އައްޑޫ ސިޓީ މަރަދޫގައި މިދިޔަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ހުޅުވި “ޗެރީޓީ ކެފޭ” އިން ލިބިގަންނަ ޙިދުމަތުގެ ފައިދާ ގިނަބަޔަކަށް ކުރާނެ ތަނަކަށް އެތަން ވާނެކަމާމެދު ޝައްކެއްވެސް ނެތެވެ
ހައުސިންގް މިނިސްޓްރީގެ އައްޑޫ ސިޓީގެ ކޯރޑިނޭޓަރ އަބްދުއްﷲ ޒާހިރު ހުޅުއްވައި ދެއްވި މި ކެފޭއަކީ ރަބީއުލް ޤުލޫބް އިން އެޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރު މުހައްމަދު މަޤްސޫދަށް ކުއްޔަށް ދީފައިވާ ތަނެކެވެ. މަރަދޫ ތައިސީރުލް ޤުރުއާން ކްލާސް ކައިރީގައި ހުޅުވާފައި ވާ މި ކެފޭގެ މަގުސަދަކީ ރަބީއުލް ޤްލޫބް ފައުންޑޭޝަނުން ހިލޭސާބަހަށް ޤުރުއާނުގެ އިލްމް ފަތުރަމުން ދާތަނަކަށް ވާތީ އެތަން ހިންގުމަށް ބޭނުންވާ ފަންޑް ހޯދާ މި މަސައްކަތް ވިހާވެސް ގިނަ ބަޔަކަށް ފައިދާ ހުރި ގޮތަކަށް ކުރިއަށް ގެންދިއުމެވެ. މިކެފޭގެ ހިންގަމުން ދާނީ ފައިދާގެ % 80ރަބީއުލް ޤްލޫބް ފައުންޑޭޝަން އަށް ލިބޭގޮތަށެވެ
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ރަބީއުލް ގްލޫބްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ހުޝާމް ވިދާޅުވީ އެފައުންޑޭޝަންގެ ދަށުންހިންގާ ތައިސީރުލް ޤްރުއާން ކްލާހުގައި މިހާރުވެސް އެކި ލެވެލް އަށް ކިޔަވަމުންގެންދާ 300 އެއްހާ ދަރިވަރުން އެބަ ތިބިކަމަށެެވެ. އަދި ޤުރުއާން ކްލާހުގެ ދަރިވަރުންނަށް ހާއްސަ ޔުނިފޯމެއް ބޭނުންކުރަމުން އަންނައިރު މިވަގުތު އެ ފައުންޑޭޝަންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދު 16 އަށް އަރާކަމަށެވެ. މީގެ އިތުރުން ހުޝާމް ވިދާޅުވީ މި ވަގުތު އެތަން ހިންގުމަށް ހުރި ގޮންޖެހުމަކީ ފައިސާގެ ދަތިކަން ކަމަށެެވެ.
ރަބީއުލް ޤުލޫބް ފައުންޑޭޝަން އަކީ 2014 ވަނަ އަހަރުން ފެށިގެން ޤުރުއާނުގެ އިލްމު ފެތުރުމުގެ މަސައްކަތް ކުރަމުން ދާ ޖަމިއްޔާ އެކެވެ. މިޖަމިއްޔާއިން ހިންގަމުން ދާ ކަންތައް ތަކުގެ ތެރޭގައި، ތަދްރީސުލް ޤުރުއާންގެ ނަމުގައި ހިލޭސާބަހަށް ކިޔަވައިދޭ އެކި ލެވެލްގެ ޤުރުއާން ކްލާހެއް ހިންގުމާއި ދީނީ ދަރުސް ދިނުމާއި އެކި އެކި ދީނީ ވޯކްޝޮޕް ތައް ހިންގުމުގެ އިތުރަށް އެކި އެކި ކޯސްތައް ހިންގަމުން ދެއެވެ.
މިޖަމިއްޔާއަށް ފަންޑް ރައިޒް ކުރުމަށް މޭއި އެއްވަނަދުވަހު”ކަޕްކޭކް ޑޭ” ގެ ނަމުގައި މުއައްސަސަތު ރަބީއިލް ޤްލޫބް ޕީޓީއޭ ގެ ފަރާތުން ކަޕްކޭކް ވިއްކުމުގެ ޕްރޮގްރާމެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.