އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ވައްދާލި ލަނޑުތަކުން ކްރިސްޓަލް ޕެލަސް ބަލިކޮށް ލެސްޓާ ސިޓީން ތިންވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. މި މެޗުން ލެސްޓާ މޮޅުވީ 2-1 އިންނެވެ.
ރޭގެ ނަތީޖާއާއެކު ތިންވަނައިގައި އޮތް ލެސްޓާ އަށް 33 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 58 ޕޮއިންޓެވެ. ގަދަ ހަތަރެއްގެ ރޭހުގައި ދެން ހިމެނޭ ވެސްޓް ހޭމް ޔުނައިޓެޑަށް 33 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު އޭގެ އެއް ޕޮއިންޓް ފަހަތުން ހަވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލެވެ. ހަތްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް 33 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެގެން 8 ވަނައިގައި އޮތް އެވަޓަން އަށް ލިބިފައިވަނީ 52 ޕޮއިންޓެވެ.
ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ހީކުރި ގޮތާ ހިލާފަށް ކުރީން ލީޑްނެގީ ޕެލަސް އިންނެވެ. މެޗު ފެށިގެން 12 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ އައިވަރީ ކޯސްޓްގެ ވިންގާ ވިލްފްރައިޑް ޒަހާ އެވެ. މި ހާފުގައި ޕެލަސްގެ ޑިފެންސްލައިން ފޫއަޅުވާލުމުގައި ލެސްޓާ އަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާއިރު ލަނޑުޖެހުމަށް މާރަނގަޅު ފުރުޞަތުތަކެއްވެސް ތަނަވަސްކުރެވިފައެއްނުވެއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ލެސްޓާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޓިމޮތީ ކަސްޓާނިއޭ އެވެ. މިއީ އެ ޓީމުގެ ނައިޖީރިއާ ފޯވާޑް ކެލޭޗީ އިހެނާޗޯ ތަނަވަސްކުރި ފުރުޞަތަކުން ކަސްޓާނިއޭ ކާމިޔާބުކުރި ގޯލެކެވެ.
ލެސްޓާ އިން އެއްވަރުކުރިތާ މާގިނައިރުތަކެއް ނުވަނީސް ޕެލަސް އިން ދެވަނަ ފަހަރަށް ލީޑްނެގުމާ ގާތަށް ޖެހިލިއެވެ. އެގޮތުން، އެ ޓީމުގެ ބެލްޖިއަމް ފޯވާޑް ކްރިސްޓިއަން ބެންޓެކޭ ފޮނުވާލި ބޯޅަ ލެސްޓާގެ ޖޮނީ އެވަންސް ދިފާއުކުރިއިރު އޭގެފަހުން ބެންޓެކޭ ބޮލުން ފޮނުވާލި ބޯޅަ ލެސްޓާގެ ކީޕަރު ކެސްޕާ ޝުމައިކަލް މަތަކުރިއެވެ.
ޕެލަސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ލެސްޓާ އިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައި ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު، މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އިހެނާޗޯ އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި އޭނާ ޖެހި ނުވަ ވަނަ ލަނޑެވެ.
ލީގުގައި ލެސްޓާ އަށް ދެން އޮތީ މެއި މަހުގެ 1 ވާ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެ ދުވަހު އަމިއްލަ ދަނޑުގައި ޕެލަސް ނިކުންނާނީ ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.