ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް ނިސްބަތްވާ ހަތަރު މެންބަރަކު އެ ޕާޓީން ވަކިވިކަން ކަމާބެހޭ މުއައްސަސާތަކަށް އަންގާފައިވާ ކަމަށާއި ޕީޕީއެމްގެ މެމްބަރުން ނޫންކަން މަޖިލީހުގެ ތަޅުމުން އިއުލާނު ކުރާ ހިސާބުން އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ޕީޕީއެމްގެ ޕާލިމެޓްރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. ޕީޕީއެމުން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އިއުލާނުކޮށްފައި ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމުން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ. “ޕީޕީއެމްގެ މެމްބަރުން ނޫންކަން މަޖިލީހުގެ ތަޅުމުން އިއުލާނު ކުރާ ހިސާބުން އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ. އެހާ ހިސާބުން މިހާރު ހުށަހަޅާފައިވާ މަސީހުގެ އިތުބާރުގެ މައްސަލަ ސައްހަތޯ ސުވާލު އުފެދޭ ” ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވީ އެގޮތަށް އެކަން ވެއްޖެ ނަމަ މަޖިލީހުގެ ރިޔާސަތު އިންނަވާނީ މަޖިލީހުގެ މިހާރުގެ ވެސް ރައީސް މަސީހު ކަމަށެވެ. މަޖިލީހުގެ ތަޅުމުން އެ މެމްބަރުންނަކީ ޕީޕީއެމްގެ މެމްބަރުން ނޫން ކަމަށް އިއުލާނު ކުރާ ހިސާބުން ގޮނޑި ގެއްލޭނެ ކަމަށް ނިހާން ވިދާޅުވި ނަމަވެސް އިދިކޮޅު ކޯލިޝަނުން ރައީސް މައުމޫނު ވިދާޅުވެފައި ވަނީ އެހެން ހަމަ ބުންޏަސް ގޮނޑިއެއް ނުގެއްލޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ހުކުމް ކުރި ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން ވަކިވުން ނުވަތަ އަމިއްލައަށް ޕާޓީން ވަކިވުން ނުވަތަ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގޮނޑި ގެއްލޭނީ އިންތިޚާބުވި ޕާޓީން ވަކިވެއްޖެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.