އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހަޑާސްފީލްޑު ބައްދަލު ކުރި މެޗު އެއްވަރުވުމާއެކު އެންމެ ފަހުގެ ލީގު ޗެމްޕިއަން ޗެލްސީއަށް ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ކުރަމުން އައި އުންމީދަށް އިތުރު ހުރަސްތަކާއި ކުރިމަތިލާން ޖެހުނުއިރު ހަޑާސްފީލްޑް ރެލިގޭޝަނުން ސަލާމަތް ވެއްޖެއެވެ.
ހަޑާސްފީލްޑްގެ ދަނޑުގައި ރޭ ކުޅުނު މިމެޗު އެއްވަރުވީ 1-1 ލަނޑުގެ ނަތީޖާއަކުންނެވެ.
ރޭގެ ފުރަތަމަ ހާފްގައި ޗެލްސީގެ ފަރާތުން ހަޑާސްފީލްޑާ ދެކޮޅަށް މޮޅު ކުޅުމުއް ދައްކައި ގިނަ ހަމަލާތަކެއް ފޮނުވާލާފައި ވީނަމަވެސް މިއިން އެއްވެސް ހަމަލާއެއް އެ ޓީމަށް ވަނީ ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު ދެވަނަ ހާފު ފެށިގެން 5 މިނެޓު ވެސް ނުވަނީސް ހަޑާސްފީލްޑުގެ ލޯރެންޓް ޑިޕޯޓޭ ވަނީ އެ ޓީމަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ހަޑާސްފީލްޑުން ލީޑުގައި އަމިއްލަ ދަނޑުގައި ކުޅުނު ނަމަވެސް ވަރުގަދަ ކުޅުމެއް ދައްކަމުން ދިޔަ ޗެލްސީއިން ވަނީ މެޗުގެ 62 ވަނަ މިނެޓުގައި މާކަސް އަލޮންސޯ ޖެހި ލާނޑުން މެޗުގެ ނަތީޖާއެއްވަރު ކޮށްފައެވެ..
މި މެޗު އެއްވަރުވުމާއެކު ހަޑާސްފީލްޑް ވަނީ ރެލެގޭޝަނުން ސަލާމަތްވެފައެވެ. ނަމަވެސް މެޗުން މޮޅުވެ ގަދަ ހަތަރެއްގެ ޖާގައެއް ޗެލްސީއަށް ލިބެން އޮތް ނަމަވެސް މިހާރުވަނީ ގަދަ ހަތަރެއްގެ އުންމީދު ވަރަށް ކުޑަވެފައެވެ.
ރޭގެ މެޗު އެއްވަރުވެ ޗެލްސީ ތާވަލުގެ 5 ވަނާގައި 70 ޕޮއިންޓާއެކު އޮތް އިރު ލީގުގެ 4 ވަނާގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 72 ޕޮއިންޓެވެ.
ކާމިޔާބު ކަމާއި އެކު މިދިޔަ ސީޒަން ނިންމާލި ޗެލްސީއަށް މިސީޒަންގައި އަދި އެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައި ނުވާއިރު ދެން އެ ޓީމް ނިކުންނާނީ އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް މިމަހުގެ 19 ވަނަ ދުވަހު އެވެ.
މިދިޔަ ސީޒަނުގައި ވަރުގަދަ ކުޅުމެއް ދައްކާ ޕްރިމިއާ ލީގު ކާމިޔާބު ކުރި ޗެލްސީއަށް މި ސީޒަނުގައި ގަދަ ހަތަރެއްގެ ޖާގައަކަށް ވާދަކުރަން ޖެހިފައިވާއިރު އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާގެ ވަޒީފާއާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ސީޒަން ނިމުމާއެކު އޭނާ ވަޒީފާއިން ވަކިކުރާނެ އެވެ. މިހެންކަމުން މި ސީޒަނުގައި އޭނާއަށް ތަފާތުދައްކަން ލިބޭނެ ހަމައެކަނި ފުރުސަތަކީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ ފައިނަލް މެޗެވެ