަލިޓީ ޝޯވ އެއްކަމަށް ވާ “ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަންސް”ގެ ތަރި ކްލޯއީ އަލަތު ދަރިފުޅު ވިހެއުމަށްފަހު ފުރަތަމަފަހަރަށް ސޯޝަލް މީޑިއާ އަށް އެނބުރި އަތުވެއްޖެއެވެ.

އުމުރުން 33 އަހަރުގެ ކްލޯއީ އަލަތު ދަރިފުޅު ވިހާފައި ވަނީ މިދިޔަ އޭޕްރިލް 12ވަނަ ދުވަހު އެވެ. ވިހެއުމަށް ފަހު އެއްމަސް މާދަމާ އަށް ވާއިރު ކްލޯއީވަނީ ސްނެޕްޗެޓް މެދުވެރިކޮށް ވީޑިއޯ އެއް ޝެއާކޮށްފައެވެ. ވީޑިއޯގައި ކްލޯއީ ބުނެފައިވަނީ ވިހޭތާ އެއްމަސް ވާތީ މިވަގުތަކީ ހަށިގަނޑު ކުރީގެ ހުރިގޮތަށް ބައްޓަން ކުރުމަށް ވީ ވަގުތު ކަމަށެވެ. “މިއަދު އަހަރެންގެ ބޮޑީ ޓްރެއިނަރ ކަސްރަތު ކުރަން ހުއްދަ ދީފި، މެންޓަލީ ވަރަށް ސްޓްރޯންގ އެކަމަކު ފިޒިކަލީ އެހާ ސްޓްރޯންގ އެއްނޫން” ކްލޯއީ ވީޑިއޯ ގައި ބުނެފައި ވެއެވެ.

ކްލޯއީ އާއި ލޯބިވެރިޔާ ޓްރިސްޓަން އަށް ލިބުނު ދަރިފުޅު ޓްރޫ ތޮމްސަންގެ ފޮޓޯ ފުރަތަމަފަހަރަށް ސްމެޕްޗެޓުން ދައްކާލީވެސް މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް އެފޮޓޯގައި ފެންނަނީ ޓްރޫ ތޮމްސަންގެ އަތުގެ ކުޑަތަންކޮޅެކެވެ.

ކްލޯއީ އާއި ޓްރިސްޓަން ލޯބީގެ ގޮތުން ގުޅިގެން އުލޭތާ ތިންއަހަރު ވެފައިވާއިރު އޭނާ އަލަތު ދަރިފުޅަށް ބަލިވެ އިންފަހުންނާއި އޭގެ ކުރީން ޓްރިސްޓަން ސިއްރު ލޯބިވެރިން ގޮވައިގެން އުޅޭތާ އަހަރު ތަކެއް ވެފައިވާ ކަމަށް ބޭރުގެ މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ. އަދި ސިއްރު ލޯބިވެރިންގެ ފޮޓޯތަކާއި އެކު ބޭރުގެ ނޫސްތަކުގައި އެވާހަކަ ފެތުރުނު ދުވަސްކޮޅު ކްލޯއީ ވިހެއުމަށްފަހު މުޅިން ސޯޝަލް މީޑިއާ އާއި ދުރަށް ދިޔައެވެ. މިއަދު ކުރި ސްނެޕްޗެޓް ވީޑިއޯ ގައިވެސް އެއްވެސް ވަރަކަށް ޓްރިސްޓަންގެ ވާހަކައެއް ދައްކާފައި ނުވުމުން އޭނަގެ ފޭނުން ދަނީ އެދެމީހުންގެ ގުޅުމާއި މެދު ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.

ކެނެޑިއަންގެ މަޝްހޫރު ޕްރޮފެޝަނަލް ބާސްކެޓް ކުޅުންތެރިޔާ ޓްރިސްޓަން އާއި ކްލޯއީ ކާޑޭޝިއަން ލޯބީގެ ގޮތުން ގުޅިފައި ވަނީ ސެޕްޓެމްބަރ 2016 ވަނަ އަހަރު އެވެ. ކްލޯއީގެ އަލަތު ދަރިފުޅަށް ބަލިވެ އިންކަން މީޑިއާ އަށް 2017 ޑިސެމްބަރު މަހުގައި ހާމަކޮށްފައި ވާއިރު އެދަރިފުޅު ވިހާފައި ވަނީ މިއަހަރު އޭޕްރިލް 12 ވަނަދުވަހު އެވެ.