English Edition
Dhivehi Edition

މީގެ އަހަރު ތަކެއް ކުރިން އައްޑޫ އަށް ޙާއްސަކޮށްގެން ނެރުނު “އައްޑޫ ކަލަންޑަރ” އައްޑޫގެ ޖަމިއްޔާ އަކުން ނެރެން ނިންމައިފި އެވެ.

މިފަހަރު “އައްޑޫ ކަލަންޑަރ 2019” ނެރެނީ އައްޑޫގެ ޖަމިއްޔާ އެއްކަމަށްވާ “ރަބީއުލް ޤުލޫބް ފައުންޑޭޝަން” އިންނެވެ.

ރަބީއުލް ޤުލޫބް ފައުންޑޭޝަންގެ ސެކްރެޓްރީ ޖެނެރަލް އިބްރާހިމް ހުޝާމް ހުސެއިން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ވިދާޅުވީ އައްޑޫގެ ނަމާދު ވަގުތުތައް ހިމަނައިގެން “އައްޑޫ ކަލަންޑަރު” ގެ ނަމުގައި އަންނަ އަހަރުގެ ކަލަންޑަރ ނެރެން ނިންމާފައި ވަނީ އައްޑޫގެ ނަމާދު ވަގުތު މާލޭގެ ނަމާދު ވަގުތާ ބޮޑުތަން ތަފާތު ވުމުން އައްޑޫގެ ރައްޔިތުންނަށް ނަމާދު ގަޑި ފަސޭހައިން އެނގޭނެ ގޮތެއް ހޯދައި ދިނުމަށް ކަމަށެވެ. އަދި މިދިޔަ އަހަރުގެ ކަލަންޑަރ އެއްވެސް ފަރާތަކުން ނެރެފައި ނުވާތީ އައްޑޫގެ ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާ ލިބުމުން މިފަހަރު ރައްޔިތުން އެދިގެން މިޖަމިއްޔާ އިން ކަލަންޑަރ ނެރެން ނިންމީ ކަމަށެވެ. “މިހާރު ކަލަންޑަރ ޑިޒައިންކޮށް ނިމިފައިވީ، އިންޝާﷲ މިއަހަރު ނޮވެމްބަރ ނޫނީ ޑިސެމްބަރ ހިސާބުގައި ކަލަންޑަރ ވިއްކަން ފަށާނަން” ހުޝާމް ވިދާޅުވިއެވެ. މީގެ އިތުރަށް ހުޝާމް ވިދާޅުވީ ކަލަންޑަރ ޑިޒައިން ކޮށްފައި ވާނީ ކޮންމެ ގަނޑެއްގައި ދީނީ މެސެޖެއް ހިމަނާފައި ކަމަށެވެ. އައްޑޫ ކަލަންޑަރ ޑިސެމްބަރ މަހު ވިއްކުމަށް ހަމަ ޖެހިފައި ވާއިރު ހުޝާމް ވިދާޅުވީ ކަލަންޑަރގެ އަގު އެނގޭނީ ޗާޕްކޮށް ނިމުމުން ކަމަށާއި ކަލަންޑަރ ވިއްކަން އައްޑޫގެ ބައެއް ބުކްޝޮޕް ތަކުން ޝައުގު ވެރިވާ ކަމަށް ބުނެފައި ވާކަމަށެވެ.

ރަބީއުލް ޤުލޫބް ފައުންޑޭޝަން އަކީ ޤުރުއާނުގެ އިލްމު ފެތުރުމުގެ މަސައްކަތް ކުރަމުން ދާ ޖަމިއްޔާ އެކެވެ. މިޖަމިއްޔާއިން ހިންގަމުން ދާ ކަންތައް ތަކުގެ ތެރޭގައި، ތަދްރީސުލް ޤުރުއާންގެ ނަމުގައި ހިލޭސާބަހަށް ކިޔަވައިދޭ ޤުރުއާން ކްލާހެއްހިންގުމާއި ދީނީ ދަރުސް ދިނުމާއި އެކި އެކި ދީނީ ވޯކްޝޮޕް ތައް ހިންގުމުގެ އިތުރަށް އެކި އެކި ކޯސްތައް ހިންގަމުން ދެއެވެ،

އެންމެ ފަހުން އައްޑޫ ކަލަންޑަރ ނެރެފައިވަނީ 2017 ވަނަ އަހަރެވެ.