ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ވެސް ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.
މިއަދު 10 އެއްޖަހާއިރު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ އެ އަޑުއެހުން ކެންސަލުކޮށްފައިވާ އިރު އެ މަނިކުފާނުގެ މައްޗަށް ކުރާ ދައުވާތަކާއި ގުޅިގެން އިއްޔެ ބާއްވަން އުޅުނު އަޑުއެހުން ވެސް ވަނީ ކެންސަލުކޮށްފައެވެ . އެމަނިކުފާނުގެ ޝަރީއަތް އިއްޔެ ކެންސަލް ކުރަން ޖެހުނީ ސިއްހީ ހާލަތު ތަން ނުދޭތީ ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ.
ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން މިއަދު އޮތް އަޑުއެހުން ކެންސަލު ކުރި ސަބަބު އަދިވަނީ ސާފުވާ ގޮތް ނުވެފައެވެ.
މިއީ ރައީސް މައުމޫންގެ ޝަރީއަތް ކެންސަލް ކުރި ތިން ވަނަ ފަހަރެވެ.
ރައީސް މައުމޫނުގެ ސިއްހީ ހާލަތު ގޯސްވެ ކޮންމެ ވަގުތަކު ވެސް ވެއްޓިވަޑައިގެންފާނެ ކަމުގެ ބިރު އޮތް ކަމަށް ޑޮކްޓަރާ ހަވާލާދީ ވަކީލުން ދަނީ ބުނަމުންނެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރެ އެވެ. އެ މަނިކުފާނުގެ މައްޗަށް ދަނީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކުރަމުންނެވެ.