ދައުލަތުގެ ލިޔެކިޔުންތައް ބަދަލު ކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދު ކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދު އެންގެވި ކަމަށް ހެކިވެރިއަކު ބުނެފި އެވެ
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އެއް ހެކިވެރިޔަކު ބުނެފައިވަނީ ފެބްރުއަރީ ހަތަރެއް އަދި ފަސްވަނަ ދުވަހު ޖެމްސްގެ ހިދުމަތް މެދުކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އަމުރު ކުރެއްވި ކަމަށާއި އުއްތަމަ ފަނޑިޔާރު “އިންސްޓްރަކްޝަން” ދެއްވި ގޮތަށް އަމަލު ކޮށްފައިވާނެ ކަމަށެވެ
ޖެމްސް ސިސްޓަމް ހުއްޓުމަކަށް ގެންނަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުކުރަން ދައުލަތުން ހަތަރު ހެކިވެރިއަކު ހުށަހެޅި އެވެ
ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަންގަވާފައިވޭތޯ ދައުލަތުގެ ވަކީލް ޝަމްލާ ޝަމީމް ސުވާލު ކުރެއްވުމުން ސިއްރު ހެކިވެރިޔާ ބުނީ އެގޮތަށް އިރުޝާދު ލިބިފައިވާ ކަމަށާއި އެހެންވެ، އެކަމާ ގުޅޭ މުވައްޒަފަށް ގުޅައި އެގޮތަށް އަމަލުކުރަން އަންގަވާފައިވާނެ ކަމަށެވެ. މީގެއިތުރުން ސުޕްރީމް ކޯޓުން ފޮނުވަން ޖެހޭ ލިޔުމެއް ފޮނުވުމަށްޓަކައި ޖެމްސްގެ ޚިދުމަތް އަލުން ގުޅުމަށް ވެސް އުއްތަމަ ފަނޑިޔާރު އަމުރުކުރެއްވި ކަމށާއި އެހެންވެ، ލިޔުން ފޮނުވުމަށް ޖެމްސްގެ ޚިދުމަތް އަލުން ގުޅަން މުވައްޒަފުންނަށް އަންގާފައިވާނެ ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ
އުއްތަމަ ފަނޑިޔާރުގެ މައްޗަށް މި މައްސަލަ ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ