އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ދެ ފަނޑިޔާރުން ޖަލަށްލާން ހުކުމް ކޮށްފައިވަނީ އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. މި މައްސަލަ ސާބިތުކުރުމަށް ދެފަނޑިޔާރުންނާއި ދެކޮޅަށް ސިއްރު ދެ ހެއްކަކާއި ކޯޓު އަމުރުތަކެއް ހުށަހެޅިއެވެ.
އިއްޔެ ބޭއްވުމަށް ދެ ފަހަރު ތާވަލު ކުރުމަށްފަހު ކެންސަލް ކުރި ހުކުމް އިއްވުމުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރުއެވެ. ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ގާޒީ ހުސައިން ޝަހީދު ވަނީ ދެ ފަނޑިޔާރުންގެ އަދަބު ހަތަރު ގުނައަށް ބޮޑު ކުރުމަށް ވެސް ކަނޑައަޅުއްވާފައެވެ. އެ ކުށުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހެވެ. ނަމަވެސް ހަތަރު ދަރަޖައަށް މަތިކުރެއްވުމުން އަދަބު ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަސް އުފުލިފައެވެ.
އެގޮތުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމުގެ ހުވާކުރައްވައިގެން ތިއްބަވައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވާފައިވާކަން ހެކީންގެ ހެކިބަހުން ސާފުކޮށް އެގެން އޮތުމުން އަދަބުގެ ދަރަޖަ މަތިކުރެއްވީ ކަމަށް ގާޒީ ޝަހީދު ވިދާޅުވިއެވެ.
ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި ކިތާބީ ހެއްކަށް ބަލާއިރު މި ދެ ފަނޑިޔާރުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ.
ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީޘްތަކަށް ވެސް ރިއާޔަތް ކުރުމަށްފަހުއެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަރާތުން އެ މައްސަލާގައި ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.