English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި ނެހާ ދޫޕިއާ އާއި އަންގަދް ބެޑީ ކައިވެނިކޮށްފިއެވެ.

ނެހާ އާއި އަންގަދް ކައިވެނިކޮށްފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ގުރުދްވާރުގައި އިއްޔެގެ މެންދުރުފަހު ވަގުތެއްގައެވެ. އެދެމީހުންގެ ކައިވެނީގެ ހަފުލާގައި ދެމީހުންގެ އާއިލާގެ ފަރާތުންނާއި ގާތް ރައްޓެހިން ބައިވެރިވެފައިވެއެވެ.

އެދެމީހުން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފެތުރިފައިވީނަމަވެސް ކައިވެނި ކުރަން ތައްޔާރު ވަމުންދިޔަ ކަމެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ނުވެއެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި ނޭހާ އިންސްޓަރގްރަމް ގައި ކައިވެނީގެ ފޮޓޯ ހިއްސާކުރުމަށްފަހު ” ބެސްޓްޑިސިޝަން އިންމައި ލައިފް، ޓުޑޭއި އައި މެރީޑް މައި ބެސްޓްފްރެންޑް، ހެލޯ ދެއަރ ، ހަސްބެންޑް!” މިހެން ލިޔެ އެދެމީހުން ކައިވެނި ކުރިކަން ސޯޝަލް މީޑިއާގައި ޔަގީން ކޮށްދީފައި ވެއެވެ.

ކައިވެނީގެ ހަބާރާއެކު އެދެމީހުންނަށް ބޮލީވުޑްގެ ތަރިން ތަހުނިޔާ ފޮނުވާފައިވެއެވެ.

އުމުރުން 37 އަހަރުގެ ނެހާ ވަނީ ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ ކިޔާ ކޫލް ހޭއިން ހަމް އާއި ޗުޕް ޗުޕް ކޭ އަދިި ސިންގް އިސް ކިންގް ގައި އޭނާގެ އެކްޓިން ހުނަރު ދައްކުވައިދީފައެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިދްޔާ ބަލަން އާއެކު ތުމްހާރީ ސޫލޫ އިންނެވެ. މީގެއިތުރުން ނެހާއަކީ އެމްޓީވީ އިން ދައްކާ މަޝްހޫރު ރިއަލިޓީ ޝޮވ ރޯޑީސް އެކްސްޓްރީމް ގެ ގޭންގް ލީޑަރެއްވެސް މެއެވެ.

އުމުރުން 35 އަހަރުގެއަންގަދްވެސް ވަނީ އުންގްލީ އަދި ޕިންކް ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ސަލްމާން ހާނާއެކު ޓައިގާ ޒިންދާ ހޭ އިންނެވެ. އަންގަދަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ބިޝާން ސިންގެ ދަރިކެއެވެ.