މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ބޭނުމަށް ރަށު، އަތޮޅު އަދި ސިޓީ ފޯކަލް ޕޮއިންޓުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
އިލެކްޝަންސް ކޮ މިޝަނުން އިއްޔެ އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އައްޑޫސިޓީ އަދި ފުވައްމުލަކު ސިޓީއަށް ޖުމުލަ 2 ފޯކަލް ޕޮއިންޓުން ހޯދަން ބޭނުންވާ ކަމަށާއި ރަށު ފޯކަލް ޕޮއިންޓުންގެ ގޮތުގައި 179 މީހުންނާއި އަތޮޅު ފޯކަލް ޕޮއިންޓުންގެ ގޮތުގައި 18 މީހުން ބޭނުންވާ ކަމަށެވެ.
ފޯކަލް ޕޮއިޓުންނަށް އުޖޫރައިގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާ ކަނޑައެޅިފައިވާއިރު ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 150 ރުފިޔާ ދެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މި ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ރަށު ކައުންސިލް އިދާރާ ނުވަތަ އަތޮޅު ނުވަތަ ސިޓީ ކައުންސިލް އިދާރާއެއްގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައިވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަގާމެއް ފުރާ މީހެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.
އަދި ހަމައެހެންމެ ފޯކަލް ޕޮއިންޓްގެ މަގާމަށް ކުރިމަތިލާ މީހާއަކީ، ރިޔާސީ އިންތިހާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ އާއިލީ މެންބަރުކަމުގައި ވެގެން ނުވާނެ ކަމަށާއި ސިޔާސީ ހަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހަކު ކަމުގައިވެގެން ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ފޯކަލް ޕޮއިންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިންތިހާބުގެ ކަންތައްތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްގެ އިދާރާއާއި ދެމެދު ހިންގާ ހުރިހާ މުއާމަލާތްތައް ހިންގުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުން ހިމެނެއެވެ.
އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.